ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި އެވެ.
ބޭރުގެ ސަފީރުންނާއި މިނިސްޓަރުންނާއި އާންމުންގެ ބައެއް މީހުން ބައިވެރިވި، ކަސްރަތެއްގެ ގޮތުން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން ހުރަސް އަަޅައި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެކި ދުވަސްމަތިން 25 އަށް ވުރެ ގިނަ ގިނަ މީހުން ހައްޔަރުކުރި އެވެ.
ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައިވާ ގޮތުން، ޝަރީއަތުގެ މަޖިލީހަށް ހާޒިރުވި ފުލުސް އޮފިސަރު ވަނީ އެ މައްސަލާގައި އިތުރު ހަތް މީހަކު އަދިވެސް ބަންދުގައި ތިބި ކަމަށެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ ޔޯގާ ހަރަކާތުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި އަށް މީހަކު ތިބި ކަމަށެވެ.
މިހާރު ބަންދުގައި ތިބި މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މާރާމާރީ އަދި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތު ޑިޕާޓްމަންޓްގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު ވެސް ހިމެނެ އެވެ.
އެ ތިން މީހުން ވެސް ވަނީ ދޫކޮށްލައިފަ އެވެ.













