ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވަޅިއަކުން ހަމަލާދީ އޭނާ މަރާލުމަށް މިއަދު މީހަކު މަސައްކަތްކޮށްފި އެވެ.
"އަދަދު" އާ ވާހަކަ ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ އޭނާއަށް ހަމަލާދިނީ ހުޅުމާލޭ މަގުމަތިން ކަމަށާއި ހަމަލާދިން މީހާ މަސައްކަތް ކުރީ ކަރުގައި ވަޅި އަޅަން ކަމަށެވެ.
"އަޅުގަނޑު ހުރީ ސައިކަލުގައި. އޭނާ ވެސް ސައިކަލުގައި ފަހަތުން އައިސް ފުރަތަމަ ހަޅޭއްލެވީ. ފަހުން ދަބަހުން ވަޅިއެއް ނަގައި ހަމަލާދިނީ،" އަލީ ސޯލިހު ކިޔައިދިނެވެ.
އޭނާ ވިދާޅުވީ ހަމަލާދިން މީހާގެ ވަޅި އޭނާގެ ކަރަށް އަމާޒުނުވީ އަތް ނެގުމުން ކަމަށެވެ. ނަމަވެސް އަތަށް ގެއްލުންވި ކަމަށާއި މިހާރު އެކަމަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޅި ނަގާ ހޫރާލިތަނާ އަޅުގަނޑު އޭނާގެ ގަޔާ ދިމާލަށް ސައިކަލު ދުއްވާލާފަ، ސައިކަލުން ފައިބައިގެން ދުވެ، ފިލީ. ޕިކަޕަކަށް ގޮސް އެރީ،" އެ ވަގުތު ކަންތައް ހިނގި ގޮތް އަލީ ސޯލިހު ކިޔައިދިނެވެ.

އެ މައްސަލައިގައި ފުލުހުން ބުނީ އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލަ މިއަދު 13:26 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަލީއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަލީ ސޯލިހަކީ ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމް އުފެދުނުއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ޑީއާރްޕީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޑީއާރްޕީ ދޫކޮށް އޭނާ މިހާރު މަސައްކަތް ކުރަނީ ޖުމްހޫރީ ޕާޓީގަ އެވެ.











