ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

13 ވަނަ ބަޔާ ގުޅޭ

އެރޭގެ ވާހަކަތައް ދޮންބެ ކިޔައިދެމުންދާ ވަރަކަށް އަހަރެންގެ ސިކުނޑީގައި އެ މަންޒަރުތައް ކުރެހޭ މިންވަރު ދިޔައީ އިތުރުވަމުންނެވެ. އެ އިހުސާސްތައް ހިތުގައި ފެވެމުންދާ މިންވަރު ދިޔައީ ބޮޑުވަމުންނެވެ. ކޮންމެވެސް ވަރަކަށް ރުޅި ވެސް އިސްކުރެވެމުން ދިޔަ އެވެ. އާމިރާ އެ މަގުން ހިނގީތީ އެވެ. އަޅާން ނުވާ ގޯޅިއެއް އެޅީތީ އެވެ.

"އަހަރެން ވެސް ގަބޫލުކުރަން ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން ވެސް،" ދޮންބެ އިސް ޖަހައިލި އެވެ. "އެކަމަކު ހާލަތާއި ވަގުތު އަހަރުމެން ގެން ގޮސް ބެހެއްޓީ ބަހައްޓަން ނުވާ މަގާމުގައި. އެހައި ހިސާބުން ތިންވަނަ ފަރާތަކަށް އަހަރުމެންގެ ބޮލަށް ސަވާރުވީ އެ ފަދަ ކޮންމެ ފުރުސަތަކަށް ބަލަބަލައި އޮންނަ ކަލޭގެ."

އަހަންނަށް ބަލައިލެވުނީ ދޮންބެދައްތަގެ މޫނަށެވެ. އޭނާ ގިސްލަނީ އެވެ. ރޮނީ އެވެ. މަތި ހަށިޖެހޭވަރު އިތުރުވަނީ އެވެ.

"އާނ! އަހަރެންގެ އެކްސިޑެންޓަށްފަހު ފުރަތަމަ ދުވަސްކޮޅު އަހަންނަށް ކަންކަން ނޭނގުނު. ވާނުވާ ނޭނގުނު. އެކަމަކު އާމިރާގެ ފިރުމުންތަކާއި ގޭގައި އެކަނިވާ ކޮންމެ ވަގުތަކު އޭނާއާއެކު އެ ހޭދަކުރެވުނު ވަގުތުތަކުގެ ސަބަބުން ކުއްލިއަކަށް އަހަންނަށް އެ ހަނދާންތައް އާވެ، މީހާ ނޯމަލް މީހަކަށް ވެގެން ދިޔަ." ދޮންބެ ބަލައިލީ ސީދާ އަހަންނާ ދިމާއަށެވެ.

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ދޮންބެ މޫނަށް ކަޅި ޖަހައި ނުލައި ބަލަން ހުރެވުނެވެ.

"އާނ! މި އަހަރުގެ ކުރީކޮޅު އަހަރެން ނޯމަލް ވެއްޖެ. އެކަމަކު އަހަރުމެންގެ ގުޅުމަށް ޓަކައި އަހަރުމެން ނިންމީ އެންމެ ރަނގަޅު ގޮތަކީ އަހަރެން އިހަށް ދުވަސްކޮޅަކަށް ހަމަ ނުޖެހޭ މީހެއްގެ ގޮތުގައި ހުންނަން،" ދޮންބެ ފެށި އެވެ. "ފަހުން އަހަރެން މި އުޅުނީ އެކަހަލަ މީހަކަށް ވެގެން."

"އަހަރުމެންގެ މެދުގައި މައްސަލަ ޖެހޭން ފެށި. ކޮއްކޮ ގާތުން ވަރިވެ އަހަންނާ އިންނަން އާމިރާ ދެކޮޅު ހަދާން ފެށުމުން. ކުރިން ދުވަހު ފޯނު ހަލާކުކޮށްލެވުނީ ވެސް އެ ކަމާ ހެދި އައި ރުޅިން. އޭގެ ކުރިން ދުވަހު އާމިރާގެ ހެދުންތައް ކޮށައިލެވުނީ ވެސް އެހެންވީމަ." ދޮންބެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އާމިރާ އަހަންނާ ދިމާއަށް ކަތި ނަޒަރަކުން ބަލައިލި އެވެ. އަހަރެންގެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އެކުގައި އޮހިގަތެވެ.

