ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

ހަތަރު ވަނަ ބަޔާ ގުޅޭ

"ކެތްތެރިކަން އިސްކުރައްވާ!" ޑޮކުޓަރު ބަލައިލީ އަހަރެންގެ މޫނަށެވެ. "މި ކޮން؟"

"ހަނީފުގެ ކޮއްކޮ. ފެމެލީ." ޑޮކުޓަރުގެ ޖުމުލަ ނުނިމެނީސް ޔާސިރު ބުނެލި އެވެ.

"އެތެރެއަށް ދުރުވޭ." ޑޮކުޓަރު އިޝާރާތްކޮށްލީ އަހަންނަށެވެ.

ޑޮކުޓަރުގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. ޔާސިރު ގާތު ބޭރުގައި މަޑުކޮށްލަން ބުނެފަ އެވެ. ދެ ފިޔަވަޅު އެއް ކުރަމުން އަހަރެން ކުރިއަށް ހިނގަމުން ދިޔައީމެވެ. ވަށައިގެންވާ މާހައުލުގެ އެއްވެސް އަޑެއްގެ އަސަރެއް އަހަންނަށް ނުކުރެވޭ ކަހަލަ އެވެ. މީހުންގެ ހޭލަމޭލަވުންތައް ނުފެންނަ ކަހަލަ އެވެ.

ޑޮކުޓަރުގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން އަހަންނާ ދިމާއަށް ބަލައިލި އެވެ. އަހަރެންގެ ނޭވާ އަވަސްވަމުން ދިޔަ އެވެ. ޑޮކުޓަރު ދެ ތުންފަތަށް ބާރުކޮށްލި މަންޒަރު ފެނުނެވެ. އަހަންނާ ދިމާ ބަލައިލާ އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލަމުން ޑޮކުޓަރު އެތެރެއަށް ވަނެވެ. އަހަރެން ދޮރު ހުޅުވާލީމެވެ. ފަހަތުން މީހަކު އައިހެން ހީވެގެން ފަހަތް ބަލައިލީމެވެ. އެއީ އާމިރާ އެވެ. އާމިރާގެ ފަހަތުގައި ހުރީ ދޮންބެދައްތަ އެވެ.

އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ޑޮކުޓަރު ދައްކާ ވާހަކަތައް ދޮންބެދައްތައަށް ގަބޫލުކުރެވިދާނެ ހެއްޔެވެ؟ ޑޮކުޓަރު ދޭނީ ކިހާ ވަރެއްގެ ހިތި ހަބަރެއް ކަމެއް ވެސް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އޮތީ އުފާވެރި ހަބަރެއް ނޫންކަމެވެ.

ޑޮކުޓަރު ސޮރީއޭ ބުނާނީ ބޮޑު ކަމެއް ދިމާވުމުންކަން ޔަގީންވި އެވެ. އަނެއްކާ ޑޮކުޓަރުގެ ކޮޓަރިއަށް އަންނަން ބުނާނީ ދައްކަން އޮތް ވާހަކައިގެ ބޮޑުކަމުންކަން ވެސް ވިސްނުނެވެ. އެ ހުރިހާ ކަމަކަށް ދޮންބެދައްތައަށް ކެތްކުރެވިދާނެ ހެއްޔެވެ؟ އޭނާއަށް އަޑުއަހަން ފަސޭހަ ވާހަކަތަކަކަށް އެ ވާހަކަތައް ވެދާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ އެ ފަކީރަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ޑޮކުޓަރުގެ ކޮޓަރީގެ ދޮރުގައި ހިފައިލައިގެން ދެ ފިކުރެއްގައި ހުރެވުނީ އެހެންވީމަ އެވެ. އޭރު އާމިރާއާއި ދޮންބެދައްތަ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ތިއްބެވެ. އަހަރެންގެ އިޝާރާތެއްގެ އިންތިޒާރުގަ އެވެ.

"ޑޮކުޓަރު ދައްކަފާނެ ވާހަކައެއް އަޑުއަހަން ކެރޭނެތަ؟" އަހަންނަށް އަހައިލެވުނެވެ.

"ރަޔާނަށް ކެރޭނެތަ؟" ދޮންބެދައްތަ ބުނެލި އެވެ.

އަހަންނަށް ބޯ ޖަހައިލެވުނެވެ.

"އެހެންވީމަ އަހަންނަށް ވެސް ކެރޭނެ. ހިތްވަރު ހުންނާނެ."

ދޮންބެދައްތަގެ ފަހަތަށް ހުއްޓިލަމުން އޭނާގެ ކޮނޑުގައި އާމިރާ ހިފައިލި އެވެ.

