އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އިއްޔެ އެވެ.
ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ބަޔަކު ވައްދައިގެން ކުރިއަށް ގެންދަން އެބަ އުޅޭ ކަމަށް ބުނެ ކޮންގްރެސް ފަސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ފައްޔާޒަށް ސިޓީއެއް ފޮނުއްވާފަ އެވެ.
"ހުށަހެޅިފައި އެބަހުރި މައްސަލަތަކެއް، އެ މައްސަލަތައް އަޅުގަނޑުމެން މިދަނީ ބަލަމުން، އެ ބަލާފަ އަޅުގަނޑުމެންނަކީ ތަހުގީގު ކުރާ ބައެއް ނޫން [އެކަމަކު] ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން، ދެން ކޮންގްރެސް ލަސްކުރަން ޖެހޭ އެއްވެސް ކަހަލަ ސަބަބެއް ނެތް،" އިއްޔެ ހަވީރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ.
ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނާ މަރުހަބާ ކިޔުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒް ވިދާޅުވީ ކޮންގްރެސް ފަސްކުރުމުގެ ބާރު ޗެއާޕާސަނަށް ނޯންނާނެ ކަމަށާއި އެއީ އެމްޑީޕީގެ ގައުމީ މަޖިލީހަށް އޮންނަ ބާރެއް ކަމަށެވެ.
"ވަކި އެއްޗެއް ފާސް ވެދާނެތީ ނުވަތަ ނުވެދާނެތީ ކޮންގްރެސް ފަސްކުރަން ޖެހޭ ކަމަށް ވަންޏާ ވެސް އެ ވެސް ގައުމީ މަޖިލީހުން ފާސްކުރީމަ އަޅުގަނޑުމެން ލަސްކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"މީގެ ކުރިން ބޭއްވި އެހެން ކޮންގްރެސްތަކާ އަޅާ ބަލާއިރު މާ ޓްރާންސްޕޭރެންޓުކޮށް އެހެންނަމަވެސް ގަވައިދާ އެއްގޮތަށް އަޅުގަނޑުމެން މި އަމަލު ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.
އާޒިމް ފޮނުއްވި ސިޓީގައި ވަނީ، ޕާޓީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއް ގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތު މިހާތަނަށް ވެސް ހިއްސާކޮށްފައިނުވާ ކަމަށް އޭގައިވެ އެވެ.
ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ އިންތިހާބަކުން ކަމަށާއި، ކޮންގްރެސްގައި ބައިވެރިވާނީ ގޮފީގެ ރައީސް ނުވަތަ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނެފައިވާއިރު އެ ނޫން ގޮތަކަށް ބަޔަކު ބައިވެރިކޮށްގެން ގެންދާ ކޮންގްރެސްގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ވެސް ލިޔެފައިވެ އެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް، އެ ޕާޓީގެ ގޮފިތަކަށް އިންތިހާބު ނުކުރާ ބަޔަކު ގެންނަން އުޅޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ އާންމު މެންބަރެކެވެ.
ބައެއް މުހިންމު ހަބަރުތައް
- ހުޅުމާލޭ ފޭސް ޓޫ ސަރަހައްދުން 74 ބިން ވިއްކަން ނިންމައި، ބީލަމަށް ހުޅުވާލީ އިއްޔެ އެވެ.
- ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ވެސް ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެންނަން ތާއީދު ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އިއްޔެ އެވެ.
- ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ އަގު ހެޔޮކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ:
އަޅުގަނޑު އަންދާޒާ ކުރާއިރު އަޅުގަނޑު ނުދަންނަވާނަން 10 ޕަސެންޓު ވެސް ބަރުލަމާނީއަށް ތާއީދު އޮތް އެމްޑީޕީގެ ތިބި ކަމަކަށް، އަދި މުޅި ރާއްޖެއަށް ބަލާއިރު އަޅުގަނޑު ނުބުނާނަން އެއާ ވެސް ކައިރި ކުރާނެ ކަމަކަށް،
ދުވަހުގެ ފޮޓޯ

އެފްއޭ ކަޕްގައި މާޒިޔާ އަދި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގައި 3-1 އިން މެޗު ކާމިޔާބުކޮށް މާޒިޔާ ވަނީ މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި --- ފޮޓޯ: އިމޭޖަސް.އެމްވީ












