ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަޔަކު ހައްޔަރުކުރުމާ ގުޅޭގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކުރި ހަބަރުގެ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ތާވަލުކޮށްފި އެވެ.
އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާ މީޑިއާ ކައުންސިލްގެ ޖަލްސާގެ އެޖެންޑާގައި ވަނީ އެކަމާ ގުޅޭގޮތުން ދިޔަރެސް ނޫހުގައި ޝާއިއުކުރި ހަބަރުގެ މައްސަލަ ހިމަނާފަ އެވެ.
އެގޮތުން، މިދިޔަ މަހުގެ 28 ވަނަ ދުވަހު "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ "އެއާޕޯޓުން އިންޑިއާ ދެ މީހުން ހައްޔަރުކުރީ ގޮވާތަކެއްޗާކު" މި ސުރުހީގައި ލިޔެފައިވާ ހަބަރެވެ. އެ މައްސަލަ ބަލަން އެޖެންޑާ ކުރީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކޮންޓެކްޓްއަށް ވެދާނެ ކަމަށް އާންމުންނާއި، ފުލުހުން އަދި މީޑިއާގެ ކަންބޮޑުވުން އޮތުމުން ކަމަށް ބުނެފައިވެ އެވެ.
އެ ހަބަރުގައި ތުހުމަތުކޮށްފައި އޮތީ އެއާޕޯޓުން ހައްޔަރުކުރީ އިންޑިއާގެ ޖާސޫސީ އިދާރާގެ ބައެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އެއްވެސް އިދާރާއަކުން މިހާތަނަށް އެފަދަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ހަމައެހެންމެ، އެ ހަބަރު މިހާރު ވަނީ ދިޔަރެސް ނޫހުގެ ވެބްސައިޓުން ނަގާފަ އެވެ. އަދި، އޭގެ އިތުރުން ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން އެ ތުހުމަތުތައްކޮށް ކުރި ޓްވީޓު ވެސް ވަނީ ޑިލީޓްކޮށްލާފަ އެވެ.

އެ މައްސަލައާ ގުޅޭތުން ފުލުހުން ބުނެފައިވާ ގޮތުގައި ދެ ބިދޭސީއަކު ހައްޔަރު ކުރީ ދޫކޮށްލާފައި އޮތް ދަބަހެއްގެ ތެރޭގައި އިން ގަމީހެއްގައި ބަޓަން ކެމެރާއެއް އޮތުމުން އެކަމާ ގުޅޭ "އިތުރު ބައެއް ކަންކަން" ސާފު ކުރުމަށް ކަމަށެވެ. އެއީ ކޮން ގައުމެއްގެ ބައެއްކަން ފުލުހުން ނުބުނެ އެވެ.
"އެއާޕޯޓުގައި ވެރިއަކު ނެތި ދޫކޮށްލާފައި ލަގޭޖެއް ހުރިކަމުގެ މައުލޫމާތު ލިބިގެން އޮގަސްޓު 28 ވަނަ ދުވަހު ފުލުހުން ހަރަކާތްތެރިވެފައިވޭ. އަދި ލަގޭޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އިންކަން އެނގުމާ ގުޅިގެން ލަގޭޖު ބެހެއްޓިފަރާތަކީ ކާކުކަން ބެލުމަށްފަހު، އިތުރު ބައެއްކަންކަން ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި ދެ ބިދޭސީން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ދެ ބިދޭސީންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.











