އިއްޔެ މަޖިލިސް ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ގިނަ އަދަދެއްގެ ސުވާލުތަކެއް މެމްބަރުން ކުރެއްވި އެވެ.
ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލްހަކީމް، އެއްދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރުމާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލުތައް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގޮސް، މިހާތަނަށް 157 ސްކޫލެއް އެއްދަންފަޅިއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި އެއްދަންފަޅިއަށް ބަދަލު ކުރުން ނޫން ކަމަށާއި ނަމަވެސް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ ކޮންސެޕްޓުގެ ދަށުން 44 ސްކޫލެއް އެގޮތަށް ފަށައިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއްދަންފަޅިއަށް ބަދަލު ކުރުމާ އެކީގަ ވަށާޖެހޭ ތައުލީމެއް އެ ސްކޫލުތަކުން ދިނުން އެއީ ވަރަށް މުހިންމު ކަމެއް. ހަމަ އެކަނި ސެޝަން ބަދަލުކޮށްލުމެއް ނޫން މުހިންމީ،" މިނިސްޓަރު ވިދާޅުވި އެވެ.
ވަށާޖެހޭ ތައުލީމެއްގައި ދަރިވަރުން ކިޔަވާނެ ގޮތް މިނިސްޓަރު ސާފުކޮށްދެއްވި އެވެ.

"މި ކޮންސެޕްޓުގައި އެންމެ ފުރަތަމަ ދަރިވަރުން ސްކޫލަށް ދާނީ 6 ޖަހާއިރު. ކަސްރަތުގެ ހަރަކާތަކާ އެއްކޮށް ދުވަސް ފެށޭނީ. އެއަށްފަހު ހެނދުނުގެ ނާސްތާ، ދެން ދަރިވަރުން ކިޔެވުމުގެ ކަންކަން. އަދި ކަރިކިއުލަމްގައިވާ އެކަޑަމިކް ކަންކަން ކުރިއަށް ގެންދާނެ، އެއީ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުރުމާއި ކްލަބް އެކްޓިވިޓީސް އާ، މިހަކަލަ ވަގުތު ތަކެއް ސްކޫލުގައި ހޭދަ ކުރާނެ. ދުވަހުގެ މަސައްކަތް ނިންމާ ގެއަށް ދާނީ އިތުރު މަސައްކަތެއް ދެ އެ ދުވަހަކު ނޯންނާނެ. ވީކެންޑްސްގައި ސްކޫލަށް އަންނާކަށް ނުޖެހޭނެ،"
މިނިސްޓަރު ވިދާޅުވީ މި ކޮންސެޕްޓަށް ކިޔަވާ ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
"ސިވިލް ސާވިސް މުވައްޒަފެއް ހޭދަކުރަން މި އިންނަނީ 6 ގަޑިރު، އެއީ ދެ ދަންފަޅި ސްކޫލެއްގައި. ނަމަވެސް އެއް ދަންފަޅި ސްކޫލަކަށް ވެއްޖާ އެ މުވައްޒަފު އެބަ ޖެހޭ 8 ގަޑިއިރު މަސައްކަތް ކުރަން. އެހެންވީމަ އިތުރަށް އެ ހޭދަވާ ވަގުތަށް އަޅުގަނޑުމެން އޯވަ ޓައިމް (އޯޓީ) ދޭން ޖެހޭ. އަޅުގަނޑުމެންގެ ނިޒާމު އޮތް ގޮތުން އެއަށް ކޭޓާ ކުރެވޭކަށް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރުމުގައި ހާސިލް ކުރެވިފައި ވަނީ ކިހާ ވަރަކަށް ކަމާއި މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއް އެއްދަން ފަޅިއަށް ބަދަލު ކުރެވޭނެ މުއްދަތާ ގުޅިގެން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ކުރެއްވި ސުވާލަށް ޖަވަބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި މިހާހާތަނަށް އެއްދަންފަޅިއަށް ހިންގަމުންދަނީ ދެ ސްކޫލެއް ކަމަށެވެ.
ކޮންމެ ސްކޫލެއްގައި 11، 12 އުފެއްދުމަކީ ފީސިބަލް ކަމެއް ނޫން
އިއްޔެގެ ޖަލްސާގައި އޭނާ ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ 11، 12 އަށް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. މާލޭގައި ކުރާނެ ކަަމަކީ ސެންޓަފޯ ހަޔަ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްސީ)ގެ ޖާގަ އިތުރުކުރުން ކަމަށެވެ.
