އޯލެވަލް އިނގިރޭސި މާއްދާގެ ފޮއްތަކެއްގައި އިސްލާމް ދީނާ ހިލާފު ކޮންޓެންޓު ހުރި މައްސަލަ ސަމާލު ކަމަށް އައިސްގެން އެބައި އުނިކުރަން އިރުޝާދު ދީފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި މައްސަލައިގައި ނެރުނު ބަޔާނެއްގައި އެޑިޔުކޭޝަނުން ބުނީ އެ ފޮތަކީ 2014 ވަނަ އަހަރުގެ ޗާޕެއް ކަމަށާއި ދީނާ ހިލާފް ކޮންޓެންޓް ހިމެނޭ ބައި ބަދަލު ގެނެސްފައިވާ ކަމަށެވެ.
މި ފޮތްތައް ސްކޫލްތަކަށް ފޮނުވުނު ސަބަބާ ގުޅިގެން އެޑިޔުކޭޝަނުން ބުނީ އެހެން އެކަން ހިނގައި ދިޔައީ ސްޓޮކްގައި ކުރީގެ ޗާޕުތަކެއް ހުރުމާ ގުޅިގެން ކަމަށެވެ. އަދި މައްސަލަ ފާހަގަކުރެވުނު ހިސާބުން ދީނާ ހިލާފު ވާހަކަތައް ހުރި ބައި އުނިކުރަން ސްކޫލްތަކަށް އިރުޝާދު ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިޔުކޭޝަނުން ފޮނުވާފައިވާ އިރުޝާދުގައި ވަނީ ގްރޭޑް 8 ގެ ކުދިން ކިޔަވާ "އިންޓްރޮޑަކްޝަން ޓު އިންގްލިޝް އޭސް އަ ސެކަންޑް ލެންގުއޭޖް ވާކްބުކް" ގެ ފުރަތަމަ ޗާޕުގެ ހަތަރުވަނަ އެޑިޝަނުން (2014) 8-7 ކަނޑާލާށެވެ. އަދި އެ އެޑިޝަންގެ ތިންވަނަ ޕްރިންޓުން (2015) ސަފުހާ 8-7 ކަނޑާފައި، 9 ވަނަ ސަފުހާގެ މަތީގައި ހުސް ކަރުދާސް ގަނޑެއް އަޅައި ނިވާކުރާށެވެ.
ސްޓޮކްގައި ފޮތްތަކެއް ހުރި ކަމަށް ބުނި ނަމަވެސް، މިހާ ދުވަސްވީއިރު އެ ފޮތްތައް ނައްތާނުލާ އެހާ ގިނަ އަދަދަކަށް ސްޓޮކުގައި ހުރި ސަބަބެއް އެޑިޔުކޭޝަން މިނިސްޓްރީން ސާފު ނުވެ އެވެ.