"އަހަރެން ބޭނުމެއް ނުވޭ ފާފަ މަތީ ހާލި ހަދާކަށް. އަހަންނަށް އެނގޭ މިހާރު ވެސް މި ކުރެވުނީ ކިހާ ވަރެއްގެ ފާފައެއްކަން." ދޮންބެ އިތުރަށް ވާހަކަދެއްކި އެވެ.

"އަހަންނަށް.. އަހަންނަށް." އަހަރެން އަނގަ ހުޅުވާލީމެވެ.

ހީވީ ކަރުބެދިފައިވާ ހެންނެވެ. ބުނަން އުޅުނު ވާހަކަ އަނގައިން ނުނިކުތެވެ. ބޭރެއް ނުވި އެވެ. ނަމަވެސް އަނެއްކާ ވެސް ހިތްވަރުކޮށްފައި ބުނީމެވެ.

"ކޮންމެ ގޮތެއް ވިޔަސް އަހަރުމެން.. އަހަރުމެންގެ ކާވެނި މިހާރު." އަހަރެން ބުނާން އުޅުނު ވާހަކަ ކަރުބުޑުގައި ތާށިވި ކަހަލަ އެވެ.

"ރަޔާން." ކަރުނައިން ތެމި ފޯވެފައިވާ ދެ ލޯ ފޮހެލަމުން އާމިރާ އަހަންނާ ދިމާއަށް އައެވެ.

"ނޫން. އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ. އެހެން މީހަކާ އެކު އާމިރާ ކަމެއް ކުރިނަމަވެސް، ގޮތަކަށް އުޅުނު ނަމަވެސް އަހަންނަށް ކެތްކުރެވުނީސް ކަންނޭނގެ. މައާފު ވެސް ކުރެވުނީސް ކަން ނޭނގެ. ދޭ! ދޭ! އަހަރެންގެ ކުރިމަތިން ދޭ." އަހަރެންގެ އަމިއްލަ ނަފުސަށް ބާރެއް ނުފޯރުނުވުނެވެ.

"އަހަރެން ދައްކާ ވާހަކަ ވެސް އަޑުއަހާ!" އާމިރާ ބުނެލި އެވެ.

"ދައްކާނެ އިތުރުވާހަކައެއް ނޯންނާނެ. އަޑުއަހާނެ ވާހަކައެއް ވެސް. ދެން ފުދިއްޖެ. ވާހަކަތައް އަޑު އެހުމުން އަހަރެންގ ރުޅި އިތުރަށް ގަދަވުން ނޫންކަމެއް ނުވާނެ." ފާރާ ދިމާއަށް އަހަންނަށް ޖެހިލެވުނެވެ.

"ކަމެއް ގޯސްވާއިރު ވަކި އެކަކު ކުށްވެރިކޮށްގެން ނުވާނެ. ރަޔާން ކިތައް ދުވަސް އަހަންނަށް ވަގުތު ދިނިން. ރަޔާނަށް މުހިއްމުވަނީ އޮފީސް، އޮފީސް މަސައްކަތް. ނިދަން އޮށޯވެ ނުނިދިގެން ކިތައްރޭ އަހަރެން އުޅުނިން. އެކަމަކު ވެސް ރަޔާނުގެ ބައިވެރިޔަކީ ލެޕްޓޮޕް. ހީވަނީ ރަޔާން އިނދެގެން އުޅެނީ ލެޕްޓޮޕާހެން." އާމިރާ އަމުނައިލި އެވެ.

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އާމިރާ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުވެވުނެވެ.

