އަމީނީ މަގު ގާ އަތުރައިގެން ތަރައްގީ ކުރުމުގެ ބަދަލުގައި ތާރު އަޅަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ކޮންސަލްޓަންޓުގެ ލަފަޔާ ހިލާފަށް ކަން ރިޕޯޓުކުރީ އިއްޔެ އެވެ.
އީއައިއޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ހިދުމަތް ދޭ ފަރާތްތަކާއި، މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކާއި ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތްތަކާއި މިނިސްޓްރީތަކާއި ފުލުހުންނާއި މަގުގައި ހުރި ސުކޫލުތަކުގެ އިތުރުން ފިހާރަތަކާއި ދިރިއުޅޭ އާންމު ރައްޔިތުންނާ ބައްދަލުކޮށް ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައިވެ އެވެ.
އީއައިއޭ ކޮންސަލްޓަންޓު ވަނީ މަގު ހަދަން ހެދި ޕްލޭންގެ ބަދަލުގައި ކުރެވިދާނެ ކަންކަން ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
"ހޫނު ގަދަ ވުމުގެ އަސަރު ކުޑަ ކުރުމަށާއި އަދި ފަސޭހައިން މިހާރު އެ މަގުގައި ހުރި ނަރުދަމާ އަދި ފެންހޮޅިތައް މަރާމާތު ކުރަން ޖެހިއްޖެ ހާލަތެއްގައި މަރާމާރު ކުރުމަށް މަގުފަހިކުރުމަށް ލަފާ ދެނީ ތާރުގެ ބަދަލުގައި ގާ ބޭނުންކޮށްގެން މަގު ހެދުމަށެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.
އަމީނީ މަގުގައި ތާރު އެޅުމަކީ އެންމެ ދެމެހެއްޓެނިވި ގޮތެއް ނޫން ކަން ފާހަގަކޮށް ރިޕޯޓުގައި ބުނީ މެއިންޓެއިން ކުރަން ފަސޭހަވާނެ އަދި އެންމެ ހަރަދު ކުޑަ ވާނެ ގޮތަކީ ގާ އަތުރައިގެން ހެދުން ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫއާ ގުޅިގެން އެންމެ މައިގަނޑު އެއް ކަންބޮޑުވުމަކީ ފެން ހިންދާ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ނުލިބިދާނެ ކަމުގެ ކަންބޮޑުވުމެވެ.
އެންމެ ފުރަތަމަ ޕްލޭންގައި ހިމަނާފައި އޮތީ މިހާރު ހުރި ޕަމްޕުސްޓޭޝަންތަކުގެ އިތުރުން އެއް ޕަމްޕުސްޓޭޝަން ގާއިމް ކުރުމަށް ނަމަވެސް, އީއައިއޭއަށް ހުށަހެޅިިއިރު ފެން ހިންދާ ނިޒާމު ހިންގާނެ ގޮތުގެ ތަފްސީލު ހިމަނާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން މި ނިޒާމުގެ ނަތީޖާ ލަފާކުރުމަށް ދަތިތަކެއް ހުރި ކަން ފާހަގަކޮށްފައިވެ އެވެ.
"މި މަގުގައި ގާއިމްކުރާ ފެން ހިންދާ ނިޒާމު އެކަމަށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތޭނަމަ މަޝްރޫއުގެ މަގްސަދު ހާސިލް ނުވާނެ ކަމަށް ބެލެވެ އެވެ. ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުލިބި، މަގު ބޭނުން ކުރާ މީހުންނަށް އެކަމުގެ ދަތިތައް ކުރިމަތިވެ ޝަކުވާތައް އިތުރުވާނެ ކަމަށް ވެސް ބެލެވެ އެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ މަގުގައި ހުރި ހިޔާ ދޭ ގަސްތައް ނަގާތީ، އެކަމުގެ ގެއްލުން ކުރާނެ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކޮންމެހެން ނަގަން ޖެހޭ ހާލަތެއްގައި މެނުވީ ގަހެއް ނަގައިގެން ނުވާނެ ކަމަށާއި މިގޮތުން ނަގާ ގަސްތައް އެހެން ތަނަަކަށް ބަދަލުކުރުމުގައި ސަމާލުކަން ދޭން ޖެހޭނެ ކަންކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އާ ގަސް އިންދުމަށް ނިންމާފައިވީ ނަމަވެސް، އަލަށް އިންދާ ގަސްތައް ހެދި ބޮޑުވުމަށް އެތައް އަހަރެއް ނަގާނެތީ، އެ ކަމުން ލިބޭ ގެއްލުންތައް ވަގުތުން އިއާދަވެގެން ނުދާނެ އެވެ. މި ކަމުގެ ސަބަބުން މި މަޝްރޫއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.
އާރްޑީސީގެ ޕްލޭނަކީ މަގުގައި އަލަށް ފޭރު ގަހާއި ޖަނބުރޯލު ގަހުގެ އިތުރުން ރާއްޖޭން ބޭރުން އެތެރެކޮށްގެން ޖަކަރަންޑާ ގަސް އިންދުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ތަފާތު އެކި ވައްތަރުގެ މާމެލާމެލި އިންދަން ވެސް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ޕްލޭނުގައި ހިތި ގަސް އިންދުމަށް ވެސް ހިމަނާފައިވާއިރު، އީޕީއޭއިން ވަނީ ހިތިގަސް އިންދުމަށް ނުފެންނަ ކަމަށް ކޮންސަލްޓަންޓަށް ލަފާ ދީފަ އެވެ.
އެކި ސެގްމެންޓުތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 84.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޖެނުއަރީ މަހަށެވެ.
ބައެއް މުހިންމު ހަބަރުތައް
- އައްޑޫ އަތޮޅު ގަމު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން އޭނާ ހައްޔަރުކުރީ އިއްޔެ އެވެ.
- ރުއްގަސް ކެނޑުން ހަރުކަށިކޮށް, ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރު ކުރުމަށާއި ގަސްކަރަ ހިމާޔަތް ކުރަން ހަދާފައިވާ ގަވައިދުގެ ބައެއް މާއްދާތަކުން ރިސޯޓުތައް އިސްތިސްނާކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެދިފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝެއިހު ފަޒްލޫން މުހައްމަދު ޝަރުތުތަކަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހާޒިރުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ ގުޅޭގޮތުން އެ އޮފީހުން ބުނީ:
[ނިހާންގެ ހެއްކެއްގެ ގޮތުގައި ހެކިބަސްދިނުމަށް] ކޯޓަށް ހާޒިރުވާން އަންގައިފިނަމަ، ކޯޓުގެ އެންގުމަކަށް ޕްރޮސެކިއުޓަ ޖެނެރަލް [ޝަމީމް] ތަބާވާނެ، އެ ގޮތަކަށް ކުރިއަށް ދާނެ،
ދުވަހުގެ ފޮޓޯ

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ މައުލޫމާތުތައް ހިއްސާކުރެއްވި. އަދި، އަންނަ ހަފްތާގައި ރައީސް ސޯލިހު ތިލަދުންމައްޗަށް ވަޑައިގަންނަވާނެކަން ހާމަކުރެއްވި --- ފޮޓޯ: ރައީސް އޮފީސް












