ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް އެ ޕާޓީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތީ އިއްޔެ އެވެ.
ރައީސް ސޯލިހު އެގޮތަށް އިއްޔެ އެދިވަޑައިގެންނެވިއިރު, ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމު ގެންނަން ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން, ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި, ބަރުލަމާނީ ގެންނަން ޖެހޭ ސަބަބުތަކާއި، ގެންނަން ބޭނުންފުޅުވާ ބަދަލުތައް ހާމަ ކުރެއްވެވި އެވެ.
ނަޝީދުގެ އެ ހުށަހެޅުމާ ގުޅިގެން ރައީސް ސޯލިހު ރާއްޖެޓީވީއަށް އިއްޔެ ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަންވީ ވަގުތު ނޫން ކަމަށާއި އިސްކަން ދޭންވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. މީގެކުރިން ވެސް ނިޒާމު ބަދަލުކުރަން ތާއިދު ނުކުރައްވާކަން ހާމަކުރައްވާފައިވާ ރައީސް ސޯލިހު ވިދާޅުވީ, ބަރުލަމާނީ ނިޒާމު ގެންނަން ރާއްޖެ އޮތީ މާޅަފަތުގަ ކަމަށެވެ.
ނިޒާމު ބަދަލުކުރަން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅަން އެމްޑީޕީގެ ކޮންގްރެސްއިން ވެސް ތާއިދު ކުރާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ, އެ ގަރާރު އަނބުރާ ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް, ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.
ގާނޫނުއަސާސީ ބަދަކުރުމުގެ މަސައްކަތް ކޮންގްރެސްއަށް
ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ވަނީ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.
ނަޝީދު ވަނީ މި ބަދަލު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިކަމަށް ހުރިހާ ބޭފުޅުންގެ ތާއީދު ވެސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ، އެކަމަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ އިއްޔެ އެވެ.
- މުލިއާގޭގެ ކައިރީގައި އައިއީޑީ ބާއްވައި، ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ތ. ތިމަރަފުށީ ވިލާ، ޒިހާން އަހުމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ވެސް ހައި ކޯޓުން ބާތިލް ކުރުމުން އެ މައްސަލާގައި ދައުވާކުރި އެންމެން ވެސް ސަލާމަތްވީ އިއްޔެ އެވެ.
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ވެރިކަމުގެ ނިޒާމުގެ ވޯޓު ނަގަން ޖެހޭ ސަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:
ނިޒާމީ ބަދަލާއި އޮނިގަނޑުގެ ބަދަލު ނުގެނެސްފި ނަމަ، އެމްޑީޕީން 42 ޕަސެންޓް ވޯޓު މި ސަރުކާރަކަށް ވޯޓު ނުދޭނެ، އެއީ 47،000 މީހުންގެ ވޯޓު،
ދުވަހުގެ ފޮޓޯ

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ގެނެސްފައިވާ ޕްލެޓްފޯމެއް. ބްރިޖުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު މިހާރު ވަނީ ވިލިނގިލި-މާލެ ކަނޑުއޮޅިން ދަތުރުކުރުން ވެސް މަނާކޮށްފައި. އަދިވެސް، އެންމެ އެކަށީގެންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށްނުދާކަން މީހުން ފާހަގަކުރޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު













