ގާނޫނީ އިންޒާރު ދިން ކަމުގެ ލިޔުން ޓެކްނިކަލް މައްސަލައެއްގައި ހުށަނޭޅި އޮތުމުން, އެކަމަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލާ މީހަކު ބަންދުން ދޫކޮށްލުމުން ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ބަންދުން ދޫކޮށްލީ އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ, މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ޒުވާނެކެވެ.
ހައްޔަރު ކުރުމަށްފަހު ދޭންޖެހޭ ގާނޫނީ އިންޒާރު އޭނާއަށް ނުދޭ ކަމަށް ކުށުގެ ތުހުމަތުވާ މީހާ ބުނެފައިވާ ކަމަށް އެ މައްސަލައިގައި ކޯޓުން ބުނެފައިވެ އެވެ. އަދި, އެ އިންޒާރު ދިންކަން ފުލުހުންނަށް ކޯޓުގައި ކަށަވަރުކޮށް ދެވިފައެއް ނުވެ އެވެ. އެހެންވެ, އޭނާގެ ހައްޔަރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކުރި ހައްޔަރެއް ކަމުގައި ގާޒީ ނިންމެވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މީހަކު ހައްޔަރަށް ގެންދާއިރު އޭނާއަށް ތުހުމަތު ކުރެވޭ ކުށާއި އެ ކުށް ހިމެނޭ ގާނޫނުގެ މައުލޫމާތުގެ އިތުރުން, އޭނާއަށް ލިބިގެންވާ ހައްގުތައް ބުނެދޭން ޖެހޭނެ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މިރޭ މި ނޫހަށް މައުލޫމާތު ދިން ގޮތުގައި މަސްތުވާތަކެތި އަޅާފައި ހުރި ޕެކަޓަކާއެކު އެ މީހާ މަގުމަތިން ހައްޔަރު ކުރީ ގާނޫނީ އިންޒާރުދީ, ގާނޫނުގައި ބުނާ އެހެން އިޖުރާއަތްތައް ވެސް ފުރިހަމަ ކުރުމަށްފަހު އެވެ.

އެކަމަކު ކޯޓަށް އޮންލައިންކޮށް ލިޔުންތައް ހުށަހެޅުމުގެ ތެރޭގައި ގާނޫނީ އިންޒާރުގެ ފޯމް ޓެކްނިކަލް މައްސަލައެއް ދިމާވެ އަޕްލޯޑް ނުކުރެވުނީ ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ, މައްސަލައާ ހަވާލުވެ ހުރި އިންވެސްޓިގޭޝަން އޮފިސަރު މިއަދު ކޯޓުގައި ވަނީ އެ ލިޔުން ހުށަހެޅުމަށް ފުރުސަތަކަށް އެދިފައި ކަމަށް ފުލުހުން ބުނެ އެވެ. އަދި, ވަގުތުން އެ ލިޔުމުގެ ފޮޓޯއެއް ވެސް ބަންދު މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އޮފިސަރު ބުނެފައިވާނެ ކަމަށް ޑްރަގް ޑިޕާޓްމެންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޮފިސަރު އެހެން ކޯޓުގައި ފާހަގަކުރި ނަމަވެސް, އެ ފުރުސަތު ގާޒީ ދެއްވާފައި ނުވާކަމަށް ފުލުހުން ބުނެ އެވެ. އޭގެ ބަދަލުގައި ތުހުމަތުވާ މީހާގެ ބަހަށް އެކަނި ބަލައި, ޖިނާއީ އިޖުރާއަތާ ހިލާފަށް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ކަނޑައެޅީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި މީގެކުރިން ވެސް އެފަދަ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ހުށަނޭޅޭ ލިޔުންތައް ހުށަހަޅަން ގާޒީން ފުރުސަތު ދެއްވަ އެވެ.
އެހެންވެ, މިއަދު ބަންދު މަޖިލީހުގައި އެ ފުރުސަތު ފުލުހުންނަށް ލިބިފައިނުވާތީ އޭނާ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި, މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލު ކުރަނީ ގާނޫނީ އިޖުރާއަތުގެ ތެރޭން ފުރިހަމަ ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށްގެންނެވެ.
ބޮޑުފުޅަދޫ މީހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް މިހާތަނަށް ނިންމާފައެއް ނުވެ އެވެ. އާންމު ގޮތެއްގައި މިފަދަ ޑްރަގްގެ ކުދި މައްސަލަތަކުގައި އިސްތިއުނާފު ކުރުމުގެ ވިސްނުމެއް ޕްރޮސިކިއުޓާ ޖެނަރަލް ނުގެންގުޅެ އެވެ.












