އޯލެވެލްއަށް ފަހު މަތީ ތައުލީމުގެ ހަރުފަތަށް ވާސިލުވާ ކުއްޖާ ފުރަތަމަ ދާންވީ ހައިސްކޫލް އޭލެވެލް މަރުހަލާއަށް ތޯ، ނުވަތަ ފައުންޑޭޝަން ޕްރޮގްރާމެއްގެ ތެރެއިން ޔުނިވަސިޓީގެ މިނިވަން މާހައުލަށްތޯ އެއީ އަދާ ހަމައަށް ވެސް ކޮޅެއްގައި ނުޖެހި އޮތް ބަހުސެކެވެ. ޖަވާބު ސާދާ އެވެ. ދެ ގޮތް ވެސް ރަނގަޅެވެ.
އެހެން ނަމަވެސް ތަފާތު ވަނީ ދެ ގޮތުންކުރެ ގޮތެއް ހިޔާރުކުރާ ދަރިވަރެވެ. އެއް ކުއްޖަކީ، ސްކޫލުގެ ތައުލީމު މަރުހަލާ އެއްކޮށް ފުރިހަމަކުރަން ބޭނުންވާ ކުއްޖެކެވެ. ނުވަތަ އޯލެވެލް ނިމޭއިރު ޝައުގުވެރިވާ ވަކި ދާއިރާއެއް ކަނޑައަޅަން ނޭނގޭތީ، ނުވަތަ، ގުރޭޑު 10 ނިމި މަޑުނުވެ، ވަކި ދާއިރާއަކުން ކުރިއަށްދާން ކަނޑައަޅަން މާ އަވަސް ކަމަށް ގަބޫލުކުރެވޭތީ އޭލެވެލް ކިޔަވަން ބޭނުންވާ ދަރިވަރެކެވެ.
މިއާ ހިލާފަށް އެއް އަހަރުން ނިމޭ، ޔުނިވަސިޓީ ފައުންޑޭޝަން ޕްރޮގްރާމަކީ، ވަކި ދާއިރާއަކުން އަވަހަށް ކިޔަވައި ނިންމަން ހިފާ ކުއްޖާ ހިޔާރުކުރާ މަގެކެވެ. ކެރިއަރެއް އަވަހަށް ފަށަން ބޭނުންވާ ދަރިވަރަށް އޮތް އެންމެ ޔަގީން ރާސްތާ ވެސް މެ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް އެ ކޮލެޖުގެ ކޯޓްޔާޑުގައި: އޯލެވެލްގެ ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް ފައުންޑޭޝަން ޕްރޮގްރާމުގައި ބައިވެރިވެވޭ. -- ފޮޓޯ: ވިލާ ކޮލެޖް
މި ދެ ގޮތުން ކުރެ ކޮންމެ ގޮތެއް ހިޔާރު ކުރި ނަމަވެސް، އޯލެވެލް ނިންމުމަށްފަހު އަންނަ ދެ ވަނަ މަރުހަލާގައި ދަރިވަރަށް ލިބޭ ތައުލީމަކީ ރަނގަޅު ފެންވަރެއްގެ ތައުލީމަކަށް ވާންޖެހެ އެވެ. މަތީ ތައުލީމުގެ މުޅި ދަތުރު މި ބިންގަލެއްގެ މައްޗަށް ބިނާވާތީ އެވެ.

"އޭލެވެލް ކިޔަވާ ކުއްޖާއަށް މި ޔަގީންކަން ވަރަށް ބޮޑަށް އެބަ އޮވޭ. ސަބަބަކީ، އޭލެވެލް އަކީ ޖެނަރަލް ސެޓްފިކެޓް އޮފް އެޑިއުކޭޝަންގެ އެއް ބައި. ވަރަށް ބޮޑަށް ޕްލޭންވެ، ވަކި ކަރިކިއުލަމެއްގެ ތެރެއިން ހުރިހާ ސްކޫލަކުން ވެސް އެއް މަގުސަދެއްގައި، އެއް އެގްޒާމް އަކަށް ވާ ތައްޔާރީ އެއް. އެކަމަކު ޔުނިވަސިޓީ ނުވަތަ ކޮލެޖް ތައުލީމުގެ ކޮލިޓީ އާއި ފެންވަރު އެކި ކޮލެޖް ޔުނިވަސިޓީތަކުގައި އެބަ ތަފާތުވޭ،" ވިލާ ކޮލެޖްގެ އެކަޑެމިކް އެންޑް ސްޓޫޑެންޓަސް ވައިސް ރެކްޓާ، ޑރ. އަބްދުﷲ ސޯދިގު އޮޅުންފިލުވައިދެއްވި އެވެ.
