އައްޑޫ ސިޓީގެ ހިތަދޫ އިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ އުބައިދުﷲ ހަސަން (28އ) ހިތަދޫ އިން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށެވެ.
އުބައިދުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:00 ގައި ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމަށް ފުލުހުން ބުންޏެވެ.
"އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް،" ފުލުހުން ބުނެފައިވެ އެވެ.
އުބައިދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅަން ފުލުހުން އެދިފައިވެ އެވެ.

އައްޑޫ ސިޓީން މީހަކު ގެއްލިގެން ހޯދަމުންދާއިރު، މީގެ 14 ދުވަސް ކުރިން ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިރޭ ވަނީ ފެނިފަ އެވެ.
އެކަމާ ގުޅިގެން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު މިރޭ ނޫސްވެރިންނަށް ވިދާޅުވީ އެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށެވެ.
"ބޮޑީ އޮތީ ވަރަށް ބޮޑަށް ޑިކޮމްޕޯސްޑް ސްޓޭޓެއްގައި. މިހާތަނަށް ބެލި ބެލުމުން މި ބޮޑީ އަކީ މުހައްމަދު އަޒްހާންގެ ހަށިގަނޑަށްވުމުގެ ފުރުސަތު ވަރަށް ބޮޑު،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާތީ، ހަށިގަނޑުގައި އެއްވެސް ޒަހަމްތަކެއް ހުރި ކަމަށް ބުނަން އަދި ދަތި ކަމަށެވެ.
އެ މައުލޫމާތު ޔަގީންކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށާއި، ޕޯސްޓްމޯޓަމް ހަދާނެކަން އަޒްހާންގެ އާއިލާއަށް ވެސް އަންގާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.











