ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޓެންޑާނުކޮށް ހޯމް މިނިސްޓްރީން ހިންގި 91 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޮޑު މަޝްރޫއުއެއް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް)އާ ހަވާލުކުރުން ދެކޮޅު ނުޖެހޭ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ހޯމް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ކ. ހިންމަފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭޝަން ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތާއި، ކ. މާފުށީ ޖަލުގައި 50 ގޮޅި އިމާރާތްކުރުމުގެ މަސައްކަތް، 91.63 މިލިއަން ރުފިޔާއަށް ޕޮލްވެކްއާ ހަވާލުކޮށްފައިވަނީ ޓެންޑާ ބޯޑަށް ހުށަނާޅާ ކަމަށެވެ.
މި މަސައްކަތްތައް ޕޮލްވެކާ ހަވާލުކޮށްފައިވަނީ، އަވަހަށް ނިންމަންޖެހޭ މަސައްކަތްތަކަށް ވާތީ އާއި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ހުރި ސަރަހައްދާއި ކ. މާފުށީ ޖަލުގައި ކަމަށްވާތީ، އާންމު އުސޫލުން ބިޑުކޮށްގެން ހޮވޭ އާންމު ފަރާތަކަށް މި މަސައްކަތް ހަވާލުކުރުމަކީ ކުރުން ރައްކާތެރިކަމެއް ކަމަށް ނުވާތީ ކަމަށް ލިޔެކިޔުންތަކުގައި ބުނެފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެން ނަމަވެސް، ޕޮލްވެކާ ހަވާލުކޮށްފައިވާ މި ދެ މަސައްކަތް، ޕޮލްވެކުން އަމިއްލަ ކުންފުންޏަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުންޏެވެ.
އަދި ޕޮލްވެކާ ސަބްކޮންޓްރެކްޓަރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ވަކިކަމެއް ވަކި ގޮތަކަށް ކުރުން ލާޒިމްކޮށްފައި ނުވާކަން ވެސް އޮޑިޓު އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، އޮޑިޓު އޮފީހުން ބުނި ގޮތުގައި މި މަސައްކަތްތައް ޕޮލްވެކުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މިކަން ޓެންޑާ ބޯޑަށް ހުށަނާޅާ ޕޮލްވެކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމި ސަބަބާ ތައާރުޒުވެ އެވެ.
މީގެ އިތުރުން، މި މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ޕޮލްވެކާ މަސައްކަތް ކުރި ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، އެ ކުންފުނިން ކުރާ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ދޭތޯ ބަލައި މޮނީޓާކޮށް، ހަދާނީ ސީދާ ހޯމް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުން ކަމަށް ބަޔާންކޮށްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން މި އެއްބަސްވުމަށް ބަލާއިރު، މުޅި މަސައްކަތް ކުރިއަށް ގެންދިއުމުގައި ޕޮލްވެކްގެ އެއްވެސް މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް އޮތްކަމަކަށް ނުފެނެ އެވެ،" އޮޑިޓު އޮފީހުން ބުންޏެވެ.
އެއްވެސް މަސްއޫލިއްޔަތެއް އަދި މަސައްކަތެއް ވެސް ނުކޮށް، ހޯމް މިނިސްޓްރީއާއެކު އެއްބަސްވި އަގަށް ވުރެ ކުޑަކޮށް އެ މަޝްރޫއު ސަބްކޮންޓްރެކްޓުކޮށްގެން، ޕޮލްވެކަށް 2.28 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.
އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް، ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގުގައި ހިންގާ މަޝްރޫއުތައް، ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އޮޑިޓު އޮފީހުން ހޯމް މިނިސްޓްރީއަށް ވަނީ ލަފާދީފަ އެވެ.













