ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިއުންތައް ސައްހަ ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިން ޝަރީއަތުގައި ބުނީ އިއްޔެ އެވެ.
ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.
އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ހިޔާނާތް ހިނގިކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ދެ ލިޔުމެއްގެ ސައްހަކަން ސާފުކުރަން ޔާމީންގެ ދިފާއުގައި ހުށަހަޅާފައިވާ ތިން ހެކިވެރިޔެއްގެ ހެކިބަސް ނެގުމެވެ.
އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި، ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޒުތާޒު ހެކިބަސް ދިނުމެވެ.
ސައީދާއި ޒުހޫރުގެ ނަން ޔާމީން ހުށަހެޅުއްވީ ވ. އާރަށް ކުއްޔަށް ދޫކުރަން އިކޮނޮމިކް ޔޫތު ކައުންސިލުން ނިންމާފައިވާ ކަމަށް ބުނާ ޖަލްސާގެ ޔައުމިއްޔާ ސައްހަ ނޫން ކަން ސާބިތު ކުރަން ވެގެންނެވެ. އެ ކައުންސިލަކީ ޔާމީންގެ ކެބިނެޓްގެ ސަބް ކޮމިޓީއެކެވެ.

މުޒުތާޒުގެ ނަން ހެއްކެއްގެ ގޮތުގައި ޔާމީން ހުށަހެޅުއްވީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ވ. އާރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލު ކުރުމަށް އަންގައި، ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީއެއްގެ ސައްހަކަން ނެތް ކަން ސާބިތު ކުރުމަށެވެ.
ސައީދާއި ޒުހޫރުގެ ހެކިބަސް
އިއްޔެގެ ޝަރީއަތުގައި ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ޔައުމިއްޔާގެ ކޮޕީއެއް ސައީދާއި ޒުހޫރަށް ވެސް ދެއްކި އެވެ. އަދި ދެ ބޭފުޅުން ވެސް އެއީ "ސައްހަ ޔައުމިއްޔާއެއް ނޫން" ކަމަށް ވިދާޅުވި އެވެ.
ސައީދާއި ޒުހޫރު ވެސް ވިދާޅުވި ގޮތުގައި، ޔައުމިއްޔާގައި ބައްދަލުވުމުގައި ބައިވެރިވާ ވަޒީރުން ސޮއިކުރައްވަ އެވެ. ދައުލަތުން ހުށަހަޅާފައިވާ ލިޔުމުގައި އެ ދެ ވަޒީރުން ވެސް ބައްދަލުވުމުގައި ބައިވެރިވި ކަމަށް އޮތް އިރު، އޭގައި ބައިވެރިވި ވަޒީރުންގެ ސޮޔެއް ނެތެވެ.
ހެކިބަހާ ގުޅޭ ގޮތުން ދައުލަތަށް ސުވާލުކުރަން ދިން ފުރުސަތު ވަނީ ސޮއިކުރުމުގެ ކަންކަން ހިނގާ ގޮތާއި، އިދާރީ މުވައްޒަފުން އެ ކަން ގަވައިދުން ކުރަމުންދާކަން ހެކިވެރިން ބަލާފައި އޮތް ކަމާ މެދު ސުވާލުތައް ކުރި އެވެ. އަދި ފަޅުރަށްރަށާ ގުޅޭ ގޮތުން އެ ކައުންސިލްގައި ކަންކަން ނިންމާތޯ ވެސް ސުވާލުކުރި އެވެ.
އޭގެ ޖަވާބުގައި ސައީދު ވިދާޅުވީ ސެކްރެޓޭރިއަޓުން ޔައުމިއްޔާ ތައްޔާރު ކުރުމަށް ފަހު ހުރިހާ ވަޒީރުން ވެސް ހާޒިރުކުރައްވާ ކަމަށެވެ. އޭގެ ބޭނުމަކީ ޔައުމިއްޔާގައި މައްސަލައެއް ނެތް ކަން ކަށަވަރު ކުރެއްވުން ކަމަށެވެ. އަދި ޔައުމިއްޔާތައް ވަޒީރުން ކިޔުއްވާފައި ސޮއިކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވެސް ވިދާޅުވީ އޭނާ ބައިވެރިވި ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާގައި ސޮއިކުރައްވާފައިވާނެ ކަމަށެވެ. އަދި ބައްދަލުވުމަކަށް ވަޑައިގެން ސޮއިނުކުރައްވާ އޮތް ނަމަ، ވަޒީރުން ވަޑައިގެން ވެސް އެ ކަން ކުރައްވާ ކަމަށެވެ. އެއީ އެ ކަން ހަމަޖެހިފައި އޮތް އުސޫލު ކަމަށެވެ.
