ސްޕައިކެމެރާއެއް ހަރުކޮށްގެން ޖާސޫސްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހުޅުލެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ފުލުހުން މާ ގިނަ ތަފްސީލުތަކެއް އާންމުކޮށްފައިނުވެ އެވެ. މިކަމާ ގުޅިގެން ފުލުހުން ރޭ ބުނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެއާޕޯޓުން ދެ މީހުން ހުއްޓުވައި ސުވާލުކުރުމަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި "އަދަދު" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދެ މީހުންގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ދެ މީހުންނެވެ. އެ މީހުން ހައްޔަރު ކުރީ އެ މީހުންގެ ގެންގުޅުނު ދަބަހަކުން ބަޓަން ކެމެރާއެއް ފެނިގެންނެވެ.












