Advertisement

ދިގު ވާހަކަ: އަލިފާން ކޮކާ

15 އޮގަސްޓު 2022 - 07:12 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: އަލިފާން ކޮކާ

15 އޮގަސްޓު 2022 - 07:12 0

(ތިން ވަނަ ބަޔަކާ ގުޅޭ)

"ދޮންބެގެ އޮފީހުން." އަހަރެން ބުނެލީމެވެ.

"އަވަހަށް ނަގައިބަލަ. ކޮންތާކުތޯ އަހައިބަލަ." ދޮންބެދައްތަގެ ހިތް ތެޅިގަތް ކަހަލަ އެވެ.

ބަދަލުގައި އަހަރެން ދެ ތުންފަތަށް ބާރުކޮށްލީމެވެ. ކިތައްމެ ކެތްކުރި ނަމަވެސް ކޮންމެ މީހަކަށް ވެސް ވާނީ އެވަރެވެ. ތިމާގެ މުޅި ހަޔާތުގެ ބިންގަލަކަށްވި މީހާއަށް ދެރައެއް، މޮޅިއެއް ލިބޭކަށް އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. އަނިޔާއެއް، ގެއްލުމެއް ލިބޭކަށް އެކަކު ވެސް ނޭދޭނެ އެވެ. އެފަދަ އަޑެއް އަހާކަށް ފަސޭހައެއް ނުވާނެ އެވެ. އިވުނަސް ގަބޫލުކުރާން ދަތި ވެސް ވާނެ އެވެ.

"އޭޑީކޭގެ އީއާރުގަ!" އަކުރުތަކަށް ބާރުލަމުން ޓެކްސްޓް މެސެޖު ކިޔައިލީމެވެ.

"އަވަހަށް ހިނގާ." އާމިރާ ވެސް އަހަންނާ ކައިރިވެލި އެވެ.

އެންމެން އެކުގައި ބޭރަށް ނުކުތީމެވެ. ކާރުގައި ތިބި އިރު ވެސް އެކަކު ވެސް ވާހަކައެއް ނުދައްކަ އެވެ. އެންމެން ތިބީ ނުފެންނަ މަންޒަރަކަށް ބަލަން ތިބޭ ކަހަލަ ގޮތަކަށެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ހިފަހައްޓައިލައިގެން އަހަރެން ވެސް އިނީ އެވެ. ހާސްވެ ކަންބޮޑުވެގެން ތެޅިގަނެފި ނަމަ މަންޒަރު ގޯސްވެ މަސްރަހު އައިބުވާނެތީ އެވެ.

"އޮފީހުން ނުގުޅާތަ؟" ދޮންބެދައްތައަށް ކެތް ނުވެގެން އަހައިލި އެވެ.

އާމިރާގެ އަތުގައި އޮތް ދޮންބެދައްތަގެ އަތަށް ބާރުކޮށްލި މަންޒަރު ފެނުނެވެ. އާމިރާ ބަލައިލީ އަހަރެންގެ މޫނަށެވެ. އޭނާގެ ދެ ތުންފަތަށް ބާރުކޮށްލި އެވެ. އެ ހަރަކާތުގެ ފަހަތުގައި އޮތީ ކޮން ވާހަކައެއްކަން އަހަރެންގެ ސިކުނޑިއަށް ސާފުވި އެވެ.

"ދޮންބެދައްތާ! ކެތްކުރާންވާނެ. އަންހެނުންނަކީ އެންމެ ކެތްތެރި..." އަހަރެން ހިތްވަރު ދިނުމުގެ ގޮތުން ބުނެލީމެވެ.

"ކޮންމެ ގޮތަކަށް ކަންކަން ބަދަލުވިޔަސް ދޮންބެ ކުރިމަތީގައި އެކަކު ވެސް ނުރޯތި. އަހަރުމެން ވިސްނާ ގޮތާއި ހީނުކުރާ ގޮތަކަށް ވެސް ދޮންބެ އަހަރުމެންނާ ބައްދަލުކޮށްފާނެ،" އާމިރާ ނޭވާ ބޭރުކޮށްލި އެވެ. "މި ބުނީ ދޮންބެއަށް ކޮންމެ ފަދަ ގޮތެއް ވެފައި ވެސް އޮވެދާނެ. ހަމަ ދޮންބެ ފެންނަ އިރަށް އެންމެން ރޮއެގަތީމަ ދޮންބެއަށް ކުރާ އަސަރު މާ ބޮޑުވާނެ."

"އާނ! އެންމެން ވެސް ކެތްތެރިކަން އިސްކުރަންވާނެ. އިންޝާﷲ ދެރަ ގޮތެއް ނުވާނެ." އަހަރެން ވެސް ބުނެލީމެވެ.

