ރޯގާ އާއި ޑެންގީ ހުން މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ މިންވަރު އިތުރެވެ. އަދި މި އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިތުރު ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.
ޖޫން މަހު 294 މީހަކަށް އަދި ޖުލައި މަހު 322 މީހަކަށް ޑެންގީ ހުން ޖެހިފައިވެ އެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން މަހު އަރިދަފުސް ރޯގާގެ 21،802 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. މިދިޔަ މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 27553 ކޭސް އެވެ.
ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މި އަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ޖުލައި މަހު އިންފުލުއެންޒާއަށް 54 މީހުން ޓެސްޓް ކޮށްފައި ވާއިރު 10 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މި އަހަރު މިހާތަނަށް 684 މީހުން ޓެސްޓް ކޮށްފައި ވާއިރު 26 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.












