ދިވެހިރާއްޖޭގައި އީ ލާނިން ރެގިއުލޭޓް ކުރުމަށް ފުރަތަމަ ފަހަރަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގައިޑްލައިނެއް ހަދައި އެއަށް އަމަލު ކުރަން ފަށައިފި އެވެ.
ކިޔަވައިދޭ މަރުކަޒަށް ހާޒިރުނުވެ، އިންޓަނެޓު މެދުވެރިކޮށް އުނގެނުން ދުނިޔެ އަދި ރާއްޖޭގައި ވެސް ވަރަށް އާންމުވި ނަމަވެސް މީގެ ކުރިން އެގޮތަށް ކިޔަވައިދިނުން ރެގިއުލޭޓް ކުރާނެ އުސޫލެއް ނޯވެ އެވެ. އެހެންކަމުން، ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށް ރާއްޖޭގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އީ ލާނިން ފެތޭކަން ނުވަތަ ނޫންކަން ކަނޑައެޅޭނެ ގޮތެއް ނޯވެ އެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު އިނގިރޭސި ބަހުން ގެޒެޓުގައި ޝާއިއު ކުރި "ގައިޑް ފޯ އީ ލާނިން" ގެ ސަބަބުން މަތީ ތައުލީމު ދޭ މަރުކަޒުތަކުން އިންޓަނެޓު މެދުވެރިކޮށް ކިޔަވައިދޭ ނަމަ ތަބާވާންޖެހޭ އުސޫލުތަކެއް އަދި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުނީ އެވެ.
އެ ގައިޑްލައިނުގެ ސަބަބުން، ބޭރުގެ ޔުނިވާސިޓީތަކުން އޮންލައިންކޮށް ކޯސް ހަދާއިރު ވެސް އެފަދަ ކޯސްތަކަކީ ރާއްޖޭގައި އެކްރެޑިޓް ކުރެވޭނެ ކޯސްތަކެއްކަން ބަލައިލެވޭނެ އެވެ. އެއިރުން މަކަރު ހަދައިގެން ސެޓްފިކެޓް ދޫކުރާ ޔުނިވާސިޓީތަކާމެދު ސަމާލުވާން އެނގޭނެ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ދެކެ އެވެ.
އެ ގައިޑްލައިނުގެ ސަބަބުން އީ ލާނިންއަށް ރާއްޖޭގައި ފުރިހަމަ ފްރޭމްވޯކެއް ހެދި އީ ލާނިންގެ ގައުމީ މިންގަނޑެއް ކަނޑައެޅުނީ އެވެ. އަދި އެއިރުން ކާރިސާއެއްގެ ދަނޑިވަޅުގައި ވެސް ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވުމަށް މަގުފަހިވާނެ ކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ދެކެ އެވެ.

އެ ގައިޑްލައިނުގައިވާ އެންމެ މުހިންމު އެއް ކަމަކީ އީ ލާނިންގެ އުސޫލުތައް ދިނުމަށް ހުއްދަ ދެވޭނެ މަރުކަޒުތަކުގެ ޝަރުތެވެ. އެގޮތުން އިންޓަނެޓު މެދުވެރިކޮށް މަތީ ތައުލީމު އުނގަންނައިދިނުމުގެ ހުއްދަ ދެވޭނީ ސަރުކާރުގެ ހުއްދައާއެކު މަތީ ތައުލީމު ދެމުންގެންދާތާ ފަސް އަހަރުވެފައިވާ މަރުކަޒުތަކަށް ކަމަށް އެ ގައިޑްލައިނުގައި ބުނެފައިވެ އެވެ.














