އިންޑިއާއިން ނަގާފައިވާ ލޯނުތަކަކީ ހެޔޮ އަގުގައި ލިބޭ ލޯނުތަކެއް ކަމަށާއި އެ ފައިސާ އަނބުރާ ދައްކަން އެއްވެސް ދައްޗެއް ދިމާ ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިކަން "އަދަދު" އިން ރިޕޯޓުކުރީ އިއްޔެ އެވެ.
އިންޑިއާ ސަރުކާރު މެދުވެރިކޮށް ނަގާފައިވާ ލޯނުތަކުގެ ދިފާއުގައި އަމީރު ވާހަކަ ދައްކަވާފައި މިވަނީ އެ ލޯނުތަކާއެކީ ދިވެހި ދައުލަތުގެ ބޭރު ދަރަނި ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗު މަހުގެ ނިޔަލަށް ސީދާ ސަރުކާރުގެ ބޭރު ދަރަނި ހުރީ 46 ބިލިއަން ރުފިޔާގަ އެވެ.
އެފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަށް އިތުރުކުރި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އެހެން ލޯނުތަކުގެ އިތުރުން އޭގެ ކުރިން ޔޫރަޕުގެ ބޭންކުތަކަކުން ގުޅިފަޅު ހިއްކަން ނެގި 1.5 ބިލިއަން ރުފިޔާގެ ލޯނާއެކު ބޭރު ދަރަނި މިހާރު ހުންނާނެ ކަމަށް ބެލެވެނީ 50 ބިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ. މީގެ ތެރެއިން 23.7 ބިލިއަން ރުފިޔާއަކީ މި ސަރުކާރު އައިފަހުން އިންޑިއާއިން ނަގާފައިވާ ލޯނުތަކެވެ.
އިންޑިއާއިން ނަގާފައިވާ ލޯނުތައް
- ފުރަތަމަ ޑޮލަރު ކްރެޑިޓް ލައިން - 800 މިލިއަން ޑޮލަރު
- މާލެ-ތިލަފުށި ބްރިޖް މަޝްރޫއުއަށް – 400 މިލިއަން ޑޮލަރު
- ދެވަނަ ޑޮލަރު ކްރެޑިޓް ލައިން – 50 މިލިއަން ޑޮލަރު
- ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް – 40 މިލިއަން ޑޮލަރު
- ތިންވަނަ ޑޮލަރު ކްރެޑިޓް ލައިން – 100 މިލިއަން ޑޮލަރު
- ސޯޝަލް ހައުސިން އަޅަން - 119 މިލިއަން ޑޮލަރު
- ފުލުހުންގެ އުމްރާނީ ތަރައްގީއަށް - 41 މިލިއަން ޑޮލަރު
ދަރަނީގެ މައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ބޮޑު ނަމަވެސް މީގެ ކުރިން ވެސް އަމީރު ވަނީ މި ސަރުކާރުގެ ދަރަނި ނެގުމުގެ ރެކޯޑު ދިފާއު ކުރައްވަމުން މިއީ ދަރަނި ދެއްކުމުގެ ގާބިލިއްޔަތުކަމަށް އަސަރުނުކުރާ، ދެމެހެއްޓެނެވި ސިޔާސަތެއް ކަމަށް ވިދާޅުވެފަ އެވެ.
އަމީރުގެ އެ ވާހަކަތައް ތަކުރާރުކުރައްވަމުން މިފަހުން އިންޑިއާގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމަށް ފަހު ޕީއެސްއެމް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިއީ އަގުހެޔޮކޮށް ލިބެން ހުރި ފައިސާ ހޯދައިގެން އިގުތިސޯދު ފުޅާކުރަން މަސައްކަތްކުރަންވީ ދަނޑިވަޅު ކަމަށާއި މަސައްކަތް ކުރަނީ ތަރައްގީ ގެންނަން ކަމަށެވެ. އަދި, ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއާއި ގުޅިފަޅު އިންޓަނޭޝަނަލް ޕޯޓު މަޝްރޫއުއަކީ އިގުތިސޯދު ފުޅާކުރަން ކޮންމެހެން ބޭނުން ދެ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ދަރަނި ނަގައިގެން ކުރަނީ ކޮންކޮން ކަމެއްތޯ؟ އެންމެ ބޮޑަށް މިކުރަނީ ބްރިޖު ކަނެކްޓިވިޓީ އާއި މާލެ ހާބާ ގުޅީފަޅަށް ބަދަލުކުރުން. މި މަސައްކަތަކީ އިގުތިސޯދު ފުޅާވެގެން އަންނައިރު، ކޮންމެގޮތެއް ވިޔަސް މާލެ ޕޯޓަކަށް ކޭޓާއެއް ނުކުރެވޭނެ... ކޮންމެގޮތެއް ވިޔަސް އެ ޕޯޓް އިތުރަށް ފުޅާނުކޮށް ރާއްޖޭގެ އިގުތިސޯދު ފުޅާކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން އެބަދޭ," އަމީރު ވިދާޅުވި އެވެ.