އޭޑީކޭގެ މައިދޮރާ ދިމާއަށް ކާރު މަޑުކޮށްލުމާއެކު އަހަރުމެން އަވަސް އަވަހަށް ފޭބީމެވެ. ތިން މީހުން ވެސް މިސްރާބު ޖެހީ ކުއްލި ހާލަތުގައި ފަރުވާދޭ ކޮޓަރިއާ ދިމާއަށެވެ.

އެވަގުތު މުޅި ހޮސްޕިޓަލުގައި މީހުން ގިނަވުމުގެ ސަބަބުން ކުރިއަށް ދެވުނީ ލައްކަ ހިތްވަރުންނެވެ. އެކަކު ގައިން ނެއްޓެމުން އަނެއްކަކުގެ ގައިން ނެއްޓެމުންނެވެ.

ވަކި ހިސާބަކަށް ދެވުނު އިރަށް ދޮންބެގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ޔާސިރު އަހަންނާ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ. އެއީ ކޮންމެވެސް ވަރަކަށް އަހަރެން ދަންނަ މީހެކެވެ. ދޮންބެއާއެކު އެކި ކަންކަމުގައި އުޅޭއިރު ދޮންބެ ވެސް އޭނާގެ އެހީތެރިކަން ހޯދާ މީހެކެވެ. ނަމަވެސް އަހަރުމެން އެކަކު ވެސް އިސްވެ ވާހަކައެއް ނުދައްކަމެވެ.

"ކޮބާ އެހެން މީހުން؟" ޔާސިރު އަހައިލި އެވެ.

އަހަންނަށް އިޝާރާތްކޮށްލެވުނީ ފަހަތަށެވެ. އަހަރެންނާއެކު އާމިރާއާއި ދޮންބެދައްތަ އައެވެ. ޔާސިރުގެ މޫނުމަތިން ދެތިން ރޫ ފާޅުމުން އަހަންނަށް ބަލައިލެވުނެވެ. އާމިރާއެއް ވެސް ދޮންބެދައްތައެއް ވެސް ނުފެނުނެވެ.

"އެ އަންނަނީ." މީހުންގެ ގައިން ނެއްޓެމުން ކަހަލަ ގޮތަކަށް އާމިރާއާއި ދޮންބެދައްތަ އައެވެ.

"އަސްލު ކިހިނެއްވީ؟ ކޮބާ ދޮންބެ؟" އަހަންނަށް އަހައިލެވުނެވެ.

"އަހަރެންނޭ މި ގުޅީ. އިރުކޮޅަކަށް ހަބަރު މި ދެނީ ވެސް އަހަންނޭ،" ޔާސިރު ތުންފަތަށް ބާރުކޮށްލަމުން މޫނަށް ގޮތެއް ހަދައިލި އެވެ. "ކުރިން ދުވަހު ނަންބަރު ދިނީމެއްނު. އެހެންވެ ސޭވްކޮށްލެވިފަ އޮތީ. ނަސީބެއް ކަންނޭނގެ އެވެސް."

"ވަރަށް އަނިޔާ ވެފަތަ؟" އާމިރާ އަހައިލި އެވެ.

"އަސްލު ނޭނގުނު އެހެންވާން ޖެހުނު ސަބަބެއް. ދޮންބެ އުޅުނީ އަހަންނާއެކު. އޭނާ ފާހާނާއަކަށް ދާން ވެގެން ވެހިކަލްއިން ފޭބީ ވެސް އޭރު ވެސް ބޮލުގައި ހެލްމެޓް އޮތް،" ޔާސިރު އޮޅުންފިލުވައިދިނެވެ.

"ދެން އިވުނީ ކުއްލި އަޑެއް. ބާރުގަދަ އަޑެއް. ހީވީ އެއްޗެއް ގޮވީހެން. ބޮމެއް ކަހަލަ އެއްޗެއް."

އަހަންނަށް އިވެމުން ދިޔަ ވާހަކަތަކުގެ ސަބަބުން ދެ ލޯ ބޮޑުވި އެވެ. ނޭވާ ކުރުވެ މީހާ ފިތެމުންދާ ކަމުގެ އިހުސާސްކުރެވުނެވެ.

"ކޮބާ ދޮންބެ؟" އާމިރާ އަހައިލިއެވެ.

"އެތެރޭ. އެކަކު ވެސް ނުވައްދާ. ތަންކޮޅެއް ކުރިޓިކަލްކޮށް އޮތްކަމަށް ބުނީ. ދެ މީހަކަށް ފަރުވާ ދެމުންދަނީ. ހާދިސާގައި ފަސްވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާވި. ދޮންބެއާއި އަދި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފަ އޮތީ." ޔާސިރު ބުނެދިނެވެ.

