އެތެރެކޮށްގެން ވިއްކަމުން ދިޔަ ކާނާގެ ބާވަތެއްގައި އޫރު މަސް ހުރެގެން އެ ފިހާރަތަކުން ނަގާ ވިއްކުން މަނާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މަނާކުރީ ބާވަތަކީ އެމެރިކާގެ "މާކަމް" ބްރޭންޑުގެ ކަންޓްރީ ގްރޭވީ މިކްސްއެކެވެ. މި ބާވަތުގެ ޕެކެޓުތަކުގައި އޫރު މަސް ހުރި ކަން އާންމުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި މީހަކަށް މިކަން ފާހަގަކުރެވިގެން ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ދައުރުވަމުންދާ ފޮޓޮއިން ފެންނަ ގޮތުގައި އެ ޕެކެޓުގެ އިންގްރީޑިއަންޓުތަކުގެ ތެރޭގައި "ގްރައުންޑް ޕޯކް" އަދި "ޑްރައި ޕޯކް ސްޓޮކް" ހިމެނެ އެވެ. މިއީ ސީދާ އޫރު މަހުން ތައްޔާރުކުރާ ދެ ކާނާގެ ބާވަތެވެ. މި މައްސަލަ ފެންމަތި ކުރި މީހާ ބުނީ އޭނާ އެ ޕެކެޓު ގަތީ ރެޑްވޭވުގެ ފިހާރައަކުން ކަމަށެވެ.

"މާކަމް" ބްރޭންޑުގެ ކަންޓްރީ ގްރޭވީ މިކްސް ޕެކެޓުގެ އިންގްރީޑިއަންޓުތައް: ފާހަގަކޮށްފައިވާ ދެ އިންގްރީޑިއަންޓަކީ ވެސް ސީދާ އޫރު މަހުން ހަދާ ދެ ބާވަތް. -- ފޮޓޯ: ފޭސްބުކް/ސިޒްލީ އަހުމަދު

މި ޕޯސްޓު ހިއްސާކޮށް ހެލްތު މިނިސްޓްރީގެ ވައިބާ ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ އެކަން ސަމާލުކަމަށް އައިސްގެން އެ ނަގަން ރެޑްވޭވަށް އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން "އަދަދު" ނޫހުން ކުރި ސުވާލަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތެއް ނުލިބެ އެވެ.