ދޮންބެދައްތަ އެ ބުނީ ކިހާވަރެއްގެ ވާހަކައެއްކަން އަހަންނަށް ވިސްނައިލެވުނެވެ. ހަގީގަތަކީ އެއީ އެވެ. އާއެކެވެ. ދޮންބެއަކީ އަހަރެންގެ ލެޔެވެ. އެއީ އަހަރެންގެ ދުނިޔެ އެވެ. ކޮންމެ ގޮތެއް ވިޔަސް ދޮންބެދައްތައަކީ މާ ފަހުން ދޮންބެގެ ހަޔާތަށް އައި މީހެކެވެ. ކޮންމެ ގޮތެއްވީ ނަމަވެސް ފުން އަސަރެއް ކުރާނީ އަހަންނައްތާ އެވެ. ދޮންބެގެ ހަނދާންތައް ގިނަވާނީ އަހަރެންގެ ސިކުނޑީގަތާ އެވެ.

އަހަންނަށް މަޑުމަޑުން ބޯ ޖަހައިލެވުނެވެ. ދޮންބެދައްތަގެ ޖުމުލައިން އަހަންނަށް ވިސްނުނެވެ. ހަގީގަތުގައި ހިތްވަރު ކުރާން ޖެހޭނީ އަހަންނެވެ. ކެތްތެރިކަން އިސްކުރާން ޖެހޭނީ ވެސް އަހަންނަށެވެ. ދެން އޮތީ ލިބެން އޮތް ޚަބަރަށް ކުރިމަތި ލުމެވެ. އެ ޚަބަރުގެ ހިތިކަން ތަހައްމަލު ކުރުމެވެ.

"ތީ ހަނީފުގެ؟" ޑޮކުޓަރު ކޮޓަރިއަށް ވަދެ އިށީނދެލުމާއެކު ޑޮކުޓަރުކޮށްލީ ސުވާލެކެވެ.

އަހަންނަށް ބަލައިލެވުނީ އަހަންނާ ޖެހިގެން އިން އާމިރާގެ މޫނަށެވެ. އާމިރާ އާ ޖެހިގެން އިން ދޮންބެދައްތަގެ މޫނަށެވެ. ހަގީގަތުގައި އަހަރުމެންނަކީ ކޮން ބަޔެއްކަން ޑޮކުޓަރަށް އެނގެން ބޭނުންވާނެ އެވެ. ޑޮކުޓަރު ނުސީދާކޮށް އެ ބުނީ އަހަރުމެންގެ ތައާރަފެއް ދިނުމަށެވެ.

"އަޅުގަނޑަކީ ރަޔާން، ޕޭޝަންޓްގެ ކޮއްކޮ. އާއިލާގައި ތިބީ އަޅުގަނޑުމެން ދެބެއިން އެކަނި. މަންމައާއި ބައްޕަ އުޅެނީ ރަށުގައި." އަހަރެން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.

ޑޮކުޓަރު ލޮލުން އިޝާރާތްކޮށްލީ ދެން ތިބި ދެ މީހުންނަށެވެ.

"އަޅުގަނޑަކީ ރަޔާންގެ ވައިފް. އާމިރާ. ދެން މި އިނީ ޕޭޝަންޓްގެ ވައިފް." ޑޮކުޓަރުގެ އިޝާރާތަށް ޖަވާބު ދިނީ އާމިރާ އެވެ.

ޑޮކުޓަރު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

"އަޅުގަނޑުމެންނާ ހަމައަށް ޕޭޝަންޓް ގެނައި ވަގުތުން ފެށިގެން އަވަސްފަރުވާ ދެމުން މި ދަނީ،" ޑޮކުޓަރު ފެށީ ދުރުންނެވެ. "ޕޭޝަންޓް އޮތީ ކްރިޓިކަލް ހާލަތެއްގައި."

އަހަރެންގެ މޭ ތެޅި ގަތެވެ. ޑޮކުޓަރުގެ ވާހަކައިގެ މިސްރާބު ހުރިގޮތުން ކަންތައް ގޯހުން ގޯހަށް ހިނގައްޖެކަމަށް ވިސްނުނެވެ. ދޮންބެގެ ހާލަތު ރަނގަޅު ނޫންކަން ދޭހަވި އެވެ. އަހަރެންގެ އަތުގެ ތެރެއަށް އާމިރާގެ އަތް މަހައިލި އެވެ. އަހަންނަށް އާމިރާގެ އަތަށް ބާރުބާރަށް ފިތައިލެވުނެވެ. ހަށިގަނޑުގައި ދައުރުވަމުން ދިޔަ ތުރުތުރުގެ އަސަރު މުޅީންގެ ފިލައިގެން ދިޔަ އެވެ.

"ކިހިނެއްތޯވީ؟" ދޮންބެދައްތައަށް ކެތެއް ނުކުރެވުނެވެ.

"ބޭރުފުށުން ބޮޑު އަނިޔާއެއް ފާހަގައެއް ނުކުރެވޭ. ނަމަވެސް.." ޑޮކުޓަރު ހުއްޓައިލި އެވެ.

"މާނައަކީ؟" އަހަންނަށް އަހައިލެވުނެވެ.

"ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ބެލެވެނީ." ޑޮކުޓަރު ލަސްލަހުން ބުނެލި އެވެ.

"ކޮން ކަހަލަ؟ ކިހާވަރެއްގެ؟" އަހަރެންގެ ކެތްތެރިކަން ކޮޅުންލި ކަހަލަ އެވެ.