"އަހަރެން ވެސް ކެތްކުރީ. ކެތްތެރިވީން. ނަމަވެސް އަހަންނަށް ބޭނުންވި ކަންކަން ފުރިހަމަ ނުވެވުނީމަ ދެވަނަ ގޮތެއް ހޯދަން ނުވިސްނާ ހުއްޓާ މިކަމެއް ހިނގީ. މިއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫން. ބޭނުންވެގެން އުޅުނު ގޮތެއް ނޫން. އެކަމަކު... އެކަމަކު މިހާރު އަހަންނަށް ވެސް ކުލަ އެނގިއްޖެ. ރަހަ ފެނިއްޖެ. އެއް ލެޔަކަސް ލަނީ ދެ ރަހައެއް." އާމިރާ ހިންދިރުވާލި އެވެ.

މުޅި މައިގެ ތެރެއިން އިވެމުން ދިޔައީ ރުއިމާއި ގިސްލުމުގެ އަޑެވެ. އެ އަޑުތައް ފަނޑުވަމުން ފަނޑުވަމުން ގޮސް ހިނދުނެވެ. އަހަންނަށް ބަލައިލެވުނެވެ. ކޮންމެ މީހަކު ވެސް އެމީހަކު އެ ހުރި ތަނެއްގައި ހުރީ އެވެ. ހީވަނީ ބުދުތަކެއް ބަހައްޓާފައި ތިބިހެންނެވެ.

"މިއަދުން ފެށިގެން އާމިރާއަކީ އަހަރެންގެ އަނތްބެއް ނޫން. އަދި އަހަރެން ދޮންބެކަމުގައި ބަލައިގެން އުޅުނު މީހާއަކީ އަހަރެން ނުދަންނަ ދުރު ހިލޭ މީހެއް." އަހަރެން ހިތްވަރުކޮށްފައި ބުނެލީމެވެ.

ދޮންބެގެ ދެ ލޯ ބޮޑުވި މަންޒަރު އަހަރެން ދުށީމެވެ. އާމިރާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެވެ. އޭގެ ފަހަތުގައި އެތައް މާނައެއް އެކުލެވޭ ހިނިތުންވުމެކެވެ. އާމިރާ ގޮސް ކޮޓަރިއަށް ވަނީ އެވެ. ދޮންބެދައްތަ ވެސް ދެ ލޯ ފޮހެމުން ފޮހެމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އެވެ.

"ކޮއްކޯ! އެނގޭ މާފު ނުކުރެވޭނެކަން. އެކަމަކު ދޮންބެއަށް ހިތުން ރުހުމުން މައާފުކޮށްދީ." ދޮންބެ އަހަންނާ ދިމާއަށް އަ އެވެ.

އަހަރެން މޫނު އަނބުރައިލީމެވެ.

"އަބަދުވެސް އަހަންނާ ދިމާއަށް ބުނަމެއްނު، ތިއީ ކޮއްކޮއޭ، ބާރު ހުންނާނީ ދޮންބެއޭ. ކޮއްކޮ ޖެހޭނީ ދޮންބެއަށް ދޫކޮށްލާށޭ،" އަހަރެން ހަނދާންކޮށްދިނީ ތުއްތު އިރު ދޮންބެ ބުނާ ވާހަކައެކެވެ. "މިއަދު އެކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ."

"ކޮއްކޯ! މިކަމުގައި ކޮއްކޮގެ ކުށް ވެސް އެބަ އޮތް. ދެމަފިރިންނަކީ ވަރަށް މާތް ގުޅުމަކުން ގުޅިގެންދާ ދެ ފުރާނަ. ފުރާނައިގެ ކާނާއަކީ އިތުބާރު، ޔަގީންކަން. ކޮއްކޮގެ ކާވެނި ބަލިކަށިވެ ކަމީނާވުމުގެ އަސްލަކީ އިތުބާރު. މާބޮޑަށް އެހެން ކަންކަމަށް އިސްކަން ދެވުން. އަނބިމީހާއަކީ ހަމައެކަނި ހަފުލާތަކަށްދާއިރު އެކުގައި ގެންދާން ހުންނަ މީހަކަށް ވެފައި ތިމާގެ ކަންކަން ކުރުމަށް ގެންގުޅޭ މީހަކަށް ހެދުނީމަ. އޭނާއަށް ދޭންޖެހޭ ވަގުތާއި ކޮށްދޭން ޖެހޭ ކަންކަން ކޮށް ނުދެވުނީމަ."

