އިއްޒުއްދީން ފާލަން ސަރަހައްދު ފަޅުތެރޭގައި ދެ ލޯންޗެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ލިބުނީ އިރުއޮއްސި 18:41 ހާއިރު ކަމަށެވެ. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެ އެކްސިޑެންޓުގައި މުދަލަށް ގެއްލުންވިވަރު އަދި ބެލިފައެއްނުވެ އެވެ.
މާލޭ ފަޅުތެރޭގައި އެކްސިޑެންޓެއް ހިނގާފައިވާއިރު، މޫސުން ގޯސްވެ ކަނޑުގަދަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވަރޭވެހުމާއެކު ގުގުރާ، ވައި ގަދަވާނެ އެވެ. އެގޮތުން ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑުމައްޗަށް ނިކުންނަ ނަމަ ސަލާމަތީ އާލާތްތައް ހަމައަށް ހުރިތޯ އާއި މުވާސަލާތީ ނިޒާމް ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރުކުރުމަށް ސަމާލުކަން ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.











