ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅު ފެށްޓެވީ އިއްޔެ އެވެ.
ފުރަތަމަ މަންޒިލަކީ ރަތްމަންދު އެވެ. މި ދަތުރުފުޅުގައި އިއްޔެ މަޑުއްވަރީ، ދިއްގަރަށް ވެސް ވަޑައިގެންނެވި އެވެ. މިއަދު ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ވޭވަށާއި މުއްޔަށެވެ.
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރަށަށް ދިމާވެފައި އޮތް ދުވަސްވީ ތަކުލީފަށް ހައްލު ހޯދައިދެވިއްޖެ ކަމަށެވެ.
ދިއްގަރަކީ ކުރިން އާންމުކޮށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަ ރަށެކެވެ. ބިން ތިރި ވުމާއެކު އިރުވައި މޫސުމުގެ ހަޅައިގެ ތެރޭގައި އަރާ އުދަ ރަށުގެ މެދުތެރެއާ ހިސާބަށް ގޮސް، ގޭގޭގައި ގެންގުޅޭ ސާމާނާއި، މުދަލަށް ގެއްލުން ލިބެމުންދިޔަ ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އެވެ.
މަޑުއްވަރީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ބަނދަރެއް ހަދައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް
- ރަތްމަންދޫގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވީ އެރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
- މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސއާ ހަވާލުކޮށްފައިވީ ނަމަވެސް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން، ބަނދަރުގެ ކޮންސެޕްޓް ފައިނަލް ނުވެ، ބަނދަރުގެ ހުއްޓިފައިވާއިރު، ރައީސް ސޯލިހު އިއްޔެ ރަށުގައި ވިދާޅުވީ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
- މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާއެކު، އެރަށު ރައްޔިތުންގެ ދުވަސްވީ ތަކުލީފަކަށް ހައްލު ހޯދައި ދެވިއްޖެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
- އިންޑަސްޓްރިއަލް އައިލެންޑް ތިލަފުއްޓާއި ވިލިމާލެ އާއި ވެރިކަން ކުރާ ރަށް މާލެ ގުޅުވާލުމަށް ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރަނިކޮށް ވިލިމާލޭ ފަރަށް އެރި ޕްލެޓްފޯމު 12 ދުވަސް ފަހުން ފުންކުރީ އިއްޔެ އެވެ.
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރެއްގައި އިންޑިއާއަށް އިއްޔެ ވަޑައިގެންނެވި އެވެ.
- ހދ. ނޮޅިވަރަންފަރު ގެއެއްގެ އުނދުނުން އިއްޔެ ގޭސް ލީކުވެގެން ބަދިގޭގައި ރޯވެ, އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ފިހުނެވެ.
ދުވަހުގެ ކޯޓޭޝަން
މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާއެކު، އެރަށު ރައްޔިތުންގެ ދުވަސްވީ ތަކުލީފަކަށް ހައްލު ހޯދައިދެވިއްޖެ ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު އިއްޔެ ވިދާޅުވީ:
އަޅުގަނޑުމެން ބަލަންވީ ދެން ކުރިއަށް މިއޮތް ދެތިން އަހަރު އިރުވައި މޫސުމުގައި، ކިހާވަރެއްގެ ހިމާޔަތެއް މިއިން ލިބޭތޯ. އަދި ބަލަންވާނެ. ބަލާފައި، މިއިން ރަނގަޅު ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، ހަމަގައިމުވެސް އަޅުގަނޑުމެން އެކަން ކޮށްދޭނަން"
ދުވަހުގެ ފޮޓޯ

މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އިއްޔެ ދުވަނީ: މި މުބާރާތުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ ލިބިފައިވަނީ ސާއިދަށް. -- ފޮޓޯ: އަބްދުﷲ އިއްޔާން/ އަދަދު











