މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގުރޫޕަކުން މިރޭ އެއްވެ ފުލުހަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ވިދާޅުވެއްޖެ އެވެ.
ސީޕީ ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފައިވާ ކަަމަށެވެ.
އަދި ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެ މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ މާފަންނުގައި ހަރަކާތްތެރިވާ އެ ގުރޫޕްގެ ބަޔަކު އޭގެ ފަހުން ވެސް އެ ސްޓޭޝަން ކައިރިއަށް އެއްވެ އިންޒާރު ދީފައިވާ ކަމަށެވެ. އެ މީހުންނަށް ވެސް ފިޔަޅު އަޅާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
"ޖަމާއަތް ހަދައި ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

މިފަދަ ކަމެއް ހިގާފައި ވާއިރު، މި މަހުގެ 10ވީ ހޮނިހިރު ދުވަހުގެ ހެނދުނު ޑްރަގް އެންފޯސްމަންޓް ތިން ފުލުހަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ. އެ މައްސަލާގައި މިހާތަނަށް ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ.












