ފުލުހުންގެ ބޯޑު މިހާރު ހިނގަމުން އަންނަ ގޮތުން އެ ބޯޑުގެ ބޭނުން އެންމެ ބޭނުންތެރި ގޮތުގައި ނުހިފޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިއްޔެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި ގޮތުގައި ބޯޑުން ބޭނުންވާ ގިނަ ކަންކަމަށް މިނިސްޓްރީއަށް އެއްބަސްނުވެވެ އެވެ. އެގޮތުން ބޯޑުން ބޭނުން ވަނީ މިނިސްޓްރީގެ ދަށުން ވަކިވެ މިނިވަން ގުނަނެއްގެ ގޮތުގައި ހިންގައި އަމިއްލަ ވެބްސައިޓަކާއި ސިއްކައެއް ބޭނުން ކުރުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެ ބޭފުޅުން އެ ބޯޑަކީ މިނިވަން ބޯޑަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި އަހަރަކާ ގާތަށް، އަސްލު އެކަމާ ހުރެ ބޯޑުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފި ބޯޑަކީ އިފެކްޓިވް ބޯޑަކަށް ނުވެގެން ދިޔަ ކަމަށް އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ޕޮލިސް ބޯޑުން ހިންގަން ބޭނުން ވަނީ ވެސް ދުނިޔޭގެ އެހެން ތަންތަނުގައި އަމަލު ނުކުރާ، އެ ބޭފުޅުންގެ އަމިއްލަ މޮޑެލްއެކެވެ. އަދި މިއީ "ފަންކްޝަން ނުކުރާ" މޮޑެލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ބޯޑުން މިހާރު ހިނގަމުން އަންނަ ގޮތުން ބޯޑުގެ "ބޭނުން ރަނގަޅަށް ނުހިފެ" އެވެ. އަދި ބޯޑުން މިނިސްޓްރީއަށް ދޭން ޖެހޭ އެއްބާރުލުން ނުލިބޭއިރު، ހަރަދު ބޮޑުވެފައި ޝަކުވާ ބޮޑުކަން ފާހަގަކުރެއްވި އެވެ. އެގޮތުން ބޯޑުން މީޓިން ރޫމް ސައުންޑު ޕްރޫފު ކުރުން ފަދަ ހަރަދު ކުރަން އެދުނު ކަމަށް ވެސް ވިދާޅުވި އެވެ.

"ފުލުހުންގެ މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށް ޓަކައި މިފަދަ ބޮޑީއެއް އޮތުމަކީ ހަމަ ރަނގަޅު މޮޑެލެއް، އޭގެ ފައިދާ އިތުރަށް ކޮށްގެން އޭގެ ސަބަބުން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނެ ބޮޑީއެއް،" 50 ވަރަކަށް މިނެޓް ލައިވްކުރި ކޮމެޓީ ބައްދަލުވުމުގައި އިމްރާން ވިދާޅުވި އެވެ.
"[އެކަމަކު]އަޅުގަނޑަށް މިހާރު ދަންނަވަން ފަސޭހައީ މިވަގުތަށް [ޕޮލިސް ބޯޑު] އެއްވެސް ގޮތަކަށް އިފެކްޓިވް އެއް ނޫން،"
މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީން ދޭން ޖެހޭ ހުރިހާ ލުޔެއް ދީގެން މަސައްކަތް ކުރި ނަމަވެސް އޭގެ ނަތީޖާއެއް ނުފެނެ އެވެ.
