ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަށް ގާނޫނީ ބާރު ލިބޭ ބަދަލެއް ހިމެނޭ ގޮތުން ދައުލަތުގެ މާލިއްޔަތު ގާނޫނަށް ބަދަލުތައް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހުށަހަޅުއްވާފައިވާ އެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލި އިރު އެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އެ ބިލު ދިރާސާ ކުރަމުން އަންނަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ބިލަށް އާއްމުން ހިޔާލުފާޅުކުރުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އީމެއިލް މެދުވެރިކޮށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިއުމުން ވެސް ހިޔާލު ފޮނުވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެސްޑީއެފް ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތަށް ސަރުކާރުން ހުށަހަޅާފައިވާ އެ ބިލަށް މަޖިލީހުގައި ބަހުސް ކުރި އިރު ބައެއް މެމްބަރުން އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އިދިކޮޅު މެމްބަރުންގެ އިތުރުން، ސަރުކާރު ހިންގާ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީވެސް އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
"މިހާރު ވެސް ސޮވެރިން ޑިވޮލޮޕްމެންޓް ފަންޑެއް ގާއިމްކޮށްފައިވޭ، މި ފަންޑަށް ފައިސާ ލިބެނީ ޔޫއެސް ޑޮލަރުން، ފައިސާ ލިބުނީމާ މިހާރު ސަރުކާރަށް ޑޮލަރު ލިބުނީމާ އެ ފަންޑުގައި ހުންނަ ޑޮލަރު ނަގާފައި ރިޒާވަށް ލާފަ އެއަށް ރުފިޔާ ލާފައި ހުންނަނީ، އެއީ ސިޔާސީ ގޮތުން އެކަން ކުރަން ބޭނުންވާތީ އެއިރަކު ސިޔާސީ ގޮތުން ފިނޭންސް މިނިސްޓަރަކަށް އިންނަވާ ބޭފުޅަކަށް އެ އޮޕަރޭޓު ކުރަން ފަސޭހަ ގޮތަށް އެ ކަން ކުރަނީ،" ބިލުގެ އިބްތިދާއީ ބަހުސްގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އޭރު ވިދާޅުވި އެވެ.

އިލްޔާސް އެ ދުވަހު ވިދާޅުވި ގޮތުގައި ސޮވަރިން ފަންޑް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް އުފައްދާ ބޯޑު ވާން ޖެހޭނީ "ސިޔާސީ ގޮތުން އިންނަ ބޭފުޅެއްގެ ލަފާގެ މަތީން" އައްޔަން ކުރާ ބޯޑަކަށް ވުރެ، ސީދާ އެމްއެމްއޭއިން ނުވަތަ އެމްއެމްއޭގެ ލަފާގެ މަތީން އައްޔަން ކުރާ ބޯޑަކަށެވެ.













