ސްކޫލްތަކުގައި ފާހަގަ ކުރާ ހާއްސަ މުނާސަބަތުތަކާއި އެކި ހަރަކާތްތަކަށް ބެލެނިވެރިންގެ އަތުން ބޮޑެތި ހޭދަތައް ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކުގެ އިސްވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި އޮތީ އެކި މުނާސަބަތުތަކަށް ބެލެނިވެރިންގެ އަތުން ހޭދަ ކުރަންޖެހޭ ގޮތަށް ސްކޫލްތަކުން ކަންކަން އިންތިޒާމް ކުރަމުންދާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.
"ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމާއި އެކިއެކި ހަފުލާތައް ބޭއްވުމަށް ބޮޑެތި ހަރުދުތައް ނުކުރުމީ މިނިސްޓްރީގެ އިލްތިމާސެއް،" އެ ސިޓީގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސިޓީގައި އޮތީ، އެކި ހަރަކާތްތަކަށް ސްޕޮންސަރުންގެ އަތުން ފައިސާ ހޯދުމަށްފަހު ވެސް ބެލެނިވެރިންގެ އަތުން ސްކޫލުން ފައިސާ ނަގާ ކަމަށެވެ. އެއީ ސަރުކާރުން ހިތްވަރުދޭ އަމަލެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި އޮތެވެ.
އޭގެ އިތުރުން އެ ސިޓީގައި ބުނެފައި އޮތީ، މިވަގުތު ދުނިޔޭގެ އިގްތިސާދު އޮތް ހާލަތަށް ރިއާޔަތްކޮށް، އެފަދަ ހާލަތެއްގައި ހަރަދު ކުޑަކޮށް އިސްރާފުކުރުން މަދުކުރުމަށް ތައުލީމީ ދާއިރާގެ ތެރެއިން ދަރިވަރުންނަށް ސްކޫލްގެ ފަރާތުން ނަމޫނާ ދެއްކޭނެ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ފާހަގަ ކުރީ، ބެލެނިވެރިންގެ އަތުން ހޭދަވާ ހަރަދުތަކަކީ ސީދާ ދަރިވަރުންނަށް މަންފާ ލިބޭނެ ކަންކަންކަމުގައި ޔަގީންވާންޖެހޭ ކަމަށެވެ.
މީގެ އިތުރުން މިފަދަ ބޮޑެތި ހަރަދުތައް ކުރަން ޖެހުމުގެ ސަބަބުން މިނިސްޓްރީއަށް ބެލެނިވެރިންގެ ފަރާތުން ޝަކުވާ ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ހަރަކާތްތަށް ރޭވުމުގައި ހަރަދުކުޑަ ކުރުމުގެ ވިސްނުން ގެންގުޅުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތަކުގެ ވެރިންނަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.













