ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިންގާ ޝަރީއަތުގައި އިއްޔެ އޮތީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ނެގުމެވެ.
އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވި ގޮތުގައި އެ ރަށް ކުއްޔަށް ދިނުމުގައި އެމްއެމްޕީއާރުސީގައި އެ ކަމަށް އެކުލަވާލި އެއްވެސް އުސޫލަކަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ. އެ ކަމުގައި އަމަލު ކޮށްފައި ވަނީ ޔާމީން އިރުޝާދު ދެއްވި ގޮތަށެވެ.
އެ ގޮތުގެ މަތިން ޔޫސުފް ނައީމަށް އެ ރަށް ދެ މިލިއަން ޑޮލަރަށް ދިނުމަށް އެންގެވި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެއީ ޔާމީނަށް ޔޫސުފް ނައީމް ކޮށްދެއްވާފައިވާ ކަންކަމުގެ ބަދަލަށް ހިންގެވި މުއާމަލާތެއް ކަމާއި، އޭނާ ޔާމީނަށް އެއް މިލިއަން ޑޮލަރު ދީފައި އޮތް ކަމަށް ޔޫސުފް ނައީމާ ހަވާލާދީ ވިދާޅުވި އެވެ.
ދައުލަތުން އަދީބު ހެއްކެއްގެ ގޮތުގައި ހުށަހެޅި އިތުރު ސަބަބަކީ ދައުލަތުން ހުށަހަޅާ ކިތާބީ ހެއްކެއްގެ ސައްހަކަން ޝަރީއަތަށް ކަށަވަރު ކޮށްދެއްވުމަށެވެ. އެއީ އަދީބާއި ޔާމީނާ ދެމެދު ކޮށްފައިވާ ކަމަށް ބުނާ ފޯނު ކޯލު ރެކޯޑިންއެކެވެ.
އެ ރެކޯޑިން ޝަރީއަތުގައި އިއްވުމަށް ދައުލަތުން އެދުނެވެ. ނަމަވެސް ދިފާއުން އެ ކަމަށް އިއުތިރާޒުކުރި އެވެ. އެއީ އެ ރެކޯޑިންއަކީ އާރަށު މައްސަލައާ ސީދާ ގުޅުމެއް އޮތް ކަމަކަށް ނުވާތީ އެވެ.

މި މައްސަލައާ ހަވާލުވެ ހުންނެވި އިސް ގާޒީ ޝަކީލް ވެސް ވަނީ އެ ރެކޯޑިންއަކީ 2013 ވަނަ އަހަރުގެ ރެކޯޑިންއެއް ކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އާރަށު މުއާމަލާތް ހިނގާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެހެންވެގެން އޯޑިއޯ އިއްވަން ޝަރީއަތުން ހުއްދަ ނުދިނުމުން، ދައުލަތުގެ ވަކީލުން ދެން މަސައްކަތް ކުރެއްވީ ރެކޯޑިންގައި އިވޭ ވާހަކަތައް ވަކީލުން ވިދާޅުވެ އަދީބާ ސުވާލު ކުރެއްވުމަށެވެ. އެ ކަމަށް ވެސް ދިފާއުން އިއުތިރާޒު ކުރިއިރު، ޝަރީއަތުން ވެސް އެ ހުއްދަ ނުދެއްވި އެވެ.
އަދީބު ވަނީ މީގެ ކުރިން ގއ. ވޮޑަމުލާގެ މުއާމަލާ ގުޅިގެން ޔާމީންގެ މައްޗަށް ހިންގި ޝަރީއަތުގައި ދެއްކެވި ބައެއް ވާހަކަތައް ތަކުރާރުކުރައްވައިފަ އެވެ. އަދި އެއީ އަދީބުގެ މައްޗަށް ހިންގި ޝަރީއަތުގައި ވެސް ދައްކާވާފައިވާ ވާހަކަތަކެވެ.
އެމްއެމްޕީއާރުސީ ހިޔާނާތް ހިންގެވި ކަމަށް އެއްބަސްވެފައިވާ އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ބޭނުންކޮށްފައިވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕޭނަށާއި، މަޖިލީހުންނާއި ކޯޓުތަކުންނާއި މުއައްސަސާތަކުން ވަކި ގޮތަކަށް ނިންމުންތަކެއް ނިންމަން ރިޝްވަތު ދިނުމަށެވެ.
އަދީބުގެ ކުރިއަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ނެގި އެވެ. ހިޔާނާތަށް އެއްބަސްވެ، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޒިޔަތު ވެސް ދެއްކެވީ އަދީބު ފާހަގަކުރެއްވި ކަންކަމެވެ.
ޒިޔަތު ބުނީ ކީކޭ؟
އިއްޔެގެ ހެނދުނުގެ ސެޝަންގައި ޒިޔަތުގެ ހެކިބަސް ނެގިއިރު، ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ޔޫސުފް ނައީމް ދަންނަން ފެށީ ވެސް އާރަށުގެ މުއާމަލާތް ހިންގަމުން ދަނިކޮށެވެ.
