ގއ. ގެމަނަފުށިން ފުރައިގެން ގއ. ކަނޑުހުޅުދުއަށް ދަތުރުކުރި އެމްޓީސީސީގެ ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އެ އަތޮޅު ކަނޑުހުޅުދޫ ހީނާމާގެ، އިރުފާން އަލީ، 25 އެވެ.
ގެމަނަފުށި ކައުންސިލް ރައީސް އިބްރާހީމް ނާޝިދު "އަދަދު" އަށް ވިދާޅުވީ އިރުފާނަކީ އެމްޓިސީސީ ފެރީއެއްގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށެވެ.
އޭނާ މޫދަށް ވެއްޓުނީ ފެރީގެ ދިރުނބާ ކޮޅުގައި، އެ ފެރީން ދަތުރުކުރި އެހެން ދެ މީހަކާ ވާހަކަ ދައްކަން ހުއްޓައި ނެރުކައިރިން ފެރީ ދަތުރުކުރި ވަގުތު ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭނާ މޫދަށް ވެއްޓުނީ ކިހިނެއް ކަން ސާފެއް ނުވި ނަމަވެސް އެ ވަގުތު ފެރީ މަޑުކޮށް އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް އެ ފެރީގައި މަސައްކަތް ކުރި އެހެން މީހުނާ ހަވާލާދީ ނާޝިދު ވިދާޅުވި އެވެ.

"އޭނާ ފެނުނީ ވެއްޓުނުތާ 10 މިނެޓް ފަހުން ކަމަށް ވަނީ. ޑޮކްޓަރު ބުނީ ގެނައި އިރުވެސް މަރުވެފައިވާ ކަމަށް،" ނާޝިދު ވިދާޅުވި އެވެ.
ޑޮކްޓަރުންނާ ހަވާލާދީ ނާޝިދު ވިދާޅުވީ އެ ޒުވާނާ މަރުވެފައިވަނީ ގެނބިގެން ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 ހާއިރު އެވެ.













