މިދިޔަ ސެޕްޓެމްބަރު 26، ގައި ނިޔާވި މިސްރަށް މީގެ 11 އަހަރު ކުރިން ގެނައި އިންގިލާބުގެ އެއް ބާނީ އަދި އިސްލާމް ދީނުގެ މަޝްހޫރު އިލްމުވެރިޔާ ޔޫސުފް އަލް ގަރްދާވީގެ މައްޗަށް މާދަމާގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޣައިބުގައި ކަށު ނަމާދުކުރަން ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
ގަރްދާވީ ނިޔާވީ އުމުރުފުޅުން 96 އަހަރުގަ އެވެ. އެމަނިކުފާނަކީ މި ޒަމާނުގެ ޝަރީއާގެ ފުންނާބު އުސް އިލްމުވެރިޔެއް ކަމަށާއި އިސްލާމީ ފިކުރު ފެތުރުމާއި އިޖުތިހާދު ކުރުމުގެ އިސް މޭސްތިރިޔެއް ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވެ އެވެ.
އެހެންކަމުން، ރާއްޖޭގެ ހުރިހާ ހުކުރު ކުރާ މިސްކިތެއްގައި މާދަމާގެ ހުކުރު ނަމާދަށްފަހު އެމަނިކުފާނުގެ މައްޗަށް ޢައިބުގައި ކަށުނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.
މުހައްމަދު މޮރްސީގެ ސަރުކާރު 2013 ގައި ވައްޓާލި ފަހުން ގަރްދާވީ ދިރިއުޅުއްވަމުން ދިޔައީ ގަތަރުގަ އެވެ. ނިޔާވީ ވެސް ގަތަރުގައި ހުންނަވަނިކޮށެވެ.
ގަރްދާވީއަކީ ކޮން ބޭފުޅެއް؟
ގަރްދާވީއަކީ މިސްރުގައި ހަރުކަށި ވެރިކަމެއް ކުރި ހުސްނީ މުބާރަކްްގެ ވެރިކަން އިންގިލާބުކޮށްފި މުސްލިމް ބްރަދާހުޑްގެ މުހިންމު މެމްބަރެކެވެ. އެ ޖަމިއްޔާގެ މަސައްކަތުގައި އުޅުއްވައިގެން 1950 ވަނަ އަހަރު، މިސްރުގެ އެއިރުގެ ރައީސް ގަމާލް އަބްދުއްނާސިރުގެ ވެރިކަމުގައި ޖަލުގައި ބަންދު ކުރި އެވެ.

އޭގެ ފަހުން 1960 ގެ އަހަރުތަކުގެ ތެރޭގައި މިސްރު ދޫކުރައްވައި ގަރްދާވީ ގަތަރަށް ވަޑައިގެންނެވި އެވެ. އެއިރު އަލަށް އުފެއްދި ގަތަރު ޔުނިވާސިޓީގެ މުހިންމު މަގާމުތަކެއް އަދާ ކުރެއްވި އެވެ. އަދި 1968 ވަނަ އަހަރު ގަތަރުގެ ސިޓިޒަންޝިޕް ވެސް ގަރްދާވީ ހޯއްދެވި އެވެ.
ގަރްދާވީ ނިޔާވިއިރު އެމަނިކުފާނު ވަނީ 120 ފޮތް ލިޔުއްވައިފަ އެވެ. އެހެންނަމަވެސް އެންމެ ބޮޑަށް މަގްބޫލުކަން ހޯއްދެވީ 1960 ވަނަ އަހަރު ލިޔުއްވި "އަލް ހަލާލް، ވަލް ހަރާމް ފިލް އިސްލާމް" މި ފޮތުންނެވެ. އަދި 1973 ވަނަ އަހަރު ލިޔުއްވި "ފިގްހު އަލް ޒަކާތު" ފޮތަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. އިސްލާމް ދީނުގެ މުހިންމު ތަފާތު ދާއިރާތަކަށް އެމަނިކުފާނު ވަނީ ފޮތް ލިޔުއްވައިފަ އެވެ.
ނަމަވެސް ގަރްދާވީ މުޅި ދުނިޔެއަށް މަޝްހޫރުވީ އަލް ޖަޒީރާގެ "އައް ޝަރިއްޔާ ވަލް ހަޔާތު" މި ޕްރޮގްރާމުގެ ބައިވެރިއެއްގެ ގޮތުގަ އެވެ. މުޅި ދުނިޔޭގެ ގާތްގަނޑަކަށް 40 މިލިއަން މީހުން އެ ޕްރޮގްރާމް ބެލި އެވެ.