މިސާލަކަށް ނެންގެވީ، އުނގަންނައިދިނުމުގެ މަސައްކަތްކުރައްވާ ވިލާ ކޮލެޖެވެ.
ވިލާ ކޮލެޖަކީ ރާއްޖޭގެ ކޮލެޖު/ޔުނިވަސިޓީތަކުގެ ތެރެއިން ބޭރުގެ މަޝްހޫރު ޔުނިވަސިޓީތަކާ ގުޅިގެން ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތައް އެންމެ ގިނަ އަދަދަކަށް އޮފާކުރާ ކޮލެޖެވެ. އަދި އެންމެ ގިނަ ދާއިރާތަކުން އިންޓަނޭޝަނަލް ސެޓްފިކެޓަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގައި ފަހިކޮށްދޭ ކޮލެޖު ވެސްމެ އެވެ.
"އެހެންވީމަ ވިލާ ކޮލެޖްގެ ފައުންޑޭޝަން ޕްރޮގްރާމްތަކުގެ ކޮލިޓީ ވަރަށް ބޮޑަށް އެބަ ތަފާތުވޭ ފެންވަރުގެ ގޮތުން. ވަރަށް ގިނަ އިންޓަނޭޝަނަލް ޑިގްރީ އަދި މާސްޓާސް ކޯސް އޮފާކުރާތީ، ފައުންޑޭޝަން ކޯސްތައް ފަރުމާކޮށްފައި ހުންނަނީ މި ކޯސްތަކުގެ ފެންވަރު ދިމާވާ ގޮތަށް،" ސޯދިގު ތަފްސީލުކޮށްދެއްވި އެވެ.
އޭގެ މާނައަކީ ފައުންޑޭޝަން ކޯހަކީ ލޯކަލް ކޯހަކަށް ވިޔަސް، ފެންވަރު ރަނގަޅުވީމަ، ވިލާ ކޮލެޖުން އެ ސެޓްފިކެޓް ހިފައިގެން ދާ ކުއްޖާއަށް އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ވެސްޓް އިންގްލަންޑްގެ ޑިގްރީ ޕްރޮގްރާމަށް ކުރިމަތިލައި ކޯހަށް ހޮވުމުގެ ފުރުސަތު އޮވޭ ކުރިން މި ބުނި ސަބަބާ ހެދި. ނުވަތަ އޭސީސީއޭގެ ޑިގްރީއަށް ޑައިރެކްޓްކޮށް އެބަ ކުރިމަތި ލެވޭ މި ސެޓްފިކްޓް ގައި."
އޭނާ ވިދާޅުވި ގޮތުގައި ފައުންޑޭޝަން ކޯސްތަކުގެ ފެންވަރާއި ކޮލިޓީ އާއި ކޯސް އޮފާކުރާ ދާއިރާތައް ގިނަކުރަން އިސްކަންދިނުމުގައި އެ ކޮލެޖުގެ އިތުރު މަގުސަދެއް ވެސް އޮވެ އެވެ. އެއީ އެކި ތައުލީމީ ބެކްގްރައުންޑްތަކަށް ފެތޭ ދަރިވަރުންނަށް ތައުލީމު ފުރުސަތު ފަހިކޮށްދިނުމެވެ.
"މީގެ ތެރޭގައި އެބަ ހިމެނޭ، ފަސް ފާސް ނެތިގެން އޭލެވެލް ޗޮއިސް އަކަށް ނުވާ ކުއްޖާ ވެސް. ހަމަ އެހެންމެ، އަވަހަށް ވަޒީފާގެ މާހައުލަށް ވަކި ހުނަރެއް ދަސްކޮށްގެން ނިކުންނަން ބޭނުންވާ ދަރިވަރު ވެސް އެބަ ހިމެނޭ. އަދި ހަމަ، ފަސޭހައިން ވިލާކޮލެޖް ފައުންޑޭޝަން އެއް ހަދައިގެން ވިލާ ކޮލެޖާ ގުޅުން އޮންނަ ބޭރުގެ ޔުނިވަސިޓީ އަކުން ޖާގަ ހޯދައިގެން ކިޔަވަން ބޭރަށް ދާން ބޭނުންވާ ކުއްޖާ ވެސް އެބަ ހިމެނޭ،" ސޯދިގު އޮޅުންފިލުވައިދެއްވި އެވެ.

