ދުވާލުގެ އަލިކަމުގައި މާލޭގެ މަގަކުން ހިނގާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯއެެއް ސޯޝަލް މީޑިއާގައި އާއްމުވިތާ އެތައް ގަޑިއިރުތަކެއް ފަހުން އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި މަޑުމަޑުން ހިނގާލާފައި ދިޔަ އަންހެން މީހާގެ ކަރުގައި އޮތް ފަށެއް ފޭރިގަތީ ސައިކަލެއްގައި އައި ދެ މީހެއްގެ ތެރެއިން ފަހަތުގައި އިން މީހާ އެވެ. އެ ދެ މީހުންގެ މޫނު ވެސް ސާފުކޮށް ފެނެ އެވެ.
"މި މައްސަލައާއި ގުޅިގެން އެކަކު ވަނީ ހައްޔަރުކުރެވިފައި. ފޭރިގެންފައިވާ ރަން ފަށް، ރަންހަދާ ތަނަކަށް ވިއްކާލާފައިވަނިކޮށް ފުލުހުން ގޮސް ފަށް އަތުލެވިފައި. މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް،" އެ މައްސަލާގައި ކުރިއެރުންތަކެއް ހޯދިފައިވާކަން ހާމަކުރައްވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްތީޓެއްގައި ވިދާޅުވި އެވެ.
އެގޮތުން، ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކުރީ އިއްޔެ ހެނދުނު 10:08 ގަ އެވެ.













