އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް ފަށައިފި؛ ޖުމްލަ 48 ޕޭޕަރު ހުށަހަޅާނެ

އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ބާއްވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ގެ މި އަހަރުގެ ކޮންފަރެންސް މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސް ކަމަށްވާ އައިސީއައިއޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

އެ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރައްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިސްލާމުންގެ ރަންޒަމާނުގައި މުސްލިމުންނަކީ ދުނިޔޭގެ އިލްމުގެ ކުރިބޯށި ކަމަށާއި ނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށެވެ.

"މިއަދު ދުނިޔޭގައި މުސްލިމުންގެ އާބާދީ އަކީ 1.3 ބިލިއަން. އެކަމަކު ސައިންސްގެ ރޮނގުން ނޯބަލް އިނާމު ހާސިލްކޮށްފައިވާ މީހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތް އެއް ޕަސެންޓަށް ވެސް ނާރާ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލްމު ނެތި ބާރުވެރިކަމެއް ނުހޯދޭނެ ކަމަށާއި އެހެންކަމުން ހުރިހާ މުސްލިމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރި އާ ހޯދުންތައް ހޯދައި އިލްމީ ގޮތުން ކުރިއަރަން ޖެހޭ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ މައުލޫމާތު ފެތުރުމުގެ ޒަރިއްޔާއެއްގެ ގޮތުން، އެ ކޮންފަރެންސްގެ މަގުސަދަކީ، ވީހާ ވެސް ފުރިހަމަ ގޮތުގައި އިލްމު ހޯދިނުމަށް ދޮރުތަކެއް ހުޅުވައިދީ އެ ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށެވެ.

އައިޔޫއެމް ޑެޕިއުޓީ ވައިސް ޗާންސެލަރު، ރިސާޗް އެންޑް އިނޮވޭޝަންސް ޑރ. ދީބާ މޫސާ ވިދާޅުވީ މިފަދަ ކޮންފަރެންސްތަކުގައި ދިރާސާތައް ހިއްސާކުރުމުގެ މުހިންމު ކަމާމެދު ސުވާލެއް ނެތް ކަމަށާއި އެހެން ނަމަވެސް އެއަށް ވުރެ މުހިންމީ އެ ދިރާސާތަކުގެ އަލިން އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ އެދެވޭ ބަދަލުތަކެއް އައުން ކަމަށެވެ.

"ދިރާސާތަކުގެ ހަގީގީ މަންފާ ލިބޭނީ ސަރުކާރާއި އެހެނިހެން ސްޓޭކް ހޯލްޑަރުންގެ އެކަށީގެންވާ ސަމާލުކަން ދިރާސާތަކަށް ލިބިގެން،" ދީބާ ވިދާޅުވި އެވެ.

އެއީ އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. ކޮވިޑުގެ ސަބަބުން މިދިޔަ ދެ އަހަރު ބޭއްވީ ހައިބްރިޑްކޮށެވެ. މި ކޮންފަރެންސްގެ މަގުސަދަކީ އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހަޅުއްވަ އެވެ. އޭގެ ތެރޭގައި ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިއްހަތު، މީޑިއާ އަދި ސިޔާސަތާ ގުޅޭ ޕޭޕަރުތައް ހިމެނޭއިރު، މި ކޮންފަރެންސްގައޮ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކީނޯޓް ތަގުރީރު ދެއްވާ ބޭފުޅުންގެ ތެރެގައި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކް އާއި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު ވެސް ކީނޯޓު ދެއްވަވާނެ އެވެ.

އައިޔޫއެމް އިން މައުލޫމާތުދޭގޮތުގައި މި ކޮންފަރެންސްގައި ޖުމްލަ 48 ރިސާޗް ޕޭޕަރު ހުށަހަޅާނެ އެވެ. އެ ރިސާޗު ޕޭޕަރުތައް ހުށަހަޅަން ހަމަޖެހިފައި ވަނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށެވެ.

ފުރަތަމަ ތީމަކީ ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި އެޑިއުކޭޝަން އެވެ. އޭގެ ސަބް ތީމުތަކަކީ ތައުލީމާއި ކަރިކިއުލަމް އާއި ސަގާފަތާއި ހެރިޓޭޖް، ލިންގިއުއިސްޓިކްސް އާއި ލިޓްރޭޗާ އަދި ބަސް، މީޑިއާ އާއި މާސް ކޮމިއުނިކޭޝަން، ހެލްތު އާއި ނާސިން އެންޑް ސޯޝަލް ވޯކް، ޕޮލިޓިކްސް އާއި ޑިޕްލޮމެސީ އާއި އިންޓަނޭޝަނަލް ރިލޭޝަންސް އަދި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އެވެ.

ގުރުއާނިކް ސްޓަޑީސް، ޝަރީއާ އެންޑް ލޯގެ މައްޗަށް އެކުލެވޭ މައިގަނޑު ތީމުގެ ތެރޭ ހިމެނޭ ސަބް ތީމުތަކަކީ އިސްލާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނު، ގުރުއާނިކް ސްޓަޑީސް، ކޮންޓެމްޕަރަރީ އިޝޫސް އިން އިސްލާމިކް ވޯލްޑް އަދި ރަސޫލާގެ ލީޑާޝިޕް އެވެ.

ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީގެ މައްޗަށް އެކުލެވޭ ތީމުގެ ތެރެއިން ކަރުދާސް ހުށަހަޅާ ސަބް ތީމުތަކަކީ ހަލާލް ޓޫރިޒަމް، މޫސުމީ ބަދަލުތައް، ދެމެހެއްޓެނިވި ތަރައްގީ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެވެ.

މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން އަކީ ވެސް މައިގަނޑު ތީމެވެ. އޭގެ ދަށުން އިސްލާމިކް ފައިނޭންސް، ހިއުމަންސް ރިސޯސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ކެޕިޓަލް މާކެޓް އަދި މާކެޓިން އާއި ބްރޭންޑިން ސަބް ތީމުތަކަކަށް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox