އިއްޔެ ހައްދުންމަތީ ގަމުގައި ހުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, މާޒީން ދެއްކެވީ މުހިންމު މަންޒަރެކެވެ. ވަރުގަދަ އިގްތިސޯދުތަކެއް ބިނާކޮށް ދެކުނުގެ ގިނަ ރަށްތަކެއްގައި ދިވެހިން އުޅުނު ހަމަޖެހޭ, ހިތްހަމަޖެހޭ ތަނަވަސް ރަށްފުށު ދިރިއުޅުމެވެ.
އެ ދިރިއުޅުން މިހާރަކު ނެތެވެ.
ރައީސް ކިޔައިދެއްވި ގޮތުގައި, އައްޑޫ ސިޓީ, ފުވައްމުލައް އަދި ގދ. ތިނަދޫ ފަދަ ރަށްތަކުން އަމިއްލައަށް ކޮޅުނބަށް ގޮސް މުދާ ވިއްކައި, މުދާ ގަނެ އުޅުނެވެ. ވެރިރަށް މާލެއަށް ބަރޯސާއެއް ނުވެ އެވެ.
"...މިތާ ތިއްބަވާނެ ބައެއް އާއިލާތައް, ބައްޕަމެން ކާފަމެން ދިރިއުޅުނު އެ ގޮތް ހަނދާންހުރި," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އިގްތިސޯދުތައް ފުނޑިގެން ދިޔައީ އޭރުގެ ސަރުކާރުތަކުން ސިޔާސަތުތަކަށް ގެނައި ބަދަލާއެކު އެވެ. އެއީ, ބައެއް ވެރިން ރައްޔިތުން ކޮންޓްރޯލް ކޮށްފައި ބައިތިއްބަން ބޭނުންވާތީ, ސިޔާސީ ސަބަބުތަކާ ހުރެ އަނބުރާލި ސިޔާސަތުތަކެއް ކަމަށް ރައީސް ގަބޫލު ކުރައްވަ އެވެ.

އެކަމަކު, ރައީސް ސޯލިހު މިހާރު ބޭނުންވަނީ, އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން ބަދަލުކުރާށެވެ. މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލައި, ޖަޒީރާވަންތަ ތަރައްގީއެއް ރާއްޖެއަށް ގެނައުމެވެ.
"އަޅުގަނޑު ބޭނުން ވަނީ ކަންކަން ރަނގަޅުކުރަން, އަލުން އެނބުރި ރަށްފުށުގެ މި ތަނަވަސް ދިރިއުޅުމަށް އަނބުރާ އިޔާދަވުން," ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މިމަގާމުގައި ދެމިހުންނާނީ ވެސް މި މަސައްކަތް މުޅިންނިންމާ ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް، ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް, އެ ނޫން އެއްވެސް ބޭނުމެއް, އަމާޒެއް، އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް"
ރައީސް ވިދާޅުވި ގޮތުގައި މާލެއަށް ބަރޯސާވުން ހުއްޓުވޭނީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުޅާ ގޮތެއްގައި ގާއިމްކޮށްދީގެންނެވެ. ފެނާއި ނަރުދަމާ, ސިއްހީ އަދި ތައުލީމް ލިބެން ހުރެ, ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށެވެ.
"...މިއީ ބުރަ މަސައްކަތެއް, ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމެއް, ބައެއް ފަހަރު ބަޖެޓް ބޮޑުވާ ވާހަކަ ދައްކާނެ, ރަނގަޅު... އަޅުގަނޑުމެންނަށް އެއްފަހަރާ މި ހުރިހާ ކަމެއް ކުރަން ޖެހުނީ ބަޖެޓް ބޮޑުވާނެ, ޕްރޮޖެކްޓްތައް ހިންގަން ޖެހުނީމަ ހަރަދު ހިނގާނެ," ރައީސް ވިދާޅުވި އެވެ.
"އެހެންނަމަވެސް, ދުރުރާސްތާއަށް މި ރާއްޖެއަށް އަދި ހާއްސަކޮށް މާލެއަށް އޮތް ތޮއްޖެހުން ކުޑަވެގެން އަންނާނީ މިކަންކަން ކޮށްގެން, އެހެންވީމަ މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްގީގަ މިގޮތަށް ރަށްރަށް ތަރައްގީ ކުރަމުން ދިޔުން,"
ރައީސް ވިދާޅުވާ ގޮތުން ވަށާޖެހޭ, ޖަޒީރާވަންތަ ތަރައްގީއެއް ރައްޔިތުންނަށް ހޯދައިދިނުން ނޫން ބޭނުމެއް, އަޒުމެއް އަދި ތަސައްވުރެއް ވެސް އެމަނިކުފާނުގެ ނެތެވެ. އެކަމަކު, މާލޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ވަނީ ފައްޓަވާފަ އެވެ. އާ ބިންތައް ހިއްކުމާއި ބްރިޖްގެ މަޝްރޫއުއާއެކު ޖަރީޒާވަންތަ ސިޔާސަތު ދެކޮޅު ޖެހުމާ މެދު ސުވާލު އުފައްދަ އެވެ.