އަހަންނަށް ވިސްނައިލެވުނެވެ. ދޮންބެ އެ ދައްކަނީ ތެދެއް ކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް މިއީ އެކަމާ ވާހަކަ ދައްކާންވީ ވަގުތެއް ނޫނެވެ. އެ ވާހަކަދައްކައިގެން ދޮންބެމެން ކުރި ކުށުން ސަލާމަތްކޮށްދޭން އުޅެންވީ ވަގުތެއް ނޫނެވެ.

"ބަހަނާއަކުން ފާފަތަކެއް ތާހިރެއް ނުވާނެ ދޯ!" އަހަރެން ބުނެލީމެވެ.

"ވަރިކުރުމަކުން މައްސަލަ ހައްލެއް ނުވާނެދޯ! ފިރިހެނެއްގެ ބޭނުން އަނތްބަކަށް ނުފުދޭނަމަ ދެން..." ދޮންބެ ހުއްޓައިލި އެވެ. "ދެން ވެސް މީހަކާ އިނދެފައި ވެސް މިކަން ތަކުރާރުވެއްޖެނަމަ ލިބޭނީ ކޮޅުކެހި. ނިކަން ފިރިހެނެއްގެ ފައިވާނުގައި ތަންކޮޅެއް ފުންކޮށް ވިސްނައިލަބަލަ."

"އަހަރެން އިތުރަށް ވާހަކަދައްކަން ބޭނުމެއް ނޫން." އަހަރެން ދިޔައީ ކޮޓަރިއަށެވެ.

އޭރު އާމިރާ ފޮށި ދަމަމުން ދަމަމުން ބޭރަށް ނުކުންނަނީ އެވެ. އަހަރެން ފެނުމުން އޭނާ ހުއްޓިލި އެވެ. ނަމަވެސް އަހަރެން ބަލައި ވެސް ނުލައި އެތެރެއަށް ވަނީމެވެ.

"ތަނެއް ހަމަޖެހެންދެން މިތާ ހުރެވޭނެ." އަހަރެން ހިތް ނޯވެގެން ބުނީމެވެ.

އާމިރާ ބަލައިލީ އަހަރެންގެ މޫނަށެވެ.

"ކެތްވާނެ؟" އާމިރާ ސުވާލުކޮށްލި އެވެ.

ބަދަލުގައި އަހަރެން ބޯ ޖަހައިލީމެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ.

"ޔަގީން؟" އާމިރާ އަނެއްކާ ވެސް އަހައިލި އެވެ.

"އެނގިފަ ހުރުމާ ނޭނގި ހުރުމާ ތަފާތު. ފާފައާއި ފާޅުގައި ކުރާ ކަންކަން ތަފާތު." އަހަރެން ބުނެލީމެވެ.

އާމިރާ އައިސް ކޮޓަރިއަށް ވަނެވެ. އަހަންނަށް އިހުސާސްވީ އެއީ އަހަރެން ކުރިން ދަންނަ އާމިރާ ނޫންކަމެވެ. ދެމީހުންގެ ދެމެދުގައި އުސްފާރެއް ރޭނުނު ކަމެވެ. ދެމީހުން ދެ ބީރައްޓެހިންނަށް ބަދަލުވި ކަމެވެ.

އޭގެ ފަހުން ދެ ދުވަސްވީ އެވެ. އެންމެފަހުން ދޮންބެދައްތަ ވެސް ހުސްއަތާ ފުރައިގެން ދިޔައީ އެވެ. އަހަންނަށް ފެންނަ މަންޒަރުން ދަތްކުނޑި ވިކައިގަނެވެ އެވެ. ދޮންބެއާއި އާމިރާގެ ލޯބީގެ ބަގީޗާގައި މާ ފޮޅެމުންދާ އިރު ހުރިހާ ތުރާލެއް މި ޖެހެނީ އަހަންނަށެވެ. އަހަރެންގެ ހިތަށެވެ. ނަފުސަށެވެ. ސިކުނޑިއަށެވެ.

