ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމަށް މުހައްމަދު ރުސްތުމް މުޖުތަބާ ޝަރީއަތުގައި އިއުތިރާފުވުމުން އަވަސް ނިޔާގެ ދަށުން މައްސަލަ ނިންމުމަށާއި ތިން ދުވަސް ތެރޭގައި އަދަބު ކަނޑައަޅައި ހުކުމް އިއްވަން ނިންމައިފި އެވެ.
މިއަދު ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ކުރާ ދައުވާތަކަށް ޝަރީއަތުގައި ކުރިން ވެފައިވާ އިއުތިރާފު ދަމަހައްޓާނަންތޯ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ސުވާލު ކުރެއްވުމުން ރުސްތުމް ވަނީ އިއުތިރާފު ދަމަހައްޓާ ކަމަށް ބުނެފަ އެވެ.
ގާޒީ މިސްބާހު ދެން ވިދާޅުވީ ކުށަށް އިއުތިރާފުވެފައިވާތީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުން ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިއަދު އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދީފައި، ތިން ދުވަސް ތެރޭގައި އެ ކަމާ މެދު ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
"އަވަސް ނިޔާގެ ޝަރީއަތް މިއަދު ފެށި ނަމަވެސް ޝަރީއަތުން ގަސްތު ކުރަނީ ކަނޑައެޅޭ އަދަބާ ގުޅޭ ގޮތުން ވަކި އަޑުއެހުމެއް ބާއްވަން، އެ ގޮތުން ތިން ދުވަހުގެ ތެރޭގައި އެ އަޑުއެހުން ތާވަލު ކުރެވޭނެ،" މިސްބާހު ވިދާޅުވި އެވެ.
ރުސްތުމްގެ މައްޗަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާއަށް ވެސް ރުސްތުމް އިއުތިރާފުވެ އެވެ.

މި މައްސަލާގައި ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރުސްތުމް މިހާރު ވެސް ޖަލުގައި ހޭދަކޮށްފައި ވާތީ އޭނާ އެދުނީ މައްސަލައިގެ ޝަރީއަތް ދެން ކުރިއަށް ނުގެންދިއުމަށެވެ. އެއީ އޭނާއަށް ކުރާ ދައުވާތަކުގެ އަދަބެއްގެ ގޮތުން ދައުލަތުން ފާހަގަ ކުރީ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ޖަލު ހުކުމަކަށް ވުމުންނެވެ.
އެހެން ނަމަވެސް ގާޒީ މިސްބާހު ވިދާޅުވީ ނުހައްގު ގޮތެއްގައި ބަންދުގައި ބެހެއްޓި ކަމަށް ބެލެވޭ ނަމަ އަދި އެ ނޫން ވެސް އިންސާނީ ހައްގަކަށް އެރިފައިވާ ކަމަށް ކަމާ ބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ގެންދަންވީ ކަމަށެވެ.
އަދި ބަންދުގައި ކިތަންމެ ދުވަހަކު ހުއްޓަސް ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި ބަންދުގައި ހުރި މުއްދަތެއް އުނި ކުރާނަމަ ހުކުމުން އުނިކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ރުސްތުމް ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ދޫކޮށްލާފައި ހުއްޓާ އަނެއްކާ ވެސް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރުކުރީ 2020 ވަނަ އަހަރު އެވެ.