އިއްޔެ ނިމިގެން ދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށްފަހު ނޫސްވެރިންނާ ބައްދަލުކުރުމުން, ރައީސަށް މި ސުވާލު އަމާޒު ކުރުމުން އެމަނިކުފާނު ވިދާޅުވީ މާލެއަށް ހައްލެއް އެބަ ހޯދަން ޖެހޭ ކަމަށެވެ. މާލޭގައި އުޅޭ މީހުންނަށް ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ގެދޮރުވެރިކަން މާލޭގައި އޮންނަން ޖެހޭ ކަމަށާއި އަދި މަގުތަކުގައި ތޮއްޖެހިފައި އޮތް އޮތުމަށް ހައްލުތަކެއް ހޯދަން ވެސް ޖެހިފައިވާ ކަމަށެވެ.
"...އެހެންވީމަ މާލެއަށް މި ގެނެވޭ ތަރައްގީގެ މަޝްރޫއުތަކަކީ ވެސް އަޅުގަނޑު ނުދަންނަވާނަން އެއީ މުޅި ރާއްޖެ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އޮތް ހުރަހެއް ކަމަކަށް, އެއީ ހަމަ ބޭނުންތެރި ކަންކަން,"
އެއާއެކު ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް, ސަރަަހައްދީ ތަރައްގީގެ ސެންޓަރުތައް ގާއިމް ކުރަމުން ދިޔުމުން, އެމަނިކުފާނު ބޭނުންވާ ޖަޒީރާވަންތަ ތަރައްގީ ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ލާމު ގަން ފަދަ ބޮޑެތި ރަށްރަށުގައި އާބާދީތައް ހިޖުރަކޮށް އުޅެވޭނެ މަގު ދައްކަން ޖެހެ އެވެ,
އެކަމަކު, އެއީ މީހުންނަށް މަޖުބޫރުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް އަމިއްލަ ރަށް ދޫކޮށް އެހެން ސަރަަހައްދަކަށް ހިޖުރަކުރަން ޝައުގުވެރި ކުރެވޭނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ އެއްގޮތަކަށް ވެސް ގެއްލުމެއް އޮތް ކަމެއް ނޫން,"
ބައެއް މުހިންމު ހަބަރުތައް
- ތިމާވެށީގެ ގޮތުން އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެތީ ރިސޯޓެއް ނާޅާ ގޮތަށް ނިންމާފައި އޮތް ކ. ކާށިދޫ ފަޅު (ކާށިދުއްފަރު)ގައި ރިސޯޓެއް އެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފެށިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- އެސްޓީއޯގެ އައިފާން ބިލްޑިން ނުވަތަ މިހާރުގެ ނަމުން ނަމަ އެފްއެސްއެމް ބިލްޑިން އިން ސްޓްރާޑާ ކުންފުންޏަށް ކުއްޔަށް ދީފައިވާ ބްލޮކްގެ ކުލީގެ މައްސަލާގައި އެސްޓީއޯއަށް 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ކައުންސިލްތަކަށް ފައިސާ ދޫކުރާ ގޮތާއި މެދު ހިތްހަމަނުޖެހުންތަކެއް ހުރިކަން ހާމަކޮށް އެގޮތް ބަދަލުކޮށްދޭން ދެކުނު ކައުންސިލްތަކުން ސަރުކާރުގައި އެދުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރު ނިންމަވާލައްވަމުން ވަދާއީ ތަގުރީރުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ:
މި އެކުވެރި ދައުލަތްތަކުގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމު ދިވެހި ރައްޔިތަކަށް ލިބުނުކަމީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ނަތީޖާ. ދުނިޔޭގެ ގައުމުތަކުގެ އިތުބާރާއި ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެކި،
ދުވަހުގެ ފޮޓޯ

އިއްޔެ ލ. ގަމުގައި ނިމުނު "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ހަވާސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަނީ. މި ކޮންފަރެންސްގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭހެން 300 އަށްވުރެ ގިނަ މީހުން ބައިވެރިވި --- ފޮޓޯ: ރައީސް އޮފީސް












