824 ކުދިންގެ ޖާގައާ އެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހުޅުމާލެ ސްކޫލުތަކަށް ވަނުމަށް ވަރަށް ގިނަ ދަރިވަރުން އެދެމުންދާ ކަމަށާއި، ޑިމާންޑާ އެއްވަރަށް ސްކޫލުތަކުން ދަރިވަރުންނަށް ޖާގަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަންނަ އާދިއްތަ ދުވަހަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް، 824 ކުދިންގެ ޖާގައާ އެކު އަޅުގަނޑުމެންނަށް ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވޭނެ," ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުރަތަމަ ސްކޫލު ހުޅުވަން ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.
ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވެންދެން އެ ސްކޫލުގެ ދަރިވަރުން އަންނަނީ ހުޅުމާލޭގެ ތިން ސްކޫލެއްގައި ކިޔަވަމުންނެވެ. އެ ދަރިވަރުން ކިޔަވަމުން އަންނަނީ ރެހެންދި ސްކޫލާއި ހުރަވީ ސްކޫލުގެ އިތުރުން ގާޒީ ސްކޫލުގަ އެވެ. އަދި އެ ދަރިވަރުން އަންނަނީ ކާމިލްދީދީ ސްކޫލުގެ ޔުނީފޯމުގަ އެވެ.
ހުޅުމާލޭގެ ސްކޫލުތަކަށް ވަނުމަށް ދަރިވަރުން އެދެމުންދާތީ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި އިތުރު ސްކޫލުތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެވަނަ ފިޔަވަހީގައި އަޅާ 800 ކުދިންގެ ޖާގައިގެ ޕްރީސްކޫލް، ޖަމީލް ދީދީ ޕްރީ ސްކޫލު އަންނަ މަހު ހުޅުވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 800 ކުދިންގެ ޖާގައިގެ އަޖިއާލް ބައިލިންގުއަލް ސްކޫލާއި، 1100 ކުދިންގެ ޖާގައާ އެކު ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1200 ކުދިންގެ ޖާގައިގެ ސަލާހުއްދީން ސްކޫލާއި، 1400 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.












