ޓިއުޝަނަށް ކިޔަވަން ދިޔަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުކުރާ ފިރިހެން ޓީޗަރު، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފި އެވެ.
ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އުމުރުން 29 އަހަރުގެ ފިރިހެން ޓީޗަރު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހު 24ގަ އެވެ. އޭނާ ހައްޔަރުކުރީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަރަހައްދުގައި އާންމުންގެ ބަޔަކު ނިކުމެ، އޭނާއަށް އަނިޔާކުރި ފަހުންނެވެ.
މިދިޔަ މަހު 24 ވަނަ ދުވަހު ޓީޗަރު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި އާންމުން ނިކުމެ ޓީޗަރު ގައިގައި ތަޅާ، އަނިޔާ ކުރި މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެގޮތުން، ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ އުމުރުން 36 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
ދަރިވަރަކަށް ބަދުއަހުލާގީ މަންޒަރު ދެއްކި މައްސަލާގައި، މާލޭގެ ސްކޫލެއްގައި ވެސް ވަޒީފާ އަދާކުރަމުން ދިޔަ އެ ޓީޗަރު ވަނީ ސަސްޕެންޑު ކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ
އެ ވީޑިއޯއިން ފެންނަ ގޮތުން، ޒުވާން ފިރިހެނަކު އަތަށް އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއް ކަމަށް ލިޔެފައިވާ ކަރުދާހެއް ދީފައި ހުއްޓެވެ.
އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބިއިރު، ފިރިހެން ކުއްޖާއާ މެދު އޭނާ ކަންތައް ކުރީ ކިހިނެއްތޯ މީހުން ސުވާލު ކުރާ އަޑު އިވެ އެވެ. އަދި ކިތައް ކުދިންނާ ބެހުނުތޯ ވެސް ސުވާލު ކުރެ އެވެ. އޭރު "އެންމެ ކުއްޖެކޭ" އޭނާ ބުނާ އަޑު ވެސް އެއިން އިވެ އެވެ.
އޭނާ ޖަވާބު ނުދީ ރޯން އެ ތަނުގައި ހުރުމުން ބައެއް މީހުން އައިސް އޭނާގެ ގައިގައި ޖަހާ މަންޒަރު ވެސް އިވެ އެވެ. ޖަހަން ފަށާއިރަށް ބަޔަކު އައިސް އޭނާއާ ދުރުކުރާ މަންޒަރު ވެސް ފެނެ އެވެ.
އަދި ފަހުން އޭނާ ލައިގެން ހުރި ހެދުން ބޭލުމަށް ފަހު ބިންމައްޗަށް ވައްޓާލައި އަނިޔާ ކުރާ މަންޒަރު ވެސް ފެނެ އެވެ. އިރުކޮޅެއް ފަހުން، އަނެއްކާ ވެސް ބަޔަކު އައިސް އޭނާ ގައިގައި ޖަަހަމުން ދިޔަ މީހުން ދުރަށް ޖައްސަ އެވެ.
ވީޑިއޯގައި އަންހެނަކު އޭނާއަށް ތުހުމަތުކޮށް ވާހަކަ ދައްކާ އަޑު އިވެ އެވެ. އެ ވާހަތަކުން އެނގެނީ އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ ޓިއުޝަން ނަގައިދޭ ފިރިހެން ކުއްޖަކަށް ބަދު އަހުލާގީ އަމަލުތަކުގެ ވީޑިއޯ ދައްކައި، އެ ކުއްޖާއާ ބެހެން އުޅުނު ކަމެވެ.













