ދ. ކުޑަހުވަދޫގައި މީހަކަށް ހާޓް އެޓޭކެއް ޖެހުމުން އެމަޖެންސީކޮށް މާލެ ގެންގޮސްނުދެވުމުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް އެ އެއާޕޯޓް ހިންގަމުންދާ މަންޓާ އެއާ އިން މިއަދު ބުނެފި އެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަންޓާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ އޭގެ ސަބަބުން ކަނޑިންމަ ރިސޯޓުން ފުރަން ވެގެން އެއާޕޯޓަށް އައިސް ތިބި 12 ޓޫރިސްޓުން ވެސް ނުފުރި ތާށިވެގެން ތިބި ކަމަށެވެ.
"ހަތަރު ކުޑަކުދިންނާއި އަށް ޓޫރިސްޓުން ރޭ ހަތަރުދަމު އެއާޕޯޓުގައި ތިބީ، ނުހުންނާނެ އެ ތަނުގައި ނިދޭނެ ގޮތެއް ވެސް، އެ ތަނުގައި ހުންނަ ލައުންޖު ތެރޭގައި ބައިތިއްބައިގެން ހެނދުނު ގެންދެވުނީ، ހުންނާނީ ސްނެކްސް އާއި ޑްރިންސް ކަހަލާ ކާލާނެ ތަކެތި އެކަނި،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ އާންމުންގެ ތެރެއިން ބަޔަކު ހިންގި އެ ހަމަނުޖެހުމަކީ ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ދެވުނު ވަރަށް ނުބައި މެސެޖެއް ކަމަށާއި ސަރުކާރުން އެ ކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
"މައްސަލަ ހައްލު ނުވާތީ މަންޓާގެ އެއްވެސް ފްލައިޓެއް މިއަދު އަދި ދަތުރު ނުކުރޭ، މި ވަގުތު އެއާޕޯޓުގެ އޮޕަރޭޝަން ވެސް އޮތީ ހުއްޓިފައި، މި ދަނީ މައްސަލަ ހައްލު ކުރަން ވެގެން ސަރުކާރާ މަޝްވަރާ ކުރަމުން، މިއީ ވަރަށް ޕޮލިޓިކަލް މޯޓިވްގައި ކުރި ކަމެއް ކަންނޭނގެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެއާޕޯޓުން ބަލި މީހުން އުފުލައިދީ ނުހަދަ އެވެ. އަދި އެ މީހާގެ ބަލި ހާލަތު އެއާޕޯޓުގެ މުވައްޒަފުންނަށް އެނގުނީ ވެސް ފަހުން ކަމަށެވެ. އެނގުމާއެކު އުފުލައިދޭން މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ މީހުން މުޒާހަރާ ކުރަމުން ދަނީ އެރަށުގެ ފެނަކައިގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ފާރިހް ނަމަކަށް ކިޔާ މީހަކަށް ހާޓް އެޓޭކެއް ޖެހުމުން އެމަޖެންސީކޮށް މާލެ ގެންގޮސްދިނުމަށް އެދުމުން އެއާޕޯޓުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ.
ރެއިން ފެށިގެން އެ ރަށު އެއާޕޯޓް ސަރަހައްދުގައި ދަނީ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑު އުފުލަމުންނެވެ. އަދި ރެއިން ފެށިގެން ވަނީ އެ އެއާޕޯޓުގެ ބޭރުގައި މީހުންނަށް ނުނިކުމެވޭނެހެން ޓިނުޖަހާ ބަންދުކޮށްފަ އެވެ.
މި މުޒާހަރާ ކުރަމުން ދިޔަ ސަރަހައްދަށް ފުލުހުން ދިޔައިރު، ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގި އެވެ. އަދި ފުލުހުންނާ ކުރިމަތިލި 33 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ފުލުހުން ހައްޔަރު ކުރި އެވެ.
މުޒާހަރާކުރަން ކުޑަހުވަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވާއިރު، ބަލި މީހުންނާއި، ހާލުބޮޑު ސީރިއަސް ބަލި މީހުންވެސް އުފުލޭނެ އިންތިޒާމުތައް އެއާޕޯޓުން ހަމަޖެއްސައި ނުދޭނަމަ މުޒާހަރާ ނުހުއްޓާނެ ކަމަށްވެސް ދަނީ ބުނަމުންނެވެ.












