އެއާޕޯޓުން ދެ ބިދޭސީއަކު ހައްޔަރު ކުރީ ގޮވާތަކެއްޗާއެކު ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެޕާޓްގައި ދޫކޮށްލާފައި އޮތް ދަބަހެއްގެ ތެރޭގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އޮތުމުން އެ މައްސަލައިގައި އިންޑިއާ ދެ މީހަކު ހައްޔަރުކުރީ އާދިއްތަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ ދެ ބިދޭސީން ހައްޔަރު ކުރީ "އިތުރު ބައެއް ކަންކަން" ސާފު ކުރުމަށް ކަމަށެވެ. އެމީހުންގެ ބަންދަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.
އެމީހުންގެ އަތުން ގޮވާތަކެތި ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް, އެކަން ދޮގުކޮށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ އަތުން ގޮވާތަކެތި ފެނިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.
ކަމާބެހޭ އިދާރާތަކުގެ ރަސްމީ ބަހެއް ހިމެނުމަކާނުލައި އެފަދަ ދޮގު މައުލޫމާތެއް ފެތުރުމަކީ އެއްވެސް ޒިންމާދާރުކަމެއް ނެތި، ނޫސްވެރިކަމުގެ މިންގަނޑާ ހިލާފަށް ކޮށްފައިވާ ކަމެއްކަން ވެސް ފުލުހުން ފާހަގަކުރި އެވެ.