"އަޅުގަނޑުގެ ސެކެޓެރިއޭޓަށް ވުރެ 10 ގުނަ ހަރަދާއި ވަސީލަތްތައް ދީގެން މިހުރީ، އެކަމަކު އަދިވެސް އެ ބޭފުޅުންނަށް ކަމެއް ކޮށްދެވޭ ކަމަކަށް ނުވޭ،"
އިމްރާން ގަބޫލުކުރައްވާ ގޮތުގައި މި ކަން ހައްލު ކުރެވޭނީ އެ ބޯޑަކީ މިނިސްޓަރު ޗެއާ ކުރައްވާ ބޯޑަކަށް ވެގެންނެވެ. އެހެންނޫންނަމަ ބޯޑުން ދޭ އެއްވެސް ލަފަޔަކީ މިނިސްޓްރީން ގެންގުޅޭ ހަމަތަކާ އެއްގޮތް ކަމަކަށް ނުވާނެ ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ލަފާތަކަށް އަމަލު ނުކުރެވުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާ ފައިދާ ބޮޑުވާނެ މިނިސްޓަރު ޗެއާކޮށްގެން ކުރިއަށް ގެންދަން،" އިމްރާން ވިދާޅުވި އެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން މިހާތަނަށް ހަދާފައިވާ 19 ގަވައިދު ހެދުމުގައި ވެސް ބޯޑުގެ ލަފާ ހޯދި ނަމަވެސް، ގިނަ ލަފާތަކަކީ އެޓާނީ ޖެނެރަލްގެ އޮފީހުންނާއި މިނިސްޓްރީން އެއްބަސްވެވޭ ކަމަކަށް ނުވާތީ ގިނަ ލަފާތައް ނުހިމަނާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން ކޮމިޓީ މެންބަރުން ވަނީ މިނިސްޓްރީ އާއި ބޯޑުގެ ގުޅުން ކުޑަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ފާހަގަވެގެން ދިޔައީ މިނިސްޓްރީން ބޯޑާއެކު މަސައްކަތް ކުރަން ދެކޮޅު ހަދާ ތަން ކަމަށާއި މިއީ ގާނޫނުގައި އޮތް މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"މިނިސްޓާ ބޯޑަށް ނުލާ މިގޮތަށް މި ކޮމްޕޮސިޒަން ބާއްވަން އެއީ ވަރަށް ދިގު ބަހުސަކަށް ފަހު ނިންމު ނިންމުމެއް، އެއީ މިނިސްޓަރަކީ ފުލުހުންގެ އިސް ވެރިއަކަށް ހުންނަވާ އެއް ބޭފުޅަކަށް ވެފައި، ޕޮލިސް ތެރެއިން ގެންނަން ޖެހޭ އުނދަގޫ، ދަތި ބަދަލުތައް ގެންނަން މި ބޯޑުގައި މިނިސްޓަރު އިންނަވައިގެން ލަފާ ދެއްވައިގެން ދަތިވާނެތީ،" ހިސާން ވިދާޅުވި އެވެ.
އެހެންނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު މި މަސައްކަތް ދާ ގޮތް ބަދަލު ކުރަން ޖެހެ އެވެ.
އިއްޔެގެ ކޮމިޓީއަކީ ސިއްރު ކޮމިޓީއެއް ގޮތަށް ގެންދަން ފާސްކުރިނަމަވެސް، މަޖިލީހުގެ އިދާރާއިން ވަނީ ކޮމިޓީ ލައިވް ކޮށްފަ އެވެ.
ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާފައިވާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.
މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޯޑެވެ. އެގޮތުން ތަހުގީގީ އުސޫލުތައް ކަނޑައެޅުމާއި ފުލުހުންގެ ތަމްރީނުތަކުގެ އޮނިގަނޑު އެކަށައެޅުން ފަދަ މުހިންމު ބާރުތަކެއް ބޯޑަށް ލިބެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާއަށް އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) މަރާލި މައްސަލާގައި އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި ބޭއްވީ އިއްޔެ އެވެ.
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވާހަކަތަކަކީ ވައުދު ކަމަަށާއި އެކަންކަން ފުއްދަވާ ދެއްވާނެ ކަމަށް ސަރުކާރުން ބުނީ އިއްޔެ އެވެ.
- ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ބިދޭސީންނަށް ދިނުން ލާޒިމުވާ ދެ އަހަރު ދުވަސް، އިގުތިސޯދީ ހާލަތާ ގުޅުވައި، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ފިގުހު އެކަޑެމީ އެކުލަވާލުމާއި ފަތުވާ ކޮމިޓީއާ ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ:
ފިގުހު އެކަޑަމީއެއް އެކުލަވައިލެވޭނީ ގާނޫނު އިސްލާހުކޮށްގެން. އެކަމަށް ވަގުތު ނަގާނެ. އެހެންވީމާ ފިގުހު އެކަޑަމީއެއް އެކުލަވައިލެވެންދެން ވެސް ގާނޫނުގައި އެބުނާ މަޖިލިސް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވާތީ ގާނޫނާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ވެސް އަމަލުކުރަން ޖެހޭނެ،
ދުވަހުގެ ފޮޓޯ

ބްރުނާއީ އާ ދެކޮޅަށް ގައުމީ ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އުފާ ފާޅުކުރަނީ. ފުރަތަމަ ފަހަރަށް ބުރުނާއީގެ މައްޗަށް ރާއްޖެ އިން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުން --- ފޮޓޯ: އެފްއޭއެމް