ވިލާ ކޮލެޖަށް އަލަށް ގުޅުނު ދަރިވަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމުގެ ތެރެއިން. -- ފޮޓޯ: ވިލާ ކޮލެޖް
ވިލާގައި މިހާރު ވެސް ގިނަ ދާއިރާތަކަކުން ފައުންޑޭޝަނަށް ކިޔެވުމުގު ފުރުސަތު ފަހިކޮށްދެ އެވެ. އޭގެ ތެރޭގައި ވިޔަފާރި ދާއިރާތަކުގެ ކޯސްތަކާއި ކޮމްޕިއުޓާ ސައިންސް، ލޯ، އެކައުންޓިން, ހިއުމަން ރިސޯސަސް، ސައިކޮލޮޖީ، މެކޭނިކަލް އިންޖިނޭރިން އަދި ކްރިއޭޓިވް ޑިޒައިނިން އާއި އާކިޓެކްޗާ ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި މެރިން ސައިންސް، އަދި ފާމަސޫޓިކަލް ޕްރޮގްރާމްތައް ވެސް ހުރެ އެވެ.
މީގެ ތެރެއިން ހާއްސަ މަދު ޕްރޮގްރާމެއް މެނުވީ، ހުރިހާ ޕްރޮގްރާމަކަށް ވެސް ޖީސީ އޯލެވެލް އިމްތިހާނުގެ ތިން މާއްދާއިން ސީ ފާސް ލިބިފައި އޮންނަ ކޮންމެ ކުއްޖަކު ޝަރުތު ހަމަވާނެ އެވެ.
"އޯލެވެލް އަށްފަހު، ރަނގަޅީ އޭލެވެލްތޯ ނޫނީ ޔުނިވަސިޓީ ތޯ، މި ބަހުސް ބޮޑަށް ކުރެވޭ އެއް ސަބަބަކީ، ބައެއް މީހުންނަށް ހީވެފައި އޮންނަ އެއްޗެއް، އޯލެވެލް ތިން ފާސް އެންޓްރީ ކްރައިޓީރިއާއަށް އޮންނާތީ، ފައުންޑޭޝަން ކޯސްތަކަކީ ތައުލީމީ ގޮތުން ދަށް ކުދިންނަށް އޮންނަ ފުރުސަތުތަކެއް ކަމަށް. އެކަމަކު ހަގީގަތަކީ، ފައުންޑޭޝަނަކީ، ވަރަށް ޑައިރެކްޓް މަގެއް. އަވަހަށް، ފަސޭހައިން ދާން ބޭނުންވާ ދިމާ އަށް އޮތް އެންމެ ސީދާ މަގު. އަނެއްކޮޅުން، ޑިގްރީ ފަށަން ވާއިރަށް، ޔުނިވަސިޓީގެ މިނިވަން ތައުލީމީ ސިސްޓަމަށް ވެސް ކުދިން ހޭނުމުގައި ވަރަށް ބޮޑު މަދަދެއް ދޭ ކަމެއް،" ސޯދިގު ވިދާޅުވި އެވެ.
އޭނާ އިލްތިމާސްކުރެއްވީ، ބަހުސްގެ ކޮންމެ ކޮޅަކަށް ބުރަވިޔަސް، މަތީ ތައުލީމު ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދޭއިރު ކޮލިޓީ އާއި ދަރިވަރުގެ ޝައުގުވެރިކަމަށް އިސްކަން ދިނުމަށެވެ. ހާއްސަކޮށް ފައުންޑޭޝަން ޕްރޮގްރާމް ހިޔާރުކުރާ އިރު މަތީ ތައުލީމުގެ އުސް ހަރުފަތްތަކަށް ފަސޭހައިން ދެވެން އޮންނަ "ވިސާ"އެއްގެ ގޮތަށް ބޭނުންކުރެވޭ ޕްރޮގްރާމްތަކެއް ހިޔާރުކުރުމަށެވެ.