"ޕްލީޒް! ތިހެން ނޫޅެފާނަންތަ؟" އަހަންނަށް ކެތް ނުވީ ދޮންބެއާއި އާމިރާގެ ގައިގޯޅި މަންޒަރުތައް ފެނުމުންނެވެ.

އެ ދެމީހުން ތިބީ ސިޓިންރޫމުގަ އެވެ. އެކަކު އަނެއް ވަކިކުރާން ނޭނގޭވަރަށް ގެތި އެމުނިފަ އެވެ.

"މާނައަކީ ނުކުންނާށޭތަ؟" އާމިރާ އަހައިލި އެވެ.

ބަދަލުގައި އަހަންނަށް ބޯ ހޫރައިލެވުނެވެ. މަންޒަރު ބަލާން ނުކެރިގެން ނުކުންނާން ޖެހުނީ އަހަންނަށެވެ. އަހަރެން ނުކުމެގެން ބޭރަށް ދިޔައީމެވެ. މުޅި މާލެ ވަށައި ދެ ބުރު ޖެހީމެވެ. އެންމެފަހުން ސުނާމީ ބިނާ މައިޒާނަށް ގޮސް މަޑުކޮށްލީމެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދާއި ބޮލުގައި އެނބުރެމުންދިޔަ ޝަކުވާތައް އެ ތަނަށް ފެއްތޭތޯ އެވެ.

މަންޒަރުން ފެންނަ ހަލަބޮލި މަންޒަރަށް ސަމާލުކަމެއް ދެވޭ ގޮތެއް ނުވި އެވެ. އަހަންނަށް ވިސްނެނީ އާމިރާ އަށެވެ. ސިފަވަނީ އަލިފާންކޮކާލެވެ. ރެނދަން ކުލަ އަރުވާލަމުން އެ ކޮކާ އުދުހި ދާ މަންޒަރެވެ. ފިޔަ ޖަހައިލަމުން އުޅިލާ ފަރި ގޮތެވެ.

އަނދީރީގެ ތެރޭގައި ރީތި މަންޒަރެއް އެ ސޮރުގެ ކިބައިން ފެނުނަސް ދުވާލުވުމުން އެއިން ބޭނުމެއް ނުކުރެވޭތީ އެކަމާ ވިސްނުނެވެ. އާމިރާއަކީ ވެސް އެކަހަލަ ކޮކާލެކޭ އަހަރެންގެ ހިތަށް އެރި އެވެ. ނަމަވެސް އަހަންނަށް ސިފަވީ މާ ގޯސްކޮށްނެވެ. އާއެކެވެ. އާމިރާ އެ ދިޔައީ އަހަރެންގެ ދިރިއުޅުމުގައި އަލިފާން ރޯކޮށްފަ އެވެ. ހަމައެކަނި ދިރިއުޅުމެއް ނޫނެވެ. އަހަރެންގެ ހުރި ހަމައެކަނި ބޭބެ ވެސް ޖަހައިގަނެގެންނެވެ. މިއަދު މުޅި ދުނިޔެއަށް އަހަރެން އެކަނި ކޮށްލައިފި އެވެ.

އާމިރާއަށް ޓަކައި އަހަރެންގެ ހިތުގައި ނަފުރަތެއް ނެތެވެ. އޮތީ އެންމެ ސުވާލެކެވެ. ބޭނުންތަކާއި އިހުސާސްތައް ސިއްރުކުރީތީ އޮތް ޝަކުވާއެކެވެ. ދެން މިކަމަށް އަހަރެން ވިސްނާނަމެވެ. ނުބުނެ ބުނެދޭ ވާހަކަތައް ދެނެގަންނާނަމެވެ. މިއީ އަހަރެންގެ ބަލިފަޔެކެވެ. މި ބަލިފަޔަށް އަހަރެން ބޭސްކުރާނީ އަލިފާން ކޮކާ ދިން ދަރުހުންނެވެ.

(ނިމުނީ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox