ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުންނަށް ހަމަލާދީފައި ވަނީ އިއްޔެ ހެނދުނު 11:50 ހާއިރު މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިިރިންނެވެ. އެ މައްސަލާގައި އިއްޔެ ދެމީހުން ހައްޔަރު ކުރިއިރު، އަނިޔާ ލިބުނު ތިން ފުލުހުންނަށް ވަނީ އޭޑީކޭގައި ފަރުވާ ދީފަ އެވެ.
ފުލުހުންނަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރީ އުމުރުން 18 އަހަރާއި 20 އަހަރުގެ ދެމީހުންނެވެ. އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހެންވޭރުގެ މަޝްހޫރު ގޭންގަކުން ކަމަށާއި މައްސަލަ އަވަހަށް ބަލައި، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ޒަހަމްވި ފުލުހުންނަށް ޒިޔާރަތްކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ކޮމިޝަނާ ވިދާޅުވީ، ތިން ފުލުހުންނަށް ހަމަލާ ދީފައިވަނީ ޑިއުޓީ ގަޑީގައި އެ ފުލުހުން ހަރަކާތްތެރިވަމުންދަނިކޮށް ނޫންކަމަށެވެ. ފުލުހުންނަށް ދޭ މިފަދަ ހަމަލާތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަށް މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުށްކުރާ ގްރޫޕްތަކާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރަންޖެހޭ މަސައްކަތުގައި ފަހަތަށް ނުޖެހޭނަން، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވި ފިޔަވަޅުތައް އެޅިގެން މިފަދަ ކަންކަން ހައްލުވާނީ،" ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ ވާޖިބު ރައްކާތެރިގޮތުގައި އަދާކުރުމަށް ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
އެހެން ނަމަވެސް ޒަހަމްކޮށްލާފައިވާ ތިން ފުލުހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.