"ކޮން ކަހަލަ؟" އަހަންނަށް އަހައިލެވުނެވެ.

"ބޭރު ފުށުން ދޮންބެގެ ބޮލުގެ ނިތްކުރިއާ ދިމާއިން ތަންކޮޅެއް ފަޅައިގެން ގޮސް އޮތީ. އެކަމަކު އެ ވިއްސައިގެން ދިޔަ ބާރުމިނުގައި ދޮންބެ ވެސް އޮތީ ގޮސް ކައިރީ ހުރި ދަނގަނޑު ކޮންޓެއިނަރއެއްގައި ބޯ ޖެހިފަ." ޔާސިރު އަސަރާއެކު ބުނެލި އެވެ.

"ބޮޑު އަނިޔާއެއް؟" އަހަންނަށް ކެތެއް ނުވި އެވެ.

"ބޭރުފުށުން ހުރި ކޮންމެ ވެސް ވަރަކަށް އަނިޔާ ވެފަ ވެސް. ސިކުނޑިއަށް ގެއްލުން ނުވާނޭ އަހަރެން ނުބުނާނަށް. ފުދޭވަރަކަށް ފުންކޮށް ޒަހަމު ވެސް ވެފަ އޮތީ." ޔާސިރު ބުނެލި އެވެ.

"ކާކު ނިޔާވީ؟" އާމިރާ އަހައިލި އެވެ.

"ވެހިކަލް ދުއްވަން އިން މީހާއާއި އަނެއް ވެހިކަލްގައި އިން މީހާ." ޖަވާބުދިނީ ޔާސިރެވެ.

އަހަންނަށް އެ މައުލޫމާތު އެނގުނީ އެ ވަގުތު އެވެ. އެހައި ހިސާބުން ހިތްތެޅިގަތެވެ. ވިންދު އަވަސްވެ ނޭވާ ކުރުވާން ފެށި އެވެ. ދެ މީހަކު ނިޔާވި ހާދިސާއެއް ވީމަ އޭގެ ޒާތުގައި އެއީ ސީރިއަސްކަން ބޮޑު ހާދިސާއަކަށް ވާނެތާ އެވެ.

"ކީއްވެ ދޮންބެއަށް؟" އަހަންނަށް އަހައިލެވުނެވެ.

"ތީ ސުވާލަކީ! އޭނާ ދިޔައީ ފާހާނާއަށޭ ކިޔައިފަ. އަސްލު އެއީ ދޮންބެއާ ގުޅުންހުރި މަސައްކަތެއް ވެސް ނޫން. އޭނާގެ ޑިޕާޓްމަންޓްގެ މީހުން ކުރަމުންދިޔަ މަސައްކަތެއް ވެސް ނޫން." ޔާސިރު އޮޅުންފިލުވައިދިނެވެ.

"ދެން ކީއްވެ؟" އާމިރާއަށް ވެސް ކެތް ނުވީ ކަން ނޭނގެއެވެ.

"އެކުސިޑެންޓެއް ކަމަށް މި ބަލަނީ. އެއްގޮތަކީ އެ ކަން ހިނގި ގަޑީ ދޮންބެއަށް އެ މަގުން ދެވުން. އެއީ ކަމަށް މިބަލަނީ ކަންވީ ގޮތަކީ. ދެން ތިބި އެންމެންނަކީ ވެސް ހަމަ އެ ތަނުގެ މަސައްކަތުގައި އުޅުނު މީހުން." ޔާސިރު ބަލައިލީ ކުއްލި ހާލަތުގައި ފަރުވާދޭ ކޮޓަރީގެ ދޮރު ހުޅުވުމުންނެވެ.

"އެ ދޮންބެ ބެއްލެވި ޑޮކުޓަރު." ޔާސިރު އިޝާރާތްކޮށްލީ ކުއްލި ހާލަތުގައި ފަރުވާދޭ ކޮޓަރިން ނުކުތް ޑޮކުޓަރާ ދިމާއަށެވެ.

ޔާސިރުގެ ފަހަތުން އަހަރުމެން ދުވެފައި ދިޔައީމެވެ. ޔާސިރު ފެނުމާއެކު ޑޮކުޓަރު ހުއްޓުނެވެ. އޭނާއަށް ޔާސިރު އެނގުނީމަ އެވެ.

"ސޮރީ؟" ޑޮކުޓަރު ހިފައިލީ ޔާސިރުގެ ކޮނޑުގަ އެވެ.

އަހަރެންގެ ނޭވާ ކުރުވި އެވެ. ހަފަރާތުން ފިއްތަމުން ފިއްތަމުން އައިސް އަހަރެން އެކުގައި ފިއްތައިލި ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ.

(ނުނިމޭ)