ދައުލަތުން ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔައީ، ވަޒީރުންގެ ސޮއި ނެތި ރައީސް އޮފީހުގެ އިދާރާއިން ޔައުމިއްޔާއެއް ތައްޔާރުކުރަން ފުރުސަތު އޮވެދާނެ ކަމާ މެދު އެވެ. ހެކިވެރިން ތަކުރާރުކޮށް ޖަވާބު ދެމުން ގެންދެވީ އެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.
މުހައްމަދު މުޖުތާޒުގެ ހެކިބަސް
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާފައިވާ މުޖުތާޒު، ޔާމީންގެ ސަރުކާރުގައި ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އެއީ ޕާލިމެންޓްރީ އެންޑް ޕޮލިޓިކަލް އެފެއާޒް ސެކްޝަން ބަލަހައްޓަވަން ހުންނަވާ ރައީސް އޮފީހުގެ ވަޒީރެވެ.
މުޖުތާޒު އިއްޔެ ވިދާޅުވި ގޮތުގައި އެ ސެކްޝަންގެ މައިގަނޑު މަސައްކަތަކީ ރައީސް އޮފީހުން މަޖިލީހަށް ފޮނުވާ ބިލުތަކާއި މައްސަލަތަކާއި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ މަގާމުތަކަށް ރުހުން ހޯދަން ފޮނުވުމުގެ މަސައްކަތް ހިންގުމެވެ.
އޭގެ އިތުރަށް ރައީސް އޮފީހުން އަންގާ އެންގުންތަކުގެ ގޮތުގައި ފޮނުވާ ސިޓީތަކުގައި ސޮއިކުރެއްވުމަށް ރައީސް ޔާމީން ހުއްދަ ދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާނެ ކަމަށް މުޖުތާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ރިޔާސީ ދައުރުގައި އެ ހުއްދަ ރައީސް އޮފީހުން އެކި ދުވަސްވަރުގައި ހުއްދަ ދެއްވާފައިވަނީ ހަތަރު ބޭފުޅަކަށެވެ. އެއީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމު އޭރު ފުރުއްވާފައިވާ ބޭފުޅުންގެ ތެރެއިން ބޭފުޅުންތަކެކެވެ.
ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގައި، އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރަން އަންގައި ފޮނުވި ލިޔުމުގައި ސޮއިކުރައްވާފައިވަނީ ރައީސް އޮފީހުގެ އޭރުގެ އަންޑަ ސެކްރެޓަރީ މޫސާ ފަތުހީ އެވެ.
މުޒުތާޒު ހެކިބަސް ދެއްވީ މުސާ ފަތުހީއަށް ހުއްދަ ދެއްވާފައި އޮންނާނީ އޭނާ ހުންނެވި ޑިޕާޓްމަންޓްގެ ފަރާތުން ފޮނުވާ ލިޔެކިއުންތަކުގައި ސޮއިކުރެއްވުމަށެވެ. ރައީސް އޮފީހުގެ އެންގުންތައް ހިމެނޭ ސިޓީއެއްގައި ސޮއިކުރައްވަން އޭނާއަށް ހުއްދަ ދެއްވާފައި ނުވާ ކަމަށެވެ.
މި ހެކިވެރިޔާއާ ވެސް ދައުލަތުން މައިގަނޑު ގޮތެއްގައި ސުވާލު ކުރަމުން ގެންދިޔައީ އޭނާގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް އެއްވެސް ސިޓީއެއް ދައުރުވެފައި އޮވެދާނެ ކަމާ މެދު އެވެ.
އޭގެ ޖަވާބުގައި މުޖުތާޒު ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ހުރިހާ ސިޓީއެއް ދައުރުކޮށްފައި ނެތަސް، ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައި އޮންނަ ކަންކަމުގެ ސިޓީގައި އެއްވެސް ޑިޕާޓްމަންޓްގެ ވެރިޔަކަށް ސޮއިނުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ޝަރިީއަތް ނިމުމަކާ ގާތަށް، ދެން އޮންނާނީ ތިން އަޑުއެހުން
އިއްޔެ ނެގި ދިފާއީ ތިން ހެކިންގެ ހެކިބަހަށް ފަހު ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ ނިމިފަ އެވެ. ޝަރީއަތުގައި ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އޮންނަ އަޑުއެހުމާއި، ހުލާސާ ބަޔާން އިއްވުމަށް އޮންނަ އަޑުއެހުމާއި، މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާން ޖެހޭ އަޑުއެހުމެވެ.
