ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ "ހާގެންޑަޒް" ބްރޭންޑުގެ އައިސްކްރީމެއް ރާއްޖެ އެތެރެވެފައިވާތީ، އެ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ފަރަންސޭސިވިލާތުގެ ބްރޭންޑެއް ކަމަށްވާ "ހާގެންޑަޒް" ބްރޭންޑުގެ އައިސްކްރީމްގެ ތެރެއިން ތަޣައްޔަރުވެފައިވާ ބެޗުތައް ނުވިއްކަން އަންގާފަ އެވެ.
އެ އޮތޯރިޓީން ބުނީ އެ އައިސްކްރީމް ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެންގުމާއެކު ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެފްޑީއޭއިން ވަނީ ކެމިކަލުން ތަޣައްޔަރުވެފައިވާ އައިސްކްރީމްގެ ބެޗުތަކާއި ފްލޭވާތައް އާންމުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ވެނީލާ ފްލޭވާގެ އައިސްކްރީމެވެ.













