މިދިޔަ އަހަރު މަރުވެފައިވާ މީހަކު ފުލުހަށް ހާޒިރުނުވެ ހޯދަން ވެގެން މިއަދު އިއުލާން ކުރެވިގެން އެ ކަމަށް އެ މީހާގެ އާއިލާގެ ކިބައިންނާއި ރައްޔިތުންގެ ކިބައިން ފުލުހުން މައާފަށް އެދިއްޖެ އެވެ.
ދެހާސްވިހިވަނަ އަހަރު ހުށަހެޅުނު މައްސަލައެއްގައި ހާޒިރުވާން އެންގި އދ. ދަނގެތި، ޝައުކަތުﷲ އަލީ މަރުވެ އޭނާގެ ކަށު ނަމާދު ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ކޮށްފަ އެވެ.
ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައި ކުރި އިއުލާނުގައިވާ ގޮތުން އެއީ ޖުލައި 27، 2020 ގައި ފުލުހަށް ހުށަހެޅި މައްސަލައެކެވެ. އިއުލާނުގައި ވަނީ އޭނާ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ މެންދުރު ހާޒިރު ވުމަށެވެ.
ފުލުހުން ވަނީ މިހާރު އެ އިއުލާން ނަގައިފަ އެވެ.
ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން، އެ މީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައި ވަނީ އިދާރީ އޮޅުމަކުންނެވެ.

"މި ފުރުސަތުގައި، ނިޔާވެފައިވާ މީހާގެ އާއިލާއާއި އާންމުންގެ ކިބައިން، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" ފުލުހުން ކުރި ޓްވީޓްގައިވެ އެވެ.
އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ކުރި އެ ޓްވީޓްގައިވެ އެވެ.













