މާލޭގެ މަގަކުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި މަޑުމަޑުން ހިނގާލާފައި ދިޔަ އަންހެން މީހާގެ ކަރުގައި އޮތް ފަށެއް ފޭރިގަތީ ސައިކަލެއްގައި އައި ދެ މީހެއްގެ ތެރެއިން ފަހަތުގައި އިން މީހާ އެވެ. އެ ދެ މީހުންގެ މޫނު ވެސް ސާފުކޮށް ފެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ މި މައްސަލައިގައި އެ ސައިކަލު ދުއްވަން އިން މީހާ މި މަހުގެ 16 ވަނަ ދުވަހު، އަދި ފަހަތުގައި އިނދެ ފަށް ޖަހައިގަތް މީހާ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ސައިކަލު ދުއްވަން އިން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

އަދި، ސައިކަލު ފަހަތުގައި އިން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.