"އަދީބު ދެންނެވީ، ވ. އާރަށް ކިޔާ ރަށެއް އޮންނާނެއޭ، ޔޫސުފް ނައީމް ކިޔާ ބޭފުޅަކަށޭ ކުއްޔަށް ދޫކުރާނީ، އެއީ ރައީސް ޔާމީން އަންގަވައިގެންނޭ،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި، އެ ރަށުގެ މުއާމަލާތްތައް އަދީބާއެކު މަޝްވަރާ ކުރެއްވީ ބައްދަލު ކުރައްވައި ކައިރީގައި ތިއްބަވައިގެނެވެ. ޔޫސުފް ނައީމާ މުއާމަލާތް ކުރެއްވީ އީމެއިލް އަދި ވައިބާ މެދުވެރިކޮށެވެ.
މި ގޮތުން އެންމެ ފުރަތަމަ ފަސް މިލިއަން ޑޮލަރަށް އަގު ކަނޑައެޅި ކަމަށް ޒިޔަތު ވިދާޅުވި އެވެ. ނަމަވެސް ފަހުން އެ އަގު ތިން މިލިއަނަށް އަދި އެންމެ ފަހުން ދެ މިލިއަން ޑޮލަރަށް ކުޑަކުރި ކަމަށް ވިދާޅުވި އެވެ.
"އެގްރިމެންޓް ސައިން ކުރުމުގެ ސްޓޭޖްގައި އެއަށް ވުރެ ވެސް ކުޑަކޮށްފައި ދެ މިލިއަނަށް އަގު ފައިނަލް ކުރެވުނީ، އެއީ އަދީބު ދެންނެވީ ރައީސް އަންގަވައިގެން ކަމަށް،" އަގު ކުޑަކުރި ސަބަބާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ސުވާލު ކުރުމުން އޭގެ ޖަވާބުގައި ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރު 9، 2015 ގަ އެވެ. އެއީ އެމްއެމްޕީއާރުސީ މީޓިން ރޫމުގައި ކަމަށާއި އެ ބައްދަލުވުމުގައި ޔޫސުފް ނައީމާއި އަދީބާއި ޒިޔަތު ވެސް ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރައީސް ޔާމީން އެ ބައްދަލުވުމުގައި ނެތް ކަމަށެވެ.
ދިފާއުގެ ފަރާތުން ވަނީ އާރަށް ކުއްޔަށް ދިނުމަށް އަގު ކަނޑައެޅިއިރު ރަށްތައް ކުއްޔަށް ދިނުމުގައި އަގު ކަނޑައެޅުމުގައި އުސޫލެއް އޮތްތޯ ސުވާލު ކޮށްފަ އެވެ. އުސޫލެއް އޮތް ކަމަށް ވިދާޅުވި ނަމަވެސް އޭގައިވާ ތަފްސީލްތަކެއް ހަނދާން ނެތް ކަމަށް ޒިޔަތު ވިދާޅުވި އެވެ.
އަދި އާރަށް ކުއްޔަށް ދިނީ މާލީ ގޮތުން ތަނަވަސް ބަޔަކަށް ކަން ކަށަވަރު ކުރަން އެމްއެމްޕީއާރުސީން ވެސް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާގެ އަދަދު 4.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ދަށު ކޯޓުގައި ހިންގާފައިވާ މައްސަލައެއް އަލުން ބަލަން ނުވަތަ ބޭރުކޮށްފައިވާ މައްސަލައެއް ފަށަން ހައި ކޯޓުން ކުރާ ހުކުމްތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހުކުމުތައް ހިމެނޭ މައްސަލަތައް ދަށު ކޯޓުގައި މަޑުޖައްސާލަން ސުޕްރީމް ކޯޓުން އެންގީ އިއްޔެ އެވެ.
- ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ސަރުކާރު ހިންގާ އެމްޑީޕީއަށް ލިބިފައި އޮތް ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، އިދިކޮޅުން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
މާލެއަށް މީހުން ހިޖުރަކުރާ ސަބަބުތައް ހާމަކުރައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:
ރަށްރަށުން [މާލެއަށް] މިހާރު ހިޖުރާކުރާ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ މުނިފޫހިފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއި މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލުގެ މާ ބޮޑަށް ޝައުގުވެރިވާ ކަމަށް،
ދުވަހުގެ ފޮޓޯ

މަންޓާ އެއާގެ ފްލައިޓެއް ހއ. ހޯރަފުށީ އެއާޕޯޓުގައި. ޖެއޭ މަނަފަރު ރިސޯޓާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކުރާ މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުން އަލަށް ގެނައި ބީޗްކްރާފްޓް 1900ޑީ މަރުކާގެ 18 މީހުންގެ ޖާގައިގެ މަތިންދާ ބޯޓުތައް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