ޝަރީއަތް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ކުރިއާލާ ތައްޔާރުކޮށްފައި އޮތް އިރު، އެ ތާވަލުގައި އޮތް ގޮތުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން އޮތީ މި މަހުގެ 29 ވަަނަ ދުވަހުގަ އެވެ.
އެ ކަމަށް އެންމެ ހަތަރު ދުވަސް އޮތުމުން ދިފާއީ ވަކީލުން އެދިވަޑައިގަތީ މުއްދަތު އިތުރުކޮށްދެއްވުމަށެވެ.
ޔޫސުފް ނައީމްގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ޔޫސުފް ނައީމާ އެކު މަސައްކަތް ކުރައްވަނީ ދެ ވަކީލުން ކަމަށް ވެފައި ދައުލަތުގެ ގިނަ ވަކީލުންތަކެއް މި މައްސަލާގައި މަސައްކަތް ކުރައްވާ ކަމަށެވެ.
އެހެންވެ ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން ހުލާސާ ބަޔާން އިއްވުމަށް އޮންނަ އަޑުއެހުމުގައި ހެއްކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވަން ފުރުސަތު ދެއްވަން އޭނާ އެދިވަޑައިގަތެވެ.
ނަމަވެސް، ދައުލަތުން އެ ކަމަށް އިއުތިރާޒު ކުރެއްވި އެވެ. ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ މީގެ ކުރިން ވެސް ދައުވާ ރައްދުވާ ދެ މީހުނާއި ދައުލަތުން ވެސް އެއްބަސްވެފައިވާ ގޮތަށް ދެން ވެސް ކުރިއަށް ގެންދަވަން ޖެހޭނެ ކަމަށެވެ.
މައްސަލައާ ހަވާލުވެ ހުންނެވި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވެސް ނިންމެވީ ތިން އަޑުއެހުމެއް ބޭއްވުމަށެވެ. ނަމަވެސް ހެއްކާ ގުޅޭ ގޮތުން ބާއްވާ އަޑުއެހުން ފަސްކުރެވެން އޮތް ނަމަ އެ ކަމެއް ވީހާވެސް އަވަހަަށް އަންގަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކަމުންދަނީ ދުނިޔޭގެ ބާޒާރުގައި ބޭސް ގަންނަން ލިބޭ އަގުގެ އެތައް ގުނައެއް ބޮޑުކޮށް ކަމަށާއި، އެކަމުގެ ސަބަބުން އާސަންދައަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ވާލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނީ އިއްޔެ އެވެ.
- ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒްހާން، 27، އެންމެ ފަހުން ފެނުނީ ހުޅުމާލެއިން ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން ހާމަކުރީ އިއްޔެ އެވެ.
- ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލު ހިންގި ފަސް މީހަކު ހައްޔަރުކުރިކަން ހާމަކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖެއަށް އިމްޕޯޓު ކުރަމުންދާ މުދަލުގެ އަގުތައް އިތުރުވެފައިވާކަން ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވީ:
މިއަހަރުގެ ފުރަތަމަ ހަތް މަހު އެކަނި އިމްޕޯޓުގެ އަގުތައް ދެ ބިލިއަން ޑޮލަރަށް އަރައިފި. 2021 ގެ އެ އަދަދު ހުރީ 1.3 ބިލިއަން ޑޮލަރުގައި. މިއީ 648 މިލިއަން ޑޮލަރުގެ އިތުރުވުމެއް. މި އަގުތައް ތިރި ނުވެ ހުރެއްޖެނަމަ އަހަރު ނިމޭއިރު އިމްޕޯޓުގެ އަގު ހުންނާނީ 3.3 ބިލިއަން ޑޮލަރުގައި،
ދުވަހުގެ ފޮޓޯ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ ޕްލެޓުފޯމު. ބްރިޖުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާއިރު އަންނަ އަހަރުގެ ތެރޭ މާލެ އާއި ގުޅީފަޅު ގުޅާލެވޭނެ ކަމަށް ބެލެވޭ. މިއީ މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮޖެކްޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












