އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅިތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީއިރު އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް މައްސަލަ ހުށަހެޅި ގާނޫނީ ވަކީލު އަހުމަދު ތޯލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހުގަ އެވެ.
އޭގައި އެދިފައިވަނީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ބަދުއަހުލާގީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި، އޭގެ ޝަރުއީ ހުކުމަކާ ހަމައަށް ދެވެންދެކަށް ވަކީލު ކަމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިދިނުމަށެވެ.
"މިއަދާ ހަމައަށް ވެސް މި މައްސަލައިގެ ޖަވާބެއް އަޅުގަނޑަށް ލިބިފައެއް ނެތް، މައްސަލަ ރަޖިސްޓްރީ ކުރި ކަމެއް ވެސް، ގަވާއިދުގައިވާ ގޮތުގެ މަތިން ސަބް ކޮމިޓީއެއް ނެގިއަސް، މައްސަލަ ހުށަހެޅި ފަރާތަށް އެނގެން ވާނެ ކަމަށް އަޅުގަނޑު ދެކެން،" ވަކީލު އަހުމަދު ތޯލިގު މި ނޫހަށް ވިދާޅުވި އެވެ.
ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލުމާ ބެހޭ ގަވާއިދުގައިވާ އެ ކައުންސިލުން ބަލަމުން އަންނަ މައްސަލަތަކުގެ މައުލޫމާތު ދެވޭނީ ހުށަހެޅި ފަރާތަށާއި މައްސަލަ ރައްދުވާ ފަރާތަށް އެކަންޏެވެ. އެހެންވެ ބާ ކައުންސިލުން މި މައްސަލައިގެ އެއްވެސް މައުލޫމާތެއް މީޑިއާއަށް ހިއްސާއެއް ނުކުރެ އެވެ.

"މައްސަލަ ހުށަހެޅި ފަރާތާއި ރައްދުުވާ ފަރާތަށް ފިޔަވައި އެއްވެސް ފަރާތަކަށް ކައުންސިލަށް ލިބޭ ވަކީލުންގެ ސުލޫކީ މައްސަލައެއްގެ މައުލޫމާތު ދެވޭކަށް ނޯވޭ، އެހެންވިޔަސް ނިންމާ ނިންމުމެއް ކައުންސިލްގެ ވެބްސައިޓްގައި ޝާއިއު ކުރާނެ،" ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް މި ނޫހަށް ވިދާޅުވި އެވެ.
ޝަކުވާއަށް ޖަވާބެއް ދިނުމާ މެދު ލަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިޝާމް ވިދާޅުވީ ޖުލައި މަހުގެ 21 ވަނަ ދުވަހު ޖަވާބެއް ދިން ކަމަށެވެ. ނަމަވެސް ގަވާއިދު ޖާގަނުދޭތީ މައްސަލަ ހުށަހެޅި ފަރާތަށް ދިން ޖަވާބެއް ވިޝާމް ވިދާޅެއް ނުވެ އެވެ.
"ގަވާއިދުގައި އެ އޮތް ގޮތަށް އަޅުގަނޑުމެން އަމަލު ކުރާނެ، ހުށަހެޅޭ މައްސަލަތަކަށް ޖަވާބު ވެސް ދޭނެ،" ވިޝާމް ވިދާޅުވި އެވެ.
ވިޝާމް އިތުރަށް ވިދާޅުވީ، ބާ ކައުންސިލްގެ ވަސީލަތްތައް މަދުވުމުން މިހެން ހުށަހެޅޭ މައްސަލަތައް ބެލުމުގައި އާންމުކޮށް ވެސް ވަރަށް ގިނަ ދުވަސް ނަގާ ކަމަށެވެ.
ވަކީލު ތޯލިގުއާ އިތުރަށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މައްސަލައިގެ ޖަވާބެއް ލިބިފައި ނެތުމުން ބާ ކައުންސިލަށް ދިއުމުން މައްސަލަ ލިބިފައިވާ ކަމަށް ކައުންޓަރުން މައުލޫމާތު ދިން ކަމަށެވެ. އެކަމަކު މައްސަލަ ރަޖިސްޓްރީ ކުރި ކަމެއް އަދި ބަލަން ފެށި ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ.
ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބެލުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ވަކީލަކާ ގުޅޭ ގޮތުން މައްސަލައެއް ނުވަތަ ޝަކުވާއެއް ކައުންސިލަށް ހުށަހެޅޭތާ 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާ މެދު ނިންމާ ގޮތެއް މައްސަލަ ހުށަހެޅި ފަރާތަށް ކައުންސިލުން އަންގަން ޖެހެ އެވެ.