"އަދިވެސް މިދަނީ ބަލަމުން، ޕޭޝަންޓްގެ ހާލަތު ގާތުން ބަލަމުން އޮބްޒަރވްކުރަމުން. ފައިނަލް ޖަވާބެއް ބުނަން އެނގޭނީ އޭގެފަހުން. މި ވަގުތާ ހަމައަށް ފެނުނު ކަންކަމަށް ބަލައިފަ ބުނެދެވެން އޮތީ މި ވަރަށް." ޑޮކުޓަރު ދެ ތުންފަތަށް ބާރުކޮށްލި އެވެ.

"ކީއްވެތޯ ތިހެން ތި ވިދާޅު.." އަހަރެންގެ ސުވާލު ނުނިމެނީސް ޑޮކުޓަރު ފެށި އެވެ.

"މިގޮތަށް ދިމާވާ އެކްސިޑެންޓްތަކުގައި އާއްމުކޮށް ސިކުނޑިއަށް ގެއްލުން ލިބޭ. މި ކަހަލަ އިންޖަރީތަކަށް މެޑިކަލީ ދީފައި އޮންނަ ނަމަކީ ޓްރޮމެޓިކް ބްރައިން އިންޖަރީ." ޑޮކުޓަރު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

ޑޮކުޓަރު އެ ބުނެދިން ވާހަކަ އަހަންނަށް ފަހުމު ނުވިހެން ހީވެގެން އަނެއްކާ ވެސް ޑޮކުޓަރު ފެށި އެވެ.

"މިގޮތަށް ދިމާވުމުން އެކި މީހުންނަށް ދިމާވަނީ އެކި ހާލަތު، އެ ބިނާވަނީ ސިކުނޑިއަށް އަނިޔާވެފައިވާ މިންވަރަށް. ބޮޑެތި ކަންކަމާއި ކުދިކުދި ކަންކަން ވެސް ދިމާވެފައި އެބަހުރޭ. ބައެއް މީހުން ކޮމާއަކަށް ދާން ޖެހޭއިރު އަނެއް ބައި މީހުންގެ ހަނދާންތައް ގެއްލުން، ހަށިގަނޑުގެ ގުނަވަންތަކުގެ ކޯޑިނޭޝަން ގެއްލުން، ވާހަކަ ނުދެއްކުން ފަދަ އެތައް ކަމެއް ދިމާވެފައި އެބަހުރި."

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޑޮކުޓަރުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. ޑޮކުޓަރު ވެސް ސީދާ އަހަރެންގެ މޫނަށް ފުން ނަޒަރަކުން ބަލައިލި އެވެ.

"އެހެންވީމަ އަދި އަޅުގަނޑުމެން ވަގުތު އެބަ ބޭނުންވޭ. އަޅުގަނޑުމެންނަށް އިތުބާރު ކުރެއްވުން މި ދަނޑިވަޅަށް ވަރަށް މުހިއްމު."

"މިހާރުގެ ޕްލޭނަކީ ކޮބައިތޯ؟" އާމިރާ އަހައިލި އެވެ.

"މިހާރު މި ޝިފްޓްކޮށްލަނީ ސީސީއަށް. މި ބުނީ ކުރިޓިކަލް ކެއަރ ޔުނިޓަށް. އިތުރު ސީޓީ ސްކޭނަކާއި އެމް އާރު އައި އެއް ހެދުމަށް ފަހު ދެން އިތުރަށް ކަމެއް ކުރާން ޖެހޭނަމަ އެނގެނީ. އަޅުގަނޑުމެން އަޕްޑޭޓް ދެމުންދާނަން. އަޅުގަނޑު މި އައީ އެތެރެއަށް ޝިފްޓްކޮށްލަން އަންގައިފަ." ޑޮކުޓަރ ކިޔައިދިނެވެ.

"ކިހާ އިރަކުންތޯ އެނގޭނީ؟" އަހަރެން އަހައިލީމެވެ.

"ވަގުތުކޮޅެއް ނަގާނެ. ޕޭޝަންޓް އޮންނާނީ އަޅުގަނޑުމެންގެ ފުރިހަމަ ބެލުމުގެ ދަށުގަ. އެއްވެސް މީހަކަށް އެތެރެއަކަށް ނުވަދެވޭނެ. ޚާއްޞަ ހުއްދައެއްގެ ދަށުން ވެސް ވަދެވޭނީ ފަހަރަކު މީހަކަށް. އެހެންވީމަ މާބޮޑަށް ފިކުރު ބޮޑު ނުކުރައްވާ. އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ." ޑޮކުޓަރު އަނެއްކާ ވެސް ތަކުރާރުކޮށްލި އެވެ.

އަހަންނަށް ބަލައިލެވުނީ ދޮންބެދައްތަގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ހާސްވުމެވެ. ކަންބޮޑުވުމެވެ. ހީވަނީ މިލައި މޯޅިވެފައިވާ މަލެއްހެންނެވެ. ތާޒާކަން ގެއްލިފައިވާ ގަހެއް ހެންނެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox