މިދިޔަ އަހަރު މަރުވެފައިވާ މީހަކު ފުލުހަށް ހާޒިރުނުވެ ހޯދަން ވެގެން އިިއުލާން ކުރުމުން ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައި ކުރި އިއުލާނުގައިވާ ގޮތުން އެއީ ޖުލައި 27، 2020 ގައި ފުލުހަށް ހުށަހެޅި މައްސަލައެކެވެ. އިއުލާނުގައި ވަނީ އޭނާ ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ މެންދުރު ހާޒިރު ވުމަށެވެ.
ފުލުހުން މިހާރު ވަނީ އެ އިއުލާން ނަގައިފަ އެވެ.
ދެހާސްވިހިވަނަ އަހަރު ހުށަހެޅުނު މައްސަލައެއްގައި ހާޒިރުވާން އެންގި އދ. ދަނގެތި، ޝައުކަތުﷲ އަލީ މަރުވެ އޭނާގެ ކަށު ނަމާދު ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ކޮށްފަ އެވެ.

ފުލުހުންގެ އެ އިއުލާނާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އަދި އެއަށް ވުރެ ފުލުހުންގެ މުއައްސަސާ ޒިންމާދާރުވާން ޖެހޭ ކަމަށް ބައެއް މީހުން ލިޔެފައިވެ އެވެ.
"މިހާ ވަރަށް ފުލުހުންގެ ހިދުމަތް ފުޅާކުރީމަ ބުނާނެ އެއްޗެއް ވެސް ނޭނގިފަ މި ހުރީ،" ފުލުހުންގެ ހިދުމަތަށް އެ މައްސަލަ ހުށަހެޅި ތޯރިގު ނަމަކަށް ކިޔާ މީހާ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.













