މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މައްޗަށް ދަނގަޑުތަކެއް އަރުވަނިކޮށް އޭގެ ތެރެއިން ދަނގަޑެއް ވެއްޓި، މީހެއްގެ ގަޔަށް ހެރި އޭނާ ވަރަށް ބޮޑަށް ޒަހަމްވީ އިއްޔެ އެވެ.
ފުލުހުން އިއްޔެ ބުނީ ހެންވޭރުގައި ހަދަމުން އަންނަ އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް ހިނގި އެ ހާދިސާގައި ދަގަނޑު ހެރުނީ ބިދޭސީއެއްގެ ގަޔަށް ކަމަށެވެ. ދަނގަނޑު ހެރުނީ އެމީހާގެ މޫނަށް ކަމަށް ވެސް ބުންޏެވެ.
އޭޑީކޭގެ ސީއީއޯ އަހުމަދު އަފްއާލް އިއްޔެ "އަދަދު"އަށް ވިދާޅުވީ ދަނގަޑެއް ހެރިގެން ގެނައި މީހާއަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ވެއްޓުނު ދަނގަޑު ވަނީ ބިދޭސީ މީހާގެ މޫނުން ވަދެގެން އެތެރެހައްޓާ ހަމައަށް ފޯރާފަ އެވެ.
ވައިގޮޅިން ވެއްޓުނު ދަގަނޑު ނޭފަތުން ވަދެގެން ބަނޑާ ހަމައަށް
"އެއީ ހަފޫޓު ދިގު ދަނގަޑުބުރިއެއް. އޭނާގެ ނޭފަތުން ފެށިގެން ކަރުތެރެއިން ލާފައި އެތެރެހައްޓަށް ހުރީ ފޯރާފައި. ބޭރަށް ހުރީ ދެފޫޓެއްހާތަން،" ހާދިސާ ހިނގި އިރު އެތަނުގައި ހުރި މަސައްކަތްތެެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވައިގޮޅިން ވާޖަހައިގެން މައްޗަށް ނަގަމުން ދިޔަ ދަނގަނޑުތައް ފައިބައިގަތީ ކީއްވެކަމެއް ނޭނގެ އެވެ. އެވަގު ވައިގޮޅިން މައްޗަށް ބަލައިލެވުމަކީ މަސައްކަތްތެރިޔާއަށް ހެދުނު ގޯހެކެވެ.
ދަގަނޑުތައް ފައިބައިގަތީ ކިތައް ވަނަ ފަންގިފިލަޔާ ހިސާބުން ކަމެއް ވެސް އޭނާ ބުނީ ނޭނގޭ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދަގަނޑު ހެރުނު ފަހުން ވެސް އޭނާގެ ހޭ ހުއްޓެވެ. ހޮސްޕިޓަލަށް ގެންދަން އުޅުނު އިރު އޭނާ ހުރީ ވެސް ކޮޅަށެވެ.
ހ. ހާޒަމްގައި ހަދާ 10 ބުރީގެ އިމާރާތުގެ މަސައްކަތް ކުރަމުން އަންނަނީ އާރްސީސީ އިންނެވެ. އެ ކުންފުނީގެ ޑެޕިއުޓީ އެޗްއާރް މެނޭޖަރު އަހުމަދު ސާލިމް "އަދަދު" އަށް އިއްޔެ ވިދާޅުވި ގޮތުގައި އެކުންފުނީގެ ސައިޓެއްގައި ހިނގި ހާދިސާ، ހިނގީ ކިހިނެތްތޯ އެކުންފުނިން އަންނަނީ ބަލަމުންނެވެ. އެ ހާދިސާގައި ޒަހަމްވި މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ޗިސްމޭގެ ސާޖަރީއެއް ކުރުމަށްފަހު މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަސައްކަތް ހުއްޓާލާނީ އެކަން ކާމިޔާބު ކުރުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ އެވެ.
- ވެމްކޯގެ މަސައްކަތްތައް ސިޓީ ކައުންސިލުން ކުރަން ފަށަން ނިންމުމާ ގުޅިގެން ގެއްލޭ ވަޒީފާތަކާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދެއްކެވީ އިއްޔެ އެވެ.
- މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ސަރުކާރުން ހާމަކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:
އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައީސްކަން ކޮށްގެން އަނެއްކާ ލިބޭނީ ބޮނޑިއެއް، އެކަމަކު ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް، ޕާލަމެންޓަރީ ނިޒާމެއް ނޫން ގޮތަކަށް މި ރާއްޖޭގެ ވެރިކަން ހިންގޭނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ،
ދުވަހުގެ ފޮޓޯ

ތިން ވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތެރެއިން. މި މުބާރާތުގައި 32 ސްކޫލަކުން 900 އަށް ވުރެ ގިނަ ކުދިން ބައިވެރިވި. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ސްކޫލު ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމަށް ޝައުގުވެރިކަން އިތުރުކުރުމާއިއެކު، ކުޑައިރުއްސުރެ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ބައްޓަން ކުރުމަށް އެހީތެރިވެދިނުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު













