ރާއްޖެ ހިމެނޭގޮތަށް މެލޭޝިއާ، ސިންގަޕޫރު އަދި ސީޝެލްސް ފަދަ ގައުމުތަކުގެ ޑްރަގް ޑީލަރުންނާ ގުޅުން އޮންނަ ލަންކާގެ ޑްރަގު ވިޔަފާރީގެ ބޮޑެއް ކަމަށް ބެލެވޭ ނަދުން ޗިންތަކަ ވިކްރަމްރަތުނަ އަލިއަސް ހަރަކަ ކަޓާ އެގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ހަރަކަ ކަޓާ އަތުލައިގެންފައިވަނީ، އެގައުމުގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ އާއި އިންޓަނޭޝަނަލް ފުލުހުން ގުޅިގެން ހިނގި ހާއްސަ އޮޕަރޭޝަނެއްގެ ތެރޭން، ބުރާސްފަތި ދުވަހު، ދުބާއީ އެއާޕޯޓުންނެވެ. އޭނާއާ އެކު އިތުރު ޑީލަރެއްވެސް ހައްޔަރުކޮށްފައިވެ އެވެ.
ލަންކާ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ހަރަކަ ކަޓާ ހައްޔަރުކުރުމަށް ނާކޮޓިކްސް ބިއުރޯ އާއި އިންޓަނޭޝަނަލް ފުލުހުން ގުޅިގެން ސިއްރު އޮޕަރޭޝަނެއް ހިންގާތާ މިހާރު މަހެއް ވެއްޖެ އެވެ. އޭނާ ދުބާއީ އަށް ދަތުރުކޮށްފައިވަނީ އެހެން ގައުމެއްގެ މީހެއްގެ ނަމުގައި ހަދާފައިވާ ވަގު ޕާސްޕޯޓެއްގަ އެވެ.
ކޮލަމްބޯ ޕޭޖަސް ގައި ރިޕޯޓުކޮށްފައިވާ ގޮތުން، އޭނާ އެ ޕާސްޕޯޓުގައި އެންމެ ފަހުން ދަތުރުކޮށްފައިވަނީ ރާއްޖެއަށެވެ. އަދި ރާއްޖެ ހިމެނޭހެން ސިންގަޕޫރު، މެލޭޝިއާ އަދި ސީޝެލްސް ފަދަ ބައެއް ގައުމުތަކުގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ އޭނާގެ ގުޅުން އޮންނަ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.













