ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކިކޮށް، ފުލުހުންނަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ތައާރަފްކުރިތާ މިއަދު 18 އަހަރު ވި އިރު، އޭރު ރާއްޖޭގައި ހުރި ކުށްކުރުމުގެ މައްސަލަތަކަށް އަދިވެސް އެބަހުރިކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މުއައްސަސާ ވަކިކުރިތާ 18 އަހަރު ފުރުން ފާހަގަކުރަން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަމީދު ވިދާޅުވީ މައްސަލަތައް ހައްލުނުވި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތައް ހިމެނޭ ކަމަށެވެ.
"އަދިވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މީގެ 18 އަހަރުކުރިން ފުލުހުންގެ ހިދުމަތް ގާއިމްކުރި އިރު ހުރި ކުށްތަކާއި އެނޫން ކަންތައްތައް ވެސް އިތުރު ހައްލެއެއް ނުލިބި ވަނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެފައި،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާއި ގޭންގްކުށްތަކާ މެދު މީގެ 18 އަހަރު ކުރިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަދިވެސް އެގޮތުގައި އެބަހުރި ކަަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ފުލުުހުންގެ ހިދުމަތަށް މިދިޔަ 18 އަހަރުގެ ތެރޭގައި ތަަރައްގީ އާއި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ކުރިއެރުން ލިބި ދާއިރާތަކުގެ ތެރޭގައި ތަހުގީގުކުރުމުގެ ދާއިރާ އާއި މުޅި ރާއްޖެއަށް ހިދުމަތް ފަތުރައިލުމުގެ ދާއިރާ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންފޮމޭޝަން ޓެކްނޮލޮޖީ، ފޮރެންސިކް އަދި މި ނޫންވެސް ދާއިރާތަކަށް އައިސްފައިވާ ކުރިއެރުމަކީ މިއަދު އަޅުގަނޑުމެން އެންމެން ވެސް އަދި މީގެ ކުރިން މި މުއައްސަސާގައި ހަރަކާތްތެރިވި ފަރާތްތައް ވެސް ފަހުރުވެރިވާނެ ކުރިއެރުންތައް،" ހަމީދު ވިދާޅުވި އެވެ.

އެ ތަރައްގީ ހޯދުމުގައި ކުރިން މަސައްކަތްކުރި ފަރާތްތަކާއި މިހާރު މަސައްކަތްކުރާ ފަރާތްތައްތަކުން ކޮށްދީފައިވާ މަސައްކަތްތަކަކީ އޭނާ ވިދާޅުވި ގޮތުގައި ހަނދާން ނައްތާލައިގެން ވާނެ ހިދުމަތެއް ނޫނެވެ. ފުލުހުންގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާ އަދި މިހާރު ވެސް ދެމިތިބި އެންމެނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.













