ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާ އެކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވެފައިވާ އެއްބަސްވުން އުވާލާ، އެ ބިން ހަވާލުކުރަން އަންގާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާލާ ގޮތަށް ޖުލައި 2017 ގައި ސޮއިކުރި މި އެއްބަސްވުން ބާތިލުކުރަން ނިންމީ އެ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައިވާތާ އަހަރުތަކެއް ފަހުން، ޕްރޮޖެކްޓު ނިމޭނެ ކަމުގެ އެއްވެސް އަލިމަގެއް ނުފެނިގެން ކަމަށް މީގެ ކުރިން އެޗްޑީސީން ބުނެފައިވެ އެވެ.
މި ތަން އަތުލަން އެޗްޑީސީން މަސައްކަތް ފަށައިގެން އުޅޭތާ ވެސް އަހަރެއް ވެއްޖެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތީމް ޕާކުގެ މަސައްކަތް ހުއްޓިފައިވާތީ، އެ މަޝްރޫއު އަނބުރާ އަތުލުމަށްޓަކައި، މިތަން ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭތޯ ބެލުމަށް ހުށަހެޅި މައްސަލަ އަވަސްކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ވެސް އެދިފަ އެވެ.
ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ)ގެ މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމުގައި އެޗްޑީސީން އަމަލުކުރި ގޮތާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް އެ ކޯޕަރޭޝަނުން މި އެއްބަސްވުން ބާތިލުކުރިކަން އަންގާ ސިޓީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ސިޓީގައި ވަނީ އެ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބިން ހަވާލުކުރަން އަންގާފަ އެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ހުޅުމާލެއިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ އެންމެ ބޮޑު ބިމެވެ.

އެއްބަސްވުން ބާތިލުކުރުމާ އެކު ވޯޓާ ފްރަންޓް ކުންފުނިން ވަނީ އެޗްޑީސީގެ ސިޓީއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓުގައި އެދިފަ އެވެ. އެ ކުންފުނިން ކޯޓުގައި ބުނީ އެއްބަސްވުމުގެ މާއްދާއަކާ މެދު ހިލާފު އުފެދިގެން މައްސަލަ ކުރިޔަށް ދަނިކޮށް އެއްބަސްވުން ބާތިލުކުރުމަކީ އެ ކުންފުންޏަށް އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ.
ރައްދުގައި އެޗްޑީސީން ސިވިލް ކޯޓުގައި ބުނީ އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމުގައި ބުނާ އިޖުރާއަތްތައް ފުރިހަމަނުކޮށްގެން ކަމުން މިފަދަ އަމުރަކަށް އިއުތިރާޒުކުރާ ކަމަށެވެ. އަދި މިފަދަ އަމުރެއް ނެރެދިނުމުން ގެއްލުން ބޮޑީ އެ ކުންފުންޏަށް ކަމަށާއި މިކަމުގައި ވޯޓާ ފްރަންޓަށް ލިބޭނެ ގެއްލުމެއް އެ ކުންފުންޏަށް ސާފުކޮށްދެެވިފައި ނުވާ ކަމަށެވެ.
ކޯޓުން ވެސް އެއްބަސްވީ މި ނުކުތާއަށެވެ.
އެގޮތުން ވޯޓާ ފްރަންޓުން އެދުނު ކަންކަމަށް އަމުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވަމުން ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދްރީސް ނެރުއްވި ހުކުމުގައި ވަނީ "ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ވަކި އަގުތަކެއް ކަނޑައެޅިގެން ވަކި ކަންކަމެއް ކުރުމަށް ވެފައިވާ އެއްބަސްވުމަކަށް ވާއިރު، ވަގުތީ އަމުރެއް ނެރެނުދީގެން ވާ އެގެއްލުމަކީ އިއާދަނުކުރެވޭ، ހިސާބުކޮށް އަދަދުނުކުރެވޭފަދަ ގެއްލުމެއް ކަން" ޝަރީއަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- އެޗްޑީސީގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު އާތިފް އައްޔަނުކުރީ އިއްޔެ އެވެ.
- ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭގޮތުން އެކުލަވާލައި އަމަލުކުރަން ފެށި އާ ގަވައިދާއެކު، މަސްދޯނިތަކުގެ ލައިސަންސަށް ކުރަމުން އައި ހޭދަ ކުޑަވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ހ. ޝީރީން ވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ވަގުތީ ނަތީޖާ ލިބިއްޖެ ކަމަށާއި އެހެންނަމަވެސް އަދިވެސް ބައެއް ފޮރެންސިކް ތަހުލީލުތައް ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ، ދައުލަތުން، ގާނޫނު ތަންފީޒުކުރާ މީހުނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ހާމަކުރައްވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ:
އެމީހަކަށް އިންސާފުކަމަށް ގަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެއް،
ދުވަހުގެ ފޮޓޯ

ގަވައިދާ ހިލާފަށް ބަރުކޮށްގެން މާލެއިން ފުރި ސައުތުލައިން ބޯޓް، މެރިން ފުލުހުން ވަނީ މިބޯޓް އަނބުރާ މާލެއަށް ވައްދާފައި. މިއީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވާން ފުލުހުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުން ފޮޓޯ:މެރިން ޕޮލިސް












