މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޮޑެތި މަގުތަކުގައި ވެހިކަލް ޕާކްކުރުން މަނާކުރަން ނިންމާފައިވާއިރު، މަޖީދީ މަގުގައި ޕާކްކުރުން މުޅިން މަނާކުރިކަން ރިޕޯޓްކުރީ އިއްޔެ އެވެ.
މަޖީދީ މަގުގެ އިތުރުން ޕާކްކުރުން މަނާކުރަން ކަނޑައަޅާފައި ވަނީ އަމީނީ މަގާއި، އޯކިޑް މަގު އަދި ފަރީދީ މަގެވެ.
މަޖީދީ މަގުގެ ބައެއް ސަރަހައްދުތަކުގައި ކުރިން ވެސް ޕާކް ނުކުރެވޭ ގޮތަށް ދެ ފަރާތުގައި ވަނީ ރީނދީ ރޮނގު ދަމައިފަ އެވެ. ކުރިން ޕާކް ކުރެވުނު ސަރަހައްދުތަކުގައި މިހާރު ޕާކް ނުކުރެވޭނެކަން ކަނޑައަޅައި، ޕޮލިސް ލައިން ވެސް ވަނީ ދަމައިފަ އެވެ. އަދި މިނީ ބަހުގެ ހިދުމަތް ފެށުމަށް ބަސް ސްޓޮޕްތައް ވެސް އަންނަނީ ގާއިމްކުރަމުންނެވެ.
ތޮއްޖެހިފައިވާ މާލޭގެ ބޮޑެތި މަގުތަކުގައި ޕާކް ކުރުން މަނާކުރާއިރު، އެހެން މަގުތަކުން ޕާކުކުރަން ޒޯންތައް ހެދުމަށް ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފަ އެވެ.
ޕާކިން ޒޯނު ހަދާ ސަރަހައްދުތައް:
- އެކުވެނި ޓްރެކް ކައިރިން
- ދަރުބާރުގެ އިރަށް އޮތް ހުސް ބިމުގައި
- މަޖީދީ މަގުގައި ހުރި ސަރުކާރުގެ ހުސް ބިމެއްގައި
- ކޮރެލް ބުލެވާޑް ކައިރީ އޮތް ހުސް ބިމެއްގައި
މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން މިހާރު ވަނީ 36 ބަސް ގެނެސް، ބަސްތައް ދުއްވަން ޑްރައިވަރުންނާއި ކްރޫން ތަމްރީނު ކޮށްފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑަށް ފެތޭ ކަމަށް ކަނޑައަޅައި ޝަރީއަތް ކުރިއަށް ގެންދަން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އިއްޔެ އެވެ.
- ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖުތަބާއަށް ހަތަރު މަހުގެ ޖަލު ހުކުމަށް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި އެވެ. ނަމަވެސް ބަންދުގައި ހޭދަ ކުރި މުއްދަތު އެއަށްވުރެ ދިގުވުމުން މި މައްސަލައިގައި އޭނާ އިތުރަށް ޖަލުގައެއް ނުބަހައްޓާނެ އެވެ.
- ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަ އޮކްޓޯބަރު ތިން ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އިއްޔެ އެވެ.
- މާލޭގައި ހިންގަމުން އައި، އިންޑިއާ ހައިކޮމިޝަަން ހުޅުމާލެއަށް ބަދަލުކުރިކަން ރިޕޯޓްކުރީ އިއްޔެ އެވެ. އިންޑިއާގެ ހައި ކޮމިޝަން މިހާތަނަށް ހިންގަމުން އައީ މާލޭގެ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގަ އެވެ.
- މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗްގެ ލެބޯޓްރީ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ އިއްޔެ އެވެ. މަންކީޕޮކްސްގެ 250 ޓެސްޓް ކިޓް ޑަބްލިޔުއެޗްއޯއިން ޖުލައި މަހު ވަނީ ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.
- އަލަށް ވަޒީފަގެ މާހައުލަށް ނުކުންނަ ޒުވާނުންނަށް ހާއްސަކޮށްގެން މެރިން ސާވިސް ޕްރައިވެޓް ލިމިޓެޑުން އިންޓާންޝިޕް ޕްރޮގްރާމެއް ހުޅުވައިލިކަން ރިޕޯޓްކުރީ އިއްޔެ އެވެ. ހަ މަސް ދުވަހުގެ މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ފައިސާގެ އެލަވަންސެއް ވެސް ދެ އެވެ. އަދި ޕްރޮގްރާމު ނިމުމަށް ފަހު ބޭނުން ތަނެއްގައި ވަޒީފާ އަދާކުރެ ވޭނެ އެވެ. ކްރޮސް ރޯޑްގައި ވަޒީފާ އަދާކުރުން ލާޒިމެއް ނޫނެވެ.
- ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން 1953 ވަނަ އަހަރު ނިމިގެން ދިޔަ ގޮތާއި އޭގެ ފަހުން ހިނގި ސިޔާސީ ހަމަނުޖެހުންތަކެއްގައި އެމަނިކުފާނަށް އަނިޔާ ދިން މީހުންގެ މައްސަލާގައި ކަންކަން ހިނގާފައި އޮތް ގޮތް ސާފު ކުރަން ބޮޑު މަޝްވަރާއެއް ބޭއްވުމަށް ނިންމާފައިވާކަން އިއްޔެ ރިޕޯޓްކުރި އެވެ.
- މާލެ-ތިލަފުށި ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުކުރުން މިއަދުން ފެށިގެން މަނާ ވާނެ ކަމަށް އިއްޔެ ހާމަ ކުރި އެވެ.
ދުވަހުގެ ކޯޓޭޝަން
މުޖުތަމައުގައި ހިނގަމުންދާ ކަންކަމުން ޒުވާނުން ސަލާމަތްކުރުމާ ގުޅޭގޮތުން ޝައިހު މުހައްމަދު ރަޝީދު "އަދަދު" ނޫހަށް ވިދާޅުވީ:
މިހާރު ވާގޮތަކީ، މީޑިއާއިން ވެސް މިހަދާ ގޮތަކީ މީހަކު ނުބައިކަމެއް ކުރާތަން ފެންނަ އިރަށް، ނުވަތަ އެނގިއްޖެއްޔާ އެކަން ފަތުރާލަނީ. އެއީ އެ ނޫހެއް ތަންކޮޅެއް މަޝްހޫރު ވެގެން ދާނެތީ. އެގޮތަށް ވިސްނައިގެން ނުވާނެ. އެއީކީ ނޫން އިސްލާމްދީނުގައި އެކަން އޮންނަ ގޮތަކީ،
ދުވަހުގެ ފޮޓޯ

ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 ނިއު ރޭޑިއަންޓް ކަޓުވާލުމަށް ފަހު ބުރު ސްޕޯޓްސް ކްލަބުން އުފާ ފާޅުކުރަނީ. މެޗަކުން ބަލިނުވެ، ފައިނަލުން ޖާގަ ހޯދި ބުރަށް ވަނީ އަންނަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދަން ކުޅެން ޖެހޭ ކޮލިފިކޭޝަން ބުރުން ވެސް ފުރުސަތު ލިބިފައި --- ފޮޓޯ: އިމޭޖަސް.އެމްވީ