"ކޮންމެ ސްކޫލެއްގައި 11، 12 ތައާރަފް ކުރުމަކީ އަސްލު، ފީސިބަލް ކަމެއް ނޫން. އެއީ އަޅުގަނޑުމެން 11، 12 ތައާރަފްކުރާ ކަމަށް ވެއްޖެއްޔާ ވަރަށް ރަނގަޅު ލެބޯޓްރީއެއް އެތާ ޑިވެލޮޕްކުރަން ޖެހޭ. ވަރަށް ރަނގަޅު މުދައްރިސުން އެތަންތަނަށް ފޯރުކޮށްދޭން ޖެހޭ. އެހެންވީމާ ވީހާވެސް އެންމެ ގާތަކުން ކޮންމެ އަތޮޅެއްގައި 11، 12 ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ މިހާރު އަޅުގަނޑުމެންގެ ފޯކަސް ހުރީ،" މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.
މިނިސްޓަރު މިމޭރުމުން ވާހަކަދެއްކެވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ސަނީފުގެ ސުވާލުގައި އެއްސެވީ، މާލޭގައި 11، 12 އަށް ވަންނަން ބޭނުންވާ ކުދިންނަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާއިރު، ވިލާ ހައި ސްކޫލުން ނަގާ ފީ ކުޑަކުރަން ސަރުކާރުން މަސައްކަތް ކުރޭ ތޯ އެވެ.
"އެގާރަ ބާރަ ކިޔަވަން ބޭނުންވާ ވަރަށް ގިނަ ކުދިން އެބަ ތިބި ރާއްޖޭގައި. އެހެން ނަމަވެސް މާލޭގައި އަމީނިއްޔާ، މަޖީދިއްޔާ މިއިން އެއްވެސް ސްކޫލެއްގައި އެގާރަބާރަ ނެތުމުގެ ސަބަބުން، ހަމަ އެކަނި ސީއެސްއެޗްސީ ހުރުމުގެ ސަބަބުން އެ ކުދިންނަށް، ޖާގަ ލިބުމުގައި ދަތިތަކެއް [ކުރިމަތިވެފައި] މިއޮތީ،" ސަނީފު ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ހަދަމުންދިޔަ އިމާރާތަކަށް އަރުވަމުންދިޔަ ދަގަނޑުތަކަކުން އެނބުރި ދަގަނޑެއް ވެއްޓި، މަސައްކަތު މީހެއްގެ ހަށިގަނޑަށް ހެރުނު މައްސަލައާ ގުޅިގެން، މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވިޔަފާރިވެރިން އަދި ކަމާ ގުޅޭ އެންމެން މަސައްކަތްކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލުން އިލްތިމާސްކުރީ އިއްޔެ އެވެ.
- ޔޯގާގެ މައްސަލާގައި ފަތުވާ ނުނެރި އޮތް ސަބަބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު ކުރެއްވުމުން އެއީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެ ހިލާފު އޮތުމާއެކު މާ ބޮޑު މައްސަލައަކަށް ވެދާނެ ކަމަ ނުބެލެވި އޮތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އިއްޔެ އެވެ.
- ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ، އެމްއެމްޕީއާރުސީ ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އިސް ފަރާތެއް ކަމުގައިވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އިނގިރޭސިވިލާތުގައި ކުންފުނިތަކެއް ރަޖިސްޓްރީކޮށް، ވިޔަފާރިތަކެއް ފަށައިގެން އުޅޭކަން "އަދަދު" ނޫހުން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމު ކަމާ ގުޅޭގޮތުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ:
އަޅުގަނޑުމެން އެންމެން އެބަ މަސައްކަތްތަކެއް ކުރަންޖެހޭ އެބަ ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާ ފަދަ ކަންކަމުގައި ރައްކާތެރިކަން ގާއިމް ކުރުމަށް. މިހެން ދިމާވާ ކޮންމެ ފަހަރަކީ އޭގައި ވަރަށް ބޮޑަށް ނަސީބަކާއި މާތް ﷲގެ ވާގިފުޅާއި އަޅުގަނޑުމެންގެ މަސައްކަތާ މި ހުރިހާ ކަމެއް އެކުލެވިގެންވާ ކަމެއް،
ދުވަހުގެ ފޮޓޯ

އަމިއްލަ ވިޔަފާރިތަކަށް ރައުސުލްމާލު އިތުރުކުރުމުގެ ގޮތުން އިނެވެސްޓަރުންނާ ގުޅާލަ ދިނުމަށް އެކުލަވާލި "ވިޔަނަ" ޕްލެޓްފޯމް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ލޯންޗުކޮށްދެއްވަނީ. ސްޓޮކް އެކްސްޗޭންޖުން ދެކޭ ގޮތުގައި މިއީ ވިޔަފާރިތަކަށް ކެޕިޓަލް ހޯދުމަށް ހުޅުވިގެންދިޔަ އިންގިލާބީ ބަދަލެއް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