އިންޑިއާއިން ނަގާފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކީ "ކޮންސެޝަނަލް" ނުވަތަ އަގުހެޔޮ ލޯނެއް ކަމަށް ބުނާބުނުން ސަރުކާރުން ބިނާކުރަނީ އެ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށާއި ގްރޭސް ޕީރިއަޑަށް ބިނާކޮށެވެ.
އެގޮތުން, ލައިން އޮފް ކްރެޑިޓް ފެސިލިޓީއަކީ 1.5 އިންޓްރެސްޓުގައި ފަސް އަހަރު ފަހުން ދައްކަން ޖެހޭ ލޯނެކެވެ. އަދި, ބައެއް އެހެން މަޝްރޫއުތައް ހިންގަން ނަގާފައިވާ އެގްޒިމް ބޭންކުގެ ބަޔާސް ކްރެޑިޓް ފެސިލިޓީއަކީ ވެސް 3.75 އިންޓްރެސްޓު ރޭޓުގައި ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަހު 14-15 އަހަރުން ދައްކާ ލޯނުތަކެކެވެ.
އަމީރު ވިދާޅުވި ގޮތުގައި މިއީ ވާލްޑް ބޭންކުގެ މިންގަނޑުން ބެލި ނަމަވެސް އަގުހެޔޮ ލޯނުތަކެކެވެ.
"ވާލްޑް ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސިން ޕޮލިސީގެ ދަށުން ގްރާންޓް އެލަމަންޓް %36 އިނިއްޔާ އެއީ ވަރަށް ކޮންސެޝަނަލް ނޫނީ ސަސްޓެއިނަބަލް ފައިނޭންސިންއެއް. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނަގާ ފައިނޭންސް ހުރީ %29-%30 ގައި. އެހެންވީމަ ވަރަށް ބޮޑަށް ކޮންސެޝަނަލްކޮށް މިހުރީ," އަމީރު ވިދާޅުވި އެވެ.
އިތުރަށް ލޯނު ނެގުން ސަރުކާރުން ދިފާއިކުރި ނަމަވެސް، ވާލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ވަނީ ރާއްޖޭގެ ދަރަނީގެ ހާލަތާ މެދު އެކިފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދަރަނީގެ މައްސަލައިގައި އެ އިދާރާތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޮޑެތި ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކުގެ އިގުތިސޯދީ މަންފާ ނުލިބުން ނުވަތަ ލަސްވުމެވެ. މިކަން ހައްލުކުރަން ވާލްޑް ބޭންކާއި އައިއެމްއެފްގެ ވެސް ލަފަޔަކީ ރިކަރަންޓް ހަރަދުތަކާއި އިސްރާފު ހަރަދުތައް ކުޑަކޮށް އިގުތިސޯދީ ގޮތުން މަންފާ ބޮޑު މަޝްރޫއުތަކަށް ކުރާ ހޭދަ އިތުރުކުރުމާއި ޕްރޮޖެކްޓުތަކުގެ ދުވެލި އަވަސް ކުރުމެވެ.
މި އިދާރާތަކުގެ އިތުރުން ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވެސް ވަނީ ދަރަނީގެ ބުރަ ބޮޑުވެ، އެ ދަރަނި އަނބުރާ ނުދެއްކުމުގެ ހިރާސް ބޮޑު ކަން ފާހަގަކޮށްފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ޓަވަރުތަކުގެ މަސައްކަތް ނިމި، މީހުންނަށް ދިރިއުޅެން ފެށޭނީ އަންނަ އަހަރު ކަމަށް އެ ކުންފުނިން ހާމަކުރީ އިއްޔެ އެވެ.
- ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށް، މާދަމާ ފެށޭ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރަށް ސަރުކާރުން ބިލެއް ހުށަހަޅަން ނިންމީ އިއްޔެ އެވެ.
- މަސްވެރިކަމުގެ މޫސުން އައުމުގެ ކުރިން މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ބޯޓު ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ނިޒާމީ ބަހުސްގައި ތާއިދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ހާމަކުރައްވަމުން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ:
މިފަދަ ދަނޑިވަޅެއްގައި، [ރާއްޖެ ފަދަ] ތަރައްގީވަމުން އަންނަ ގައުމަކަށް، ސިޔާސީ ހަމަޖެހުމާއި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމަކުން،
ދުވަހުގެ ފޮޓޯ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައި. މި ހާދިސާ ހިނގީ ވިލިމާލޭގެ އިރު ދެކުނު ކަންމަތީގައި ޖަހާ ބްރިޖު ތަނބުގެ މަސައްކަތް ކުރުމަށް ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި ޕްލެޓްފޯމް އެންކާ ކުރަން އުޅުމުގެ ތެރޭގައި އެންކާއަށް ޓެކްނިކަލް މައްސަލަ ދިމާވެގެން --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު













