ގިނަ އަދަދެއްގެ މީހުނާ އެކު އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރުގެ މައްޗަށް 40 ދައުވާއެއް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީން މިއަދު ބުނީ އަލަމްގީރްގެ މައްޗަށް، މިއަދު އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ކަމަށެވެ.
އަލަމްގީރުގެ އިތުރުން ދެން މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ.
މި މައްސަލާގައި ނާޒިމާއި ފުލުސް މީހާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ނާޒިމް ކުށަށް އިއުތިރާފުވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށް ކުށަށް ތައުބާވެފައިވާތީ އާއި އެކަމަށް އޭނާ މައާފަށް އެދިފައިވާތީ, އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމަކަށް ކަނޑައެޅި އެވެ.
ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވާ އެދުމަށް ރިއާޔަތްކޮށް ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މި މައްސަލައިގައި ހަމައެކަނި ހަތަރު މީހުން ހައްޔަރުކުރި ނަމަވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
އެއާއެކު، ގިނަ އިދާރާތަކުން އަންނަނީ ވީޑިއޯތަކުގެ މައްސަލައިގައި ހިމެނޭ މީހުން ސަސްޕެންޑުކުރަމުންނެވެ. މިގޮތުން މިހާތަނަށް ކަސްޓަމްސް ދެ މުވައްޒަފަކާއި ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންނާއި އިމާމެއްގެ އިތުރުން ޓީޗަރަކާއި ސިފައިންގެ މީހެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.